ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 13:31
ބަޔާންގެ ކޯޗުކަމާ ހަވާލުވި ބެލްޖިއަމްގެ ކޮމްޕެނީ
ބަޔާންގެ ކޯޗުކަމާ ހަވާލުވި ބެލްޖިއަމްގެ ކޮމްޕެނީ
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާންގެ ކޯޗަކަށް ކޮމްޕެނީ ހަމަޖައްސައިފި
ބަޔާންގެ ކޯޗުކަމާ ކޮމްޕެނީ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ހުސްވެފައިވާ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް، ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފި އެވެ.

އުމުރުން 38 އަހަރުގެ ކޮމްޕެނީ ބަޔާންގެ ކޯޗުކަމާ ހަވާލުވިކަން އެ ކުލަބުން ވަނީ ބުދަ ދުވަހު ހާމަކޮށްފަ އެވެ. ބަޔާންގެ ކޯޗުކަމާ ކޮމްޕެނީ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބަޔާނަށް އިރުޝާދު ދޭނެ އެވެ.

ބަޔާންގެ ކޯޗުކަމުގަ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް މަގާމުން ވަކިވާން ނިންމުމުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ޕްރެޝަރު ބޮޑުވުމުން ޓުޗެލް ވަނީ ބަޔާންގެ ކޯޗުކަމުން ވަކިވާން ނިންމައިފަ އެވެ. ނަމަވެސް ފަހުން ބަޔާނުން ވަނީ ޓުޗެލް ކުލަބުގައި ބަހައްޓަން މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާތަކުން އެއްވެސް އަލި މަގެއް ނުފެނި، ޓުޗެލް ވަނީ ނިންމުން ބަދަލު ނުކުރަން ނިންމައިފަ އެވެ.

ބަޔާނާ ހަވާލުވުމުގެ ކުރިން ކޮމްޕެނީ ހުރީ ބާންލީގެ ކޯޗުކަމުގެ މަގާމުގަ އެވެ. ބާންލީގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވި ބެލްޖިއަމަށް ނިސްބަތްވާ ކޮމްޕެނީ ވަނީ، ބާންލީ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓު ކޮށްދީފަ އެވެ. އެހެން ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ބާންލީ އިން މި ސީޒަން ނިންމާލީ ލީގު ތާވަލްގެ 19 ވަނައިގައި، ރެލިގޭޓު ވެގެން އެވެ.

މެންޗެސްޓަރ ސިޓީގެ ކެޕްޓަންކަން ކޮށްފައިވާ ކޮމްޕެނީ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު އެވެ. ބެލްޖިއަމްގެ ކުލަބަކަށް އިރުޝާދު ދިނުމަށްފަހު، ދެން އޭނާ ހަވާލުވީ ބާންލީއާ އެވެ.

ކޮމްޕެނީގެ އިތުރުން ބަޔާނުން ވަނީ ބައެއް އެހެން ކޯޗުންނާ ވެސް މަޝްވަރާ ކޮށްފަ އެވެ. އޭގެ ތެރޭގައި ކުރިން ބަޔާނަށް އިރުޝާދު ދިން އަދި މިހާރު ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ހޫލިއަން ނާގަލްސްމަންގެ އިތުރުން، ބަޔާ ލެވަކޫސަނަށް ކާމިޔާބުތަކެއް ހޯދައިދިން ޒަބީ އަލޮންސޯ ވެސް ހިމެނެ އެވެ. ނަމަވެސް އޭގެން އެއްވެސް ކޯޗަކާއެކު ބަޔާނަށް އެއްބަސްވުމަކަށް ނާދެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް