ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ތިން ލަނޑު ޖެހިއިރު، ސެވިއްޔާ އިން އެއް ލަނޑު ޖެހި އެވެ. ދެ ވަނަ ހާފުގައި ރެއާލް އިން ހަތަރު ވަނަ ލަނޑެއް ޖެހިއިރު، ސެވިއްޔާ އިން ވެސް ލަނޑެއް ޖެހި އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެ ދިހަ މިނެޓު ފަހުން ފެޑެރިކޯ ވަލްވާޑޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ އެޑުއާޑޯ ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ.
ރެއާލް އިން ތިން ވަނަ ލަނޑެއް ޖެހިތާ މިނެޓެއް ފަހުން، ސެވިއްޔާގެ ފުރަތަމަ ލަނޑު ޖެހީ އިސާކް ރޮމޭރޯ އެވެ. އެއީ ހުއާންލޫ ސަންޗޭޒް ތަނަވަސްކޮށްދިން ފުުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ސެވިއްޔާގެ ދެ ވަނަ ލަނޑު ޖެހީ ޑޯޑީ ލުކެބަކިއޯ އެވެ.
މޮޅާއެކު ރެއާލް އިން ވަނީ ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ދެ ވަނަ އަށް ޖެހިލައިފި އެވެ. ދެ ވަނައިގައި ރެއާލް އޮތީ 40 ޕޮއިންޓާ އެއު އެވެ. ތިން ވަނައިގައި ބާސެލޯނާ އަށް 38 ޕޮއިންޓު ލިބެނީ 19 މެޗުންނެވެ. އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑު އޮތީ 18 މެޗުން 41 ޕޮއިންޓާ އެކު އެވެ.