ކ. މާލެ
|
28 މެއި 2024 | އަންގާރަ 18:54
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން ރަސްމީ ކޮށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި
މެދު އިރުމަތީގެ ސުލްހަ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނަށް މިނިވަންކަން ލިބުން

ފަލަސްތީން ދައުލަތެއްގެ ގޮތުގައި ގާއިމް ވުމަކީ މެދު އިރުމަތީގެ ސުލްހަ އަށް އޮތް ހަމަ އެކަނި ގޮތް ކަމަށް ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ބޮޑުވަޒީރު މިހެން ވިދާޅުވީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ސްޕެއިނުން ރަސްމީ ގޮތުން ބަލައިގަތުމަށް އެ ގައުމުގެ ކެބިނެޓްގައި އަންގާރަ ދުވަހު ނެގި ވޯޓުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

ފަލަސްތީންގެ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުގެ ކެބިނެޓުގައި ނެގި ވޯޓުން ވަނީ ބަލައިގަތުމަށް ފާސްވެފައެވެ.

ސްޕެއިންގެ ކެބިނެޓްގެ މި ނިންމުން ހާމަ ކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ޕިއަރ އެލެގްރިއާ އެވެ. ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްޕެއިން އިން ނިންމީ އިޒްރޭލާއި ފަލަސްތީނަށް ސުލްހަ ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ވިދާޅުވީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި ހުޅަނގު އައްސޭރި އާއި ގާޒާ ގުޅާލެވެން ޖެހޭނެ ކަމަށާއި އިރުމަތީ ޖެރުސަލަމް ވާން ޖެހޭނީ ފަލަސްތީންގެ ވެރި ރަށުގެ ގޮތުގައި ކަމަށް ސްޕެއިން އިން ދެކޭ ކަމަށެވެ.

ސްޕެއިން އިން ބުނެފައިވަނީ 1967 ގެ ކުރިން ކަނޑައަޅާފައިވާ ފަލަސްތީންގެ ބޯޑަރަށް ބަދަލު އަންނަ ގޮތަކަށް އެ ގައުމުން ބަލައި ނުގަންނާނެ ކަމަށެވެ. 1967 ގެ އަރަބި އިސްރާއީލް ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕް އަދި އިރުމަތީ ޖެރުސަލަމް ވާން ޖެހޭނީ ފަލަސްތީނުގެ ސަރަހައްދަށް ކަމަށް ވެސް ސްޕެއިނުން ބުނެފައިވެއެވެ.

ނޯވޭ އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި އަންގާރަ ދުވަހު ރަސްމީ ކޮށް ބަލައިގަތުމުގެ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު އެސްޕެން ބާރތް އައިޑޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނޯވޭ އަކީ ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވަކާލާތު ކޮށްފައިވާ ގައުމެއް ކަމަށެވެ. އަދި ނޯވޭ އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ރަސްމީ ކޮށް ބަލައިގަތުމަކީ ފަލަސްތީނާ ނޯވޭ އާ ދެމެދުގައިވާ ގާތް ގުޅުމަށް އެޅުނު މުހިން ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަނެއްކޮޅުން އަޔަލެންޑްގެ ކެބިނެޓުން އަންގާރަ ދުވަހު ވަނީ އެގައުމުން ރަސްމީ ކޮށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ފާސްކޮށްފައެވެ. ކެބިނެޓުން ފާސްކުރުމާއެކު އަޔަލެންޑުގެ ޕާލިމެންޓް އިމާރާތުގައި ފަލަސްތީންގެ ދިދަ ނެގިއެވެ.

ޔޫރަޕިއަން ޔޫނިއަން ގައި ހިމެނޭ 27 ގައުމުގެ ތެރެއިން 8 ގައުމުން ރަސްމީ ކޮށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ. އެ ގައުމުތަކަކީ ސްވިޑްން، ސައިޕްރަސް، ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސްލޮވާކިއާ، ރޫމޭނިއާ އަދި ބަލްގޭރިއާ އެވެ.

ކޮމެންޓް