ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 23:23
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ
ރޮއިޓާސް
އެމްބާޕޭ
އެންމެން ވެސް ހީކުރީ ރަނގަޅަށް، އެމްބާޕޭ ރެއާލް އަށް ސޮއިކޮށްފި
އޭނާ ސޮއިކުރީ 2029ގެ ނިޔަލަށް، މުސާރައަކީ އަހަރަކު 15 މިލިއަން ޔޫރޯ

އެންމެން ވެސް ހީކުރި ގޮތަށް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ސްޕޭނުގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.

ފްރާންސްގެ ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަކުރަން، މިވަގުތު ހުސްކޮށްކުރި ފޯވަޑްގެ ކޮންޓްރެކްޓް ރެއާލްއިން ހާމަކުރާނީ އަންނަ ޖުލައި މަހު އެއްވަނަ ދުވަހު ޓްރާންސްފާ މާކެޓް ހުޅުވުމުންނެވެ. އެއީ ރަސްމީކޮށް އޭނާ ޕީއެސްޖީއާއަކު ހަދާފައިވާ ކޮންޓްރެކްޓް ނިމެން ބާކީ 27 ދުވަސް އޮތުމުންނެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އެމްބާޕޭ ދައްކާލުމުގެ ރަސްމިއްޔާތު ބާއްވާނީ މި މަހު 14ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ.

އުމުރުން 25 އަހަރުގެ ފޯވަޑަކީ މވަގުތު ދުނިޔޭގައި ހުރި އެންމެ އިތުބާރު އަދި ޑިމާންޑް ބޮޑު ފޯވަޑެވެ. ފްރާންސްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އެމްބާޕޭ ރެއާލް އަށް މި ގެންދެވުނީ އޭނާގެ ސޮއި ހޯދުމަށް އެކުލަބން ދެ ފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނިކޮށެވެ. މި ފަހަރު މިކަން ކާމިޔާބުވީ އެމްބާޕޭގެ ވެސް ބޮޑާހޭކުންތަކާއެކުގަ އެވެ. ޕީއެސްޖީން ހިންގާ ގަތަރުގެ މަހުޖަނުންނާއި ފްރާންސްގެ ސަރުކާރުން ހާއްސަކޮށް ރައީސް ނިކޮލާ ސާކޯޒީގެ ޕީއެސްޖީގައި މަޑުކުރަން ބުނުމުން އޭނާ ވަނީ ހުށަހެޅުންތަކަށް ދެކޮޅު ހަދައިފަ އެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމްބާޕޭ ސްޕޭނާއި ޔޫރަޕުގެ ޗެމްޕިއަން ޓީމަށް ސޮއިކުރީ 2029ގެ ނިޔަލަށެވެ. މުސާރައިގެ ގޮތުގައި އޭނާ އަށް އަހަރަކު 15 މިލިއަން ޔޫރޯ ލިބޭނެ އެވެ. މީގެ އިތުރުން ބޯނަސް އާއި އިމޭޖް ރައިޓުން ވެސް އޭނާ އަށް ފައިސާ ލިބޭނެ އެވެ.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ - ރޮއިޓާސް

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދީ އެ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭ އަކީ 2022ގެ ވޯލްޑްކަޕުގެ ރަންބޫޓު ހާސިލްކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2017 ވަނަ އަހަރުން ފެށިގެން ޕީއެސްޖީ އަށް 256 ގޯލު ޖަހައި ކުލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ރެއާލް އަށް ބަދަލުވެ، ސްޕޭނުގައި ދިރިއުޅުން ފެށުމުގެ ގޮތުން އެމްބާޕޭ އާއި އޭނާގެ އާއިލާއިން ވަނީ ސްޕޭނަށް ދަތުރުކޮށް ދެ ސަރަހައްދަކުން އަގުބޮޑު ގެތައް ބަލައިފަ އެވެ. އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ދިރިއުޅުނުގެ 18 މިލިއަން ޔޫރޯ އަށް ގަތުމަށް ވެސް އެމްބާޕޭ ވަނީ ނިންމައިފަ އެވެ.

ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ބޮޑު އަގުގައި ގެންދިއުމުގެ ސަގާފަތެއް އޮތް ކުލަބެކެވެ. އެމްބާޕޭގެ ކުރިން އެކުލަބުން މިދިޔަ ސީޒަނުގައި ގަތް ކުޅުންތެރިއަކީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް