ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 20:58
ހަންގެރީގެ ބޮޑު ވަޒީރު ވިކްޓަރ އޯބެން
ހަންގެރީގެ ބޮޑު ވަޒީރު ވިކްޓަރ އޯބެން
ރޮއިޓާސް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ދުނިޔެ ބޮޑު ހަނގުރާމަ އަކާ ދިމާލަށް ދާ ކަމަށް ހަންގެރީގެ ބޮޑުވަޒީރު ވިދާޅުވެއްޖެ
ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގެ ވާހަކަ އަކީ "ކަންބޮޑުވާ" ވާހަކަތަކެއް ކަމަށް އޯބެން ވިދާޅުވި

ނޭޓޯގެ ގައުމުތަކުން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި އަދާ ކުރަމުންދާ ރޯލުގެ ސަބަބުން ބޮޑު ހަނގުރާމަ އަކާ ގާތްވަމުން ދާ ކަމަށް ހަންގެރީގެ ބޮޑު ވަޒީރު ވިކްޓަރ އޯބެން ހުކުރު ދުވަހު ވިދާޅުވެ، ނޭޓޯގެ މެމްބަރު ގައުމުތަކަށް އިންޒާރެއް ދެއްވައިފިއެވެ.

އޯބެން މިހެން ވިދާޅުވި ދަނޑިވަޅަކީ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިވެދޭ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި، ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ކުރަމުންދާ ވަގުތެކެވެ.

ޔޫކްރެއިންނަށް ހަނގުރާމައިގައި ރަޝިއާ އަށް ހަމަލާ ދިނުމުގައި ހުރި ހުރަސްތައް ނޭޓޯގެ މެމްބަރުން ނައްތާލުމަށް ބާރު އަޅުއްވާ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވަނީ ދާދި ފަހުން ވާހަކަފުޅު ދައްކަވާފައެވެ.

އޯބެން ވިދާޅުވީ، ފަރަންސޭސި ސިފައިން ޔޫކްރެއިނަށް ގޮސް އެ ގައުމުގެ ސިފައިން ތަމްރީން ކުރުމުގެ ވާހަކަ އާއި ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގެ ވާހަކަ އަކީ "ކަންބޮޑުވާ" ވާހަކަތަކެއް ކަމަށާއި، މި ވާހަކަތަކުން ބޮޑު ހަނގުރާމަ އެއްގެ ރިސްކު ބޮޑު ވެގެން ދާ ކަމަށެވެ.

ނޭޓޯ އިން މެމްބަރު ގައުމުތައް ދިފާއު ކުރުމުގެ ބަދަލުގައި، ބޮޑު ހަނގުރާމަ އަކާ ދިމާލަށް ގެންދިއުމަކީ މޮޔަކަމެއް، އެއީ އަލިފާން ނިއްވަން އަލިފާން ރޯވާ އެއްޗެއް ބޭނުން ކުރުން ކަހަލަ ކަމެއް.
ހަންގެރީގެ ބޮޑު ވަޒީރު ވިކްޓަރ އޯބެން

ޔޫކްރެއިން ގައި ރަޝިއާ އިން ހިންގާ ރަޝިއާ އިން ބުނާ "ސްޕެޝަލް މިލިޓަރީ އޮޕަރޭޝަން" އާ މެދު ނޭޓޯގެ އެހެން ގައުމުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތާ އޯބެންގެ ވިސްނުންފުޅު ހުންނަ ގޮތް ވަރަށް ތަފާތު ކަން ކުރިންވެސް އޮތީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓް