ކ. މާލެ
|
26 މެއި 2024 | އާދީއްތަ 15:54
ކުދިންތައް ކަރަންޓުގައި ޖެހުނު ފެންގަނޑު
ކުދިންތައް ކަރަންޓުގައި ޖެހުނު ފެންގަނޑު
އުނގޫފާރު.ކޮމް
އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުން
އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ކަރަންޓު ޖެހުނު ކުޑަ ދެކުދިންގެ ހާލު ރަނގަޅު
18 އަހަރުގެ ޒުވާނާ ވަނީ އިތުރު ފަރުވާއަށް ހޮނިހިރު ދުވަހު މާލެ ގެނެސްފައި

ކަރަންޓުގައި ޖެހުނު ކުޑަ ދެކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސިރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އުނގޫފާރުގައި ބުރާސްފަތި ދުވަހު ކަރަންޓު ޖެހިގެން ފަރުވާދެމުން ދިޔައީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖަކަށެވެ. މިކުދިންތައް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:40 ހާއިރުއެވެ.

ކަރަންޓުގައި ޖެހުނު ކުޑަ ދެކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އެ ދެކުދިން ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ ފަރުވާދެމުންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

ހާލު ސީރިއަސްވި 18 އަހަރުގެ ހުސެއިން އަތީކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނިތަފައެވެ. އަދި އޭނާގެ ހާލު ސިރިއަސްއެވެ. ހުކުރު ދުވަހުގެ ރޭ އުނގޫފާރު ހޮސްޕިޓަލުން ހެދި ޓެސްޓުތައް ދައްކާގޮތުން އަތީކުގެ ކިޑްނީއަށް ވަނީ ގެއްލުންވެފައެވެ. އަދި އެރޭ އޭނާގެ ޑައިލަސިސް ހަދާފައިވެއެވެ.

ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާއަކީ އޯޓިސްޓިކް ކުއްޖެކެވެ. ހާލުދެރަވި މި ޒުވާނާ ވަނީ ހޮނިހިރު ދުވަހު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައެވެ.

މި ތިން ކުދިން ކަރަންޓު ޖެހިފައިވަނީ މަގުމަތީގައި ހުރި ބައްތިއަކުން މަގަށް ކަރަންޓު ލީކުވެފައި ހުރުމުގެ ސަބަބުންނެވެ. އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އުނގޫފާރު ފެނަކަ ބުރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮލިހާއި އުނގޫފާރު ކައުންސިލާއި ގުޅިގެން މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ. ސައީދު ވިދާޅުވީ އެ ނެޓްވޯކަކީ ކައުންސިލުން ބަލަހައްޓާ ނެޓްވޯކެއް ކަމަށާއި، އެކަމާއި ގުޅުން ހުރި ޓެކްނިކަލް ކަންކަން ބަލަނީ ފެނަކައިން ކަމަށެވެ. އަދި ކައުންސިލުން އެދުމުން އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ސައީދު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކަމާއި ބެހޭ ތަޖުރިބާކާރެއް މިކަމުގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެއީ ކުރީގެ ނެޓްވޯކެއް ކަމަށާއި، މަގުތައް ހެދި އިރު ނެޓްވޯކަށް ގެއްލުންވެފައި ހުރިކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް