ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 12:35
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން
މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން
ރައީސް އޮފީސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024
ސްޕޯޓްސް އެވޯޑްސް ހަފްލާ އަންނަ މަހުގެ 27 ގައި
ފަނޑިޔާރު ނާފިޔު ވިދާޅުވީ، މިއަހަރުގެ އެވޯޑުގައި ވަނަތައް ހޮވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީތެރިކަން ހޯދާފައިވާނެ ކަމަށް

ސަރުކާރުން އިސްނަގައިގެން ބާއްވަމުން އަންނަ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަންނަ މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ކުޅިވަރު އެތުލީޓުންނާއި، ކުޅިވަރު ޚިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ޚާއްސަ އެވޯޑެއް ދޭން ފެށީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގަ އެވެ. އެންމެ ފުރަތަމަ އެވޯޑު ހަފްލާ ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ވެސް އެވޯޑު ހަފްލާ ބޭއްވިއިރު، މި ދެ އަހަރުގެ އެވޯޑު ހަލްފާގައި ވެސް ދުނިޔޭގެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތުން ވަނީ ބައިވެރިވެފަ އެވެ. މިއީ މި އެވޯޑު ބާއްވާ ތިން ވަނަ އަހަރެވެ.

ސްޕޯޓްސް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލް އިން ވަނީ އެވޯޑާ ގުޅުން ހުރި މައުލޫމާތު ޙިއްސާ ކުރުމަށް، ހެންވޭރު ބޯޅަ ގޭގައި ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ފަސް ފަނޑިޔާރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ މެޗު ކޮމިޝަަނަރު އަހުމަދު ޝާހިރު، ޤައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުއް ނާފިޔު ތަޢުފީޤު، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ޤައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާ އެވެ. މި ބޭފުޅުންނަކީ ކުރީ ދެ އަހަރު ވެސް ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސް ފަނޑިޔާރު ނާފިޔު ވިދާޅުވީ، މިއަހަރުގެ އެވޯޑުގައި ވަނަތައް ހޮވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީތެރިކަން ހޯދާފައިވާނެ ކަމަށެވެ. މިއަހަރުގެ އެވޯޑުގައި ވަނަތައް ހޮވުމުގައި އޭއައި ބޭނުން ކުރި ސަބަބަކީ، ތަފާތު ކުޅިވަރުތަކުގައި ޕޮއިންޓުދޭ އުސޫލުތަކުގައި ތަފާތު ހުރުމުން، ވަނަތައް ހޮވުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަ ކުރުން ކަމަށް ވެސް އިސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ނާފިޔު ފާހަގަކުރެއްވި ގޮތުގައި ބައެއް ކުޅިވަރުތަކަކީ ޓީމު ކުޅިވަރުތަކަށް ވެފައި، އަނެއް ބައި ކުޅިވަރުތަކަކީ އިންޑިވިޖުއަލް ކުޅިވަރުތަކަށްވުމުން ވަނަތައް ހޮވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އަނެއްކޮޅުން ބައެއް ކުޅިވަރު ތަކުގައި ހަށިގަނޑު ހުންނަ ގޮތަށް ބަލައިގެން ވަނަތައް ހޮވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ހަމައެހެންމެ، ކުޅިވަރު ނިންމާ ވަގުތަށް ބަލައިގެން ވެސް ވަނަތައް ހޮވާ ކުޅިވަަރުތައް ހުރި ކަމުގައި ނާފިޔު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެވޯޑުގައި ވަނަތައް ހޮވުމުގައި މުޅިން އަލަށް މިފަހަރު އޭއައި ބޭނުން ކުރުމުން، ވަނަތައް ހޮވުމުގައި ފަސޭހަތަކެއް ވެގެންދިޔަކަން ނާފިޔު ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން ފަނޑިޔާރުން ވަނީ މިއަހަރުގެ އެވޯޑަށް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ޙަރަކާތްތެރިވާ 18 އެސޯސިއޭޝަނުން ކުޅުންތެރިންގެ ނަންތައް ހުށަހަޅާފައިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރީ އަހަރުތަކާ އަޅާ ބަލާއިރު، އެސޯސިއޭޝަންތަކުން އަމަލު ކުރަމުން އަންނަ ގޮތްތައް ވަރަށް ބޮޑަށް ހަރުދަނާ ވެއްޖެ ކަމަށާއި، އެއީ އެވޯޑާ ގުޅިގެން އައި ބަދަލެއްގެ ގޮތުގައި ފާހަގަވާކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

ފަނޑިޔާރުން ވަނީ މިއަހަރުގެ އެވޯޑު ވެސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔަ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް