ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
"ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މީގެ ކުރިން ލަފާދީފައެވެ.
އެހެންކަމުން ހޯމަ ދުވަހު އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމާއި މެދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުއިއްޒު ނިންމެވީ ކެބިނެޓްގެ ބޭފުޅުންގެ މަޝްވަރާ އާއި އެކުގައެވެ.
ސަރުކާރުން ބުނިގޮތުގައި މިފަދަ ޓްރީޓީއެއްގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމުގެ އިތުރުން، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން މި ޓްރިޓީގެ ދަށުން، އެ ޤައުމެއްގެ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި، ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.
މަޖިލީހުން މި ޓްރީޓީއަށް ރުުހުން ހޯދަން ނިންމާފައިވާ އިރު 20 ވަނަ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އެބައޮތެވެ. ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ ގޮތުގައި އެކަނި ވެސް 75 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ.