ނިމިދިޔަ 19 ވަނަ މަޖިލީހުގައި ތިބި އެމްޑީޕީ އަށް ނިސްބަތްވި މެމްބަރުންގެ ތެރެއިން ކުއްލި ގޮތަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ގުޅުނު މެމްބަރުންނަށް ބޭރުގެ އެމްބަސީތަކުން ބޮޑެތި މަގާމުތައް ހަމަ ޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.
އެމްޑީޕީން ބަދަލުވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުރީގެ މެމްބަރަކު ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އެމްބަސީ ތަކުން ވަޒީފާ ހަމަޖައްސައި ދިނުމަކީ ޕާޓީ ބަދަލު ކުރަން ދިން އޮފަރގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭނާ ކިޔައިދިން ގޮތުގައި، އެ ފަރާތްތަކުން މިހާރު ވަނީ ވަޒީފާ އަދާ ކުރަން އެދޭ އެމްބަސީ ތަކުގެ ޕްރިއޮރިޓީ ލިސްޓެއް ހުށަހަޅަން ބުނުމުން އެކަން ކޮށްފައި ކަމަށެވެ.
ވެއްޖެ ދެ ތިން އެމްބަސީއެއްގެ ނަން ޖަހާފައި ރައީސް އޮފީހަށް ފޮނުވާފައި.ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ކުރީގެ މެމްބަރު
ހަމަޖައްސައިދެނީ ކޮން ފެންވަރެއްގެ ވަޒީފާ އެއްތޯ އެހުމުން އޭނާ ބުނީ ޑެޕިއުޓީ އެމްބެސެޑަރ ފެންވަރުގެ ވަޒީފާ ހަމަ ޖެހޭނެ ކަމަށް އެމީހުންގެ ގާތުގައި ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ދެން އެއަށް ވުރެ ތަންކޮޅެއް ދަށް ވިޔަސް އޯކޭ. އެކަމު އެވަރު ވާނޭ ކަމަށް މި ބަލަނީ.ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ކުރީގެ މެމްބަރު
އެމްޑީޕީ އަށް ނިސްބަތްވި މަޖިލިސް މެމްބަރުން ޕީއެންސީއަށް ގުޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ. އެ ރަސްމިއްޔާތުގައި އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުއިއްޒެވެ.
އެމްޑީޕީން ޕީއެންސީ އަށް އޭރު ގުޅުނު މެމްބަރުންގެ އަދަދަކީ 13 އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރުގެ އެމްބަސީތަކުން ވަޒީފާ ހަމަޖައްސައިދެނީ އޭގެ ތެރެއިން އަލުން މަޖިލީހަށް އިންތިޚާބު ނުވާ އަދި އެކަމަށް އެދުނު މެމްބަރުންނަށެވެ.
އެމްޑީޕީން ވަކިވެ ސަރުކާރު ހިންގާ ޕީއެންސީ އަށް ގުޅުނު މެމްބަރުންނަށް ބޮޑެތި އޮފަރ ތައް ސަރުކާރުން ދިން ކަމުގެ ވާހަކަތައް އެ ދުވަސްވަރު ވަރަށް ބޮޑަށް ފެތުރުނެވެ.