ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލު އާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލީ ކަމެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ޔަހޫދީ ދައުލަތް އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ އަނިިޔާތަކާއި، އަދި މިފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ނަސްލު ދޮވެލުމަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، އިސްރާއިލު ރައްޔިތުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.
ނަމަވެސް ގަރާރުގެ މަސައްކަތް އެއްކޮށް ނުނިމި އޮއްވާ 19 ވަނަ މަޖިލިސް ނިމި 20 ވަނަ މަޖިލިސް ވަނީ ހުވާކޮށްފައެވެ. 20 ވަނަ މަޖިލީހުގައި ސުޕަރ މެޖޯރިޓީއާއެކު މަސައްކަތް ކުރަނީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނެވެ.
20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުމަށްފަހު މަޖިލީހުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައާއި ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ސާފު ޖަވާބެއް ނުދީ އެއީ ދެގައުމެއްގެ ދެމެދުގައި ހިނގަމުންދާ ދާހިލީ މައްސަލައެއްގެ ގޮތަށް ވަނީ ސިފަކޮށްފައެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އިސްރާއިލުގެ މައްސަލައަކީ އެކަމުގެ މާބޮޑު މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ ކަމަކަށް ނުވާތީ އެކަމުގައި މިވަގުތު މާބޮޑު އެއްޗެއް ދެންނެވޭކަށް ނެތް ކަމަށެވެ.
އިސްރާއިލުގެ މައްސަލައަކީ ވަރަށް ބޮޑު ފޮރިން، ދެ ގައުމެއްގެ ދޭތެރޭގައި ހިނގާ މައްސަލަތަކެއް. އެކަންކަމުގައި ސަރުކާރުން ވިސްނާފައި ފޮނުވާ އެގޮތަަކަށް ރައްޔިތުންނަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ނިންމަންޖެހޭ ކަމެއް ނިންމާނަން.ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
މި ސަރުކާރަށް 6 މަސް ވެގެން ދިޔަ އިރުވެސް، އިޒްރޭލު ޕާސްޕޯޓް މަނާނުކުރެވިގެން އުޅެނީ ސްޓޭންޑް ނުނެގިގެން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޔަހޫދީ ހަރުކަށި ދައުލަތް އިސްރާއިލުން ގައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ގަތުލައާންމާއި ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެއައުން މަނާކޮށް، ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ ސަރުކާރަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ވެސް ސަރުކާރުން ސާފު ޖަވާބެއް ނުދެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލު ޕާސްޕޯޓް ބޭންކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނަކީ ދިވެހިންގެ ވަރަށް ގާތް އަހުންނާއި އުހުތުންތަކެއް ތިބި ގައުމެއް ކަމަށެވެ. އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަންކުރުމަކީ އަބަދުވެސް ދިވެހިރާއްޖެއިން ނަގަމުން އަންނަ ސްޓޭންޑް ކަމަށާއި، މި ސަރުކާރުން ވަރަށް ބޮޑަށް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.
އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާފައިވާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި އަހަރުގެ އޭޕްރިލް 1 ގައެވެ.