ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 08:52
ކުރީ އަހަރުގެ މުބާރާތެއްގައި ކުޑައައްޔަ
ކުރީ އަހަރުގެ މުބާރާތެއްގައި ކުޑައައްޔަ
ސިޑިބަރި
މޯލްޑިވްސް ޕްރޯ 2024
މިއަހަރުގެ މޯލްޑިވްސް ޕްރޯ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހު
މުބާރާތް ކުރިއަށް ދާނީ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ނުވަ ވަނަ ދުވަހުގެ ނިޔަލަށް، ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި

އައިބީސީގެ ވޯލްޑް ޓުއާ އިވެންޓް، މޯލްޑިވްސް ޕްރޯ މިއަހަރުގެ އޯގަސްޓު މަހު ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް ޕްރޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، 2023 ވަނަ އަހަރުގެ މުބާރާތް ވެސް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފަ އެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާނެ ތިން ވަނަ އަހަރެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ނުވަ ވަނަ ދުވަހުގެ ނިޔަލަށް، ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ. މިއަހަރުގެ މުބާރާތުގައި ވެސް ތިން ޑިވިޝަން ކުރިއަށް ދާނެ އެވެ. އެއީ މެންސް އޯޕަން، ވޮމެންސް އޯޕަން އަދި ޕްރޯ ޖޫނިއާ ޑިވިޝަން އެވެ.

މޯލްޑިވްސް ޕްރޯ އެންމެ ފުރަތަމަ އޮތް އަހަރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ރާއްޖޭގެ އެތުލީޓަކީ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ. އާމިން ވަނީ އެ އަހަރުގެ ޕްރޯ ޖޫނިއާ ބައިގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތަށްފަހު އާމިން އަށް ދުނިޔޭގެ ރޭންކިން އިން ޗެސް ފުރުސަތު ލިބުނެވެ.

އެ މުބާރާތުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޯޑީބޯޑަރު އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) ވެސް ވަނީ ރަނގަޅު ވާދައެއްކޮށް، ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. އެ މުބާރާތުގަައި ކުޑަ އައްޔަ ވަނީ އޭރު ދުނިޔޭގެ އެއް ވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ވެސް ބަލިކޮށްފަ އެވެ. އެއަހަރު ކުޑަ އައްޔަ ޑްރޮޕްނީގެ ސެމީ ފައިނަލްގައި ވާދަކުރިއިރު، ޑްރޮޕްނީގެ ދުނިޔޭގެ ރޭންކިންގައި ވެސް ކުޑަ އައްޔަ ވަނީ ހިމެނިފަ އެވެ.

ރާއްޖޭގައި އައިބީސީ ވޯލްޑް ޓުއާގެ އިވެންޓެއް ބާއްވާއިރު، މިއީ ރާއްޖޭގެ ބޮޑީބޯޑަރުންނަށް އެ މީހުންގެ ހުނަރު އިތުރަށް ދައްކާލަން ލިބޭ ވަރަށް ފަހު ފުރުސަތެކެވެ. މި މުބާރާތް ރާއްޖޭގައި މީގެ ކުރިން ބާއްވާފައިވާލެއް ފުރިހަމަ ކަމާއި، އިންތިޒާމުތަކުގެ ފުރިހަމަ ކަމަށް އައިބީސީގެ ޓީމުން ވެސް ވަނީ މަރުޙަބާ ކިޔައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް