ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 18:45
2020 ގައި ޗައިނާއިން ވަނީ ޗަންގާ-5 ހަނދަށް ފޮނުވައިގެން ހަނދުން 1.7 ކިލޯގެ ތަކެތި ދިރާސާ ކުރުމަށް ގެނެސްފައި
2020 ގައި ޗައިނާއިން ވަނީ ޗަންގާ-5 ހަނދަށް ފޮނުވައިގެން ހަނދުން 1.7 ކިލޯގެ ތަކެތި ދިރާސާ ކުރުމަށް ގެނެސްފައި
ގެޓީ އިމޭޖަސް
ސްޕޭސް ކްރާފްޓް ޗަންގާ-6
ޗައިނާގެ ސްޕޭސް ކްރާފްޓް ކާމިޔާބު ކަމާއެކު ހަނދުގެ ދުރުފަރާތުގައި ފުރަތަމަ ފަހަރަށް ޖައްސައިފި
މި އުޅަނދުން ހަނދުން ހިލަޔާއި ވެލީގެ ސާމްޕަލް ނަގާނެ ކަމަށްވެސް ޗައިނާގެ ސްޕޭސް އޭޖެންސީން ބުނޭ
ހަނދުގެ މި ސަރަހައްދަކީ އަދި މިހާތަނަށް އެއްވެސް އުޅަނދެއް ގޮސްފައިވާ ހިސާބެއް ނޫން

ޗައިނާގެ ސްޕޭސް ކްރާފްޓް ޗަންގާ-6 ކާމިޔާބު ކަމާއެކު ހަނދުގެ ދުރުފަރާތުގައި ފުރަތަމަ ފަހަރަށް ޖައްސައިފިއެވެ.

ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނީ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ޖެއްސީ އާދިއްތަ ދުވަހު ޗައިނާ ގަޑިން ހެނދުނު 6:23 ގައި ކަމަށެވެ.

މި އުޅަނދު ދުނިޔޭން އުދުއްސާލީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މި އުޅަނދުން ހަނދުން ހިލަޔާއި ވެލީގެ ސާމްޕަލް ނަގާނެ ކަމަށްވެސް ޗައިނާގެ ސްޕޭސް އޭޖެންސީން ބުނެއެވެ. ހަނދުގެ މި ސަރަހައްދަކީ އަދި މިހާތަނަށް އެއްވެސް އުޅަނދެއް ގޮސްފައިވާ ހިސާބެއް ނޫނެވެ. ޗައިނާ އިން އުއްމީދު ކުރާ ގޮތުގައި ހަނދުގެ ދެކުނު ތަނޑީގައިވާ ބޮޑު އަޑިގަނޑުން ހަނދުގެ އެންމެ ދުވަސްވީ ހިލައިގެ ސާމްޕަލްތައް މި ދަތުރުގައި ދިރާސާތަކަށް ދުނިޔެއަށް ގެނެވޭނެއެވެ.

ޗައިނާ އިން ބުނީ އަބަދުވެސް ދުނިޔެއާ ފެޔަށް އިންނަ ހަނދުގެ ދުރު ފަރާތައް އުޅަނދު ވާސިލް ވުމުން އުޅަނދާ މުއާސަލާތް ކުރުމަށް ވަރަށް ދަތިވުމާއެކު އުޅަނދު ޖެއްސީ ވަރަށް ބޮޑު ރިސްކް އާ އެކު ކަމަށެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާ ނިއުސް އޭޖެންސީން އުޅަނދު ހަނދުގައި ޖެއްސުމާ ބެހޭ ގޮތުން ބުނެފައިވަނީ މިއީ "ތާރީޚީ ވަގުތުކޮޅެއް" ކަމަށެވެ.

މި އުޅަނދު ހަނދުން ސާމްޕަލް އެއް ކުރުމުގައި 3 ދުވަހުގެ މުއްދަތެއް ހޭދަ ކުރާނެއެވެ.

ސައިންސްވެރިން އުއްމީދު ކުރާ ގޮތުގައި މި އުޅަނދުން އެއްކުރާ ސާމްޕަލް ތަކުގެ ދިރާސާއިން މުހިންމު އެތައް ސުވާލަކަށް ޖަވާބު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޕްލެނެޓްތަކުގެ އުފެދުމާއި، ސޯލާ ސިސްޓަމްގައި ފެން އުފެދުނީ ކިހިނެއްތޯ ބެލުމުގެ ހޯދުންތައް ހޯދޭނެއެވެ.

މި މިޝަންގައި ތޮރުފައިގެންނާއި، މެކޭނިކަލް އަތެއް ބޭނުން ކޮށްގެން ގާތްގަނޑަކަށް 2 ކިލޯގްރާމްގެ ސާމްޕަލް ހަނދުން ނަގާނެ ކަމަށްވެސް ސައިންސްވެރިން ބުނެފައިވެއެވެ.

ހަނދުގެ ދެކުނު ތަނޑީގެ ދިރާސާތަކަށް ސައިންސްވެރިންގެ ޝައުގުވެރިކަން ބޮޑުވެފައިވަނީ އެ ސަރަހައްދުގައި އައިސް ހުރެދާނެ ކަމަށް އުއްމީދު ކުރެވޭތީ ކަމަށްވެއެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި ހަނދުން ފެން ފެނިއްޖެނަމަ ސައިންޓިފިކް ދިރާސާތަކަށް އިންސާނުން ތިބެވޭ ދާއިމީ މަރުކަޒެއް ހަނދުގައި ގާއިމް ކުރުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.

މި އުޅަނދުން ގެންނަ ސާމްޕަލްތައް ދިރާސާ ކުރުމަށް ފުރުސަތު ދިނުމުގައި އިސްކަންދޭނީ ޗައިނާގެ ސައިންސްވެރިނަށް ކަމަށާއި އޭގެ ފަހުން އެހެން ގައުމުތަކަށް ނިސްބަތްވާ ސައިންސްވެރިނަށް ދިރާސާ ކުރުމަށް ހިލައިގެ ސާމްޕަލް ފޯރުކޮށްދޭނެ ކަމަށް ޗައިނާ އިން ބުނެފައިވެއެވެ.

މިއީ ހަނދުން ސާމްޕަލް އެއްކުރުމަށް ޗައިނާއިން ހަނދަށް ފޮނުވި 2 ވަނަ މިޝަންއެވެ.

ޗައިނާއިން ވަނީ 2020 ގައި ޗަންގާ-5 ހަނދަށް ފޮނުވައިގެން ހަނދުން 1.7 ކިލޯގެ ތަކެތި ދިރާސާ ކުރުމަށް ގެނެސްފައެވެ.

ޗައިނާއިން ގެންދަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިންސާނުންނާ ނުލާ އިތުރު 3 ދަތުރެއް ހަނދަށް ކުރާށެވެ. ދަތުރު ތަކުގެ ބޭނުމަކީ ހަނދުން ފެން ހޯދުމާއި، ދާއިމީ މަރުކަޒެއް ހަނދުގައި ގާއިމް ކުރުމަށް މަސައްކަތް ކުރުމެވެ.

ޗައިނާ އިން ގަސްދު ކޮށްފައިވަނީ 2030 ހިސާބުގައި އެ ގައުމުގެ އެސްޓްރޯނަޓުން ހަނދުގައި ހިނގުމެވެ.

- ކޮމެންޓް