ކ. މާލެ
|
27 މެއި 2024 | ހޯމަ 10:25
ރީޖަންޓް އިންޓަރނޭޝަނަލްގެ އެޕަރޓްމަންޓްތަކަކީ، އެކި ފަންތީގެ މީހުންނަށް އުޅެވޭނެހެން ތަރައްޤީ ކޮށްފައި ވާ އެޕަރޓްމަންޓްތަކެއް
ރީޖަންޓް އިންޓަރނޭޝަނަލް އެޕަރޓްމަންޓް
އެއް ފުރާޅެއްގެ ދަށުގައި 30000 މީހުންގެ އަވަށެއް!
މި ޢިމާރާތަކީ، އެ މީހަކު ހުންނަ ސަރަޙައްދެއްގެ ގޮތުން 36 ފަންގިފިލާ ނުވަތަ 39 ފަންގިފިލާގެ އިމާރާތެއް
ޢިމާރާތް އެންމެ ފުރަތަމަ ތަރައްޤީ ކުރީ 6 ތަރީގެ ލަގްޜަރީ ހޮޓަލެއްގެ ގޮތުގައި، ފަހުން އާންމުން ދިރިއުޅޭ އެޕަރޓްމަންޓްމަންޓުތަކަކަށް ހޮޓަލުގެ ތަންތަން ބައި ކުރެވިގެން ދިޔަ

ޗައިނާއަކީ ތާރީޚާއި ސަގާފަތާއި ކުރިއެރުމުގެ ނަޒަރުން ބަލާއިރު، ހަލުވި ދުވެލީގައި ބަދަލު ވަމުން އަންނަ ތަސްވީރެއް އޮތް ޤައުމެކެވެ. އާންމު އުސޫލުން ޤައުމެއްގެ ހާލަތު ގިންތި ކުރާ ބީދައިން ގިންތި ކުރަން ދަތި ޤައުމެކެވެ. ދުނިޔެ ބައްޓަން ކުރަމުންދާ ޤައުމެކެވެ. ވަކިން ޚާއްސަކޮށް، 'އޮލަނބު ތަރައްޤީ'ގެ ރޮނގުން، މުޅި ދުނިޔެ ޝޯޚް ކުރުވަމުން ދާ އުފެއްދުންތެރިންތަކެއް ޤައުމެކެވެ.

މި ހުރިހާ ވާހަކައެއް މި ދެއްކީ، ޗައިނާގެ ހޮންގްޖޯގައި ހުންނަ ރީޖަންޓް އިންޓަރނޭޝަނަލް އެޕަރޓްމަންޓް ޢިމާރާތުގެ ވާހަކަ ހިއްސާ ކުރުމުގެ ބޭނުމުގައެވެ. އާންމުން ދިރިއުޅޭ އެޕަރޓްމަންޓްތަކުގެ އިންޤިލާބެކޭވެސް ބުނެވިދާނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ރީޖަންޓް އިންޓަރނޭޝަނަލް މަޝްހޫރު ވެފައި ވަނީ، ސަބަބެއް ނެތިއެއް ނޫނެވެ. ޢިމާރާތެކޭ ކިޔަސް، އެއީ ހަމަ އަވަށެކެވެ. 30000 އެއްހާ މީހުން ދިރިއުޅެމުންދާ އެ ޢިމާރާތަކީ، އަވަށަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ލިބެން ހުރި ޢިމާރާތެކެވެ.

އިނގިރޭސި އަކުރުބައިގެ 'އެސް' އަކުރުގެ ބައްޓަމަށް އަޅާފައި ވާ ރީޖަންޓް އިންޓަރނޭޝަނަލް ޢިމާރާތަކީ، އެ މީހަކު ހުންނަ ސަރަޙައްދެއްގެ ގޮތުން 36 ފަންގިފިލާ ނުވަތަ 39 ފަންގިފިލާގެ ޢިމާރާތެކެވެ. ޗައިނާގެ ވިޔަފާރި މަރުކަޒީ ސިޓީ ކަމަށްވާ ހޮންގްޖޯގައި ރީޖަންޓް އިންޓަރނޭޝަނަލް ޢިމާރާތް އެންމެ ފުރަތަމަ ތަރައްޤީ ކުރީ 6 ތަރީގެ ލަގްޜަރީ ހޮޓަލެއްގެ ގޮތުގައެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ އާންމުން ދިރިއުޅޭ އެޕަރޓްމަންޓްމަންޓުތަކަކަށް ހޮޓަލުގެ ތަންތަން ބައި ކުރެވިގެން ދިޔަ މަންޒަރެވެ. އެތައް ހާސް މީހުންނަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ފުޑްކޯޓާއި، ފަތާ ފެންގަނޑުތަކާއި، ބޯކޮށުމާއި ޒީނަތްތެރިވުމުގެ ޚިދުމަތް ދޭ ފިހާރަތައްވެސް އެ ޢިމާރާތުގައި ހުރެއެވެ. ސުޕަރމާޓުތަކާއި، އިންޓަރނެޓް ކެފޭތައްވެސްމެއެވެ. ބޭނުން ކޮންމެ ޚިދުމަތެއްހެން ޢިމާރާތުގެ އެކި ފަންގިފިލާތަކުން ލިބެން ހުންނަ އިރު، ޢިމާރާތުން ނުކުންނާނެ ބޭނުމެއް ނެތެވެ.

ރީޖަންޓް އިންޓަރނޭޝަނަލް ފަރުމާ ކުރީ، ދުނިޔޭގައި 2 ވަނައަށް ތަރައްޤީ ކުރި 7 ތަރީގެ ހޮޓާ ކަމަށް ވާ ސިންގަޕޯރ ސޭންޑްސް ހޮޓެލްގެ ޗީފް ޑިޒައިނަރގެ ގޮތުގައިވެސް މަސައްކަތް ކުރި، އެލީޝާ ލޫއެވެ. ކާރޫބާރު ބޮޑު، ހަލަބޮލި ސަރަޙައްދެއްގައި ތަރައްޤީ ކުރި ރީޖަންޓް އިންޓަރނޭޝަނަލް ރަސްމީކޮށް ހުޅުވީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އިސާހިތަކު، އާންމުން ދިރިއުޅޭ ފްލެޓަކަށް އެތަން ބަދަލުވެގެން ދިޔައެވެ. ރީޖަންޓް އިންޓަރނޭޝަނަލްގެ ގިނަ ވަޒަންވެރިންނަކީ މަސައްކަތު މައިދާނުގައި އުޅޭ ޒުވާނުންނެވެ. ދާދި މިދާކަށް ދުވަހު ކޮލެޖު ނިންމާލި ނުވަތަ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުޑަތަންވެފައި ތިބި ޒުވާނުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެރިކަން ކުރާ 'އިންފްލުއެންސަރސް'ގެ އާބާދީވެސް ރީޖަންޓް އިންޓަރނޭޝަނަލްގައި މަދެއް ނޫނެވެ. ކުދި ވިޔަފާރިތައްވެސް އެހާމެ ގިނައެވެ.

ރީޖަންޓް އިންޓަރނޭޝަނަލްގެ އެޕަރޓްމަންޓްތަކަކީ، އެކި ފަންތީގެ މީހުންނަށް އުޅެވޭނެހެން ތަރައްޤީ ކޮށްފައި ވާ އެޕަރޓްމަންޓްތަކެކެވެ. ކުޑަދޮރު ނުހުންނަ އެޕަރޓްމަންޓްތަކުގެ މަހު ކުލި އުޅެނީ ގާތްގަނޑަކަށް 220 ޑޮލަރުގައެވެ. ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުންނަ ބޮޑެތި އެޕަރޓްމަންޓްތަކުގެ މަހު ކުލި، 550 ޑޮލަރަށްވެސް އަރައެވެ. 2 ލައްކަ 60 ހާސް އަކަ މީޓަރުގެ މައްޗަށް އެކުލެވޭ ރީޖަންޓް އިންޓަރނޭޝަނަލްގެ ޖުމްލަ އާބާދީއާ މެދު އެކި ގޮތްގޮތަށް ބަހުސް ކުރެވެއެވެ. ނަމަވެސް، ކޮންމެ ވަގުތެއްގައި ބެލި ކަމުގައި ވީ ނަމަވެސް، އެ ޢިމާރާތުގެ ތެރޭގައި 11000 އާއި 22000 އާ ދެމެދު އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ރީޖަންޓް އިންޓަރނޭޝަނަލްގެ މަންޒަރުތަކާއި، އެ ޢިމާރާތުގައި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ދައްކުވައިދޭ ވީޑިއޯތަކަކީ މިއަދު ހުޅަނގުގެ ޤައުމުތަކުގައިވެސް ވައިރަލް ވަމުން ދާ މަންޒަރުތަކާއި ވީޑިއޯތަކަށް ވަނީ ވެފައެވެ. ބައެއް ވީޑިއޯތަކަށް އެތައް މިލިއަން ވިއުޒްއެއްވެސް ވަނީ ލިބިފައެވެ. އެންމެ ގިނަ ބަޔަކު ހައިރާން ކުރުވާ ކަމަކަށް ވެފައި އޮންނަނީ، އަވަށަކުން ލިބެން ހުންނާނެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުރި ރީޖަންޓް އިންޓަރނޭޝަނަލް ޢިމާރާތުގައި ދިރިއުޅެމުންދާ މީހުންގެ ޢަދަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް