ކ. މާލެ
|
26 މެއި 2024 | އާދީއްތަ 10:52
މައިބަދަ ލެނބެން ފެށި ކަމުގައި ވީ ނަމަވެސް، ތަސައްރަފު ފުދި، ބޮޑު މީހެއްގެ ގޮތުގައި ހަޔާތުގެ ދުވަސްތައް ގުނަން ފެށުމާ ހިސާބަށްވެސް ބައެއް ފަހަރު ބަލީގެ އުނދަގުލެއް އުފުލަން ނުޖެހި ހުރެދާނެ
އެޑޯލަސަންޓް އިޑިއޮޕެތިކް ސްކޯލިއޯސިސް
ދަބަސް ބަރުވާތީ، ގުދު އަޅައިގެން އިންނާތީ ޝަކުވާ ކުރެވޭތަ؟ މައިބަދަ ލެނބުމާ އެކަމާ ގުޅުމެއް ނެތޭ ބުނެފިއްޔާ...؟
މައިބަދަ ލެނބުމާ ކުރިމަތިލާން ޖެހެނީ ދަބަސްތައް ބަރުވެގެންނާއި، އިށީނދެ އިނދެވޭ ގޮތުގައި މައްސަލަތަކެއް އުޅޭތީއެއް ނޫން، މި ހުރިހާ ކަމެއް ގުޅެނީ ސިކުނޑިއާ

ދަރިފުޅުގެ ދަބަސް އިންތިހާއަށް ބަރުވާތީ ޝަކުވާ ކުރެވެއެވެ. އެއްވެސް ކަމަކު ދަރިފުޅު ހުއްޓިލައިގެން ހުންނަ ހުރުމުގައި ނުވަތަ އިށީނދެލައިގެން އިންނަ އިނުމުގައި، ކުޑަ ނަމަވެސް ގުދެއް އަޅައިފިނަމަ އެކަމެއް ހުއްޓުވުމަށް ބާރު އެޅެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވެނީ، ދަރިފުޅުގެ މައިބަދައަށް ލިބިދާނެ ގެއްލުމަކުން އެ ކުއްޖާ ސަލާމަތް ކުރުމުގެ އުންމީދުގައެވެ. ޢުމުރުން ދުވަސްވަމުން ދާ ވަރަކަށް، ބުރަކަށީގައި އަޅާ ވޭނާއި، އުނަގަނޑުގައި ރިހޭ ރިހުމުން އެ ދަރިފުޅު ސަލާމަތް ކުރަން ބޭނުންވާލެއް ބޮޑުކަމުންނެވެ. ނަމަވެސް، ކަން އޮތީ މުޅިން އެހެންނަކުން ނޫނެވެ. މައިބަދައަށް ލިބިދާނެ އަނިޔާތަކުން ދަރިފުޅު ސަލާމަތް ކުރުމުގެ ނިޔަތުގައި މި ކުރެވޭ ކަންކަމުން، މައިބަދައަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އެހީއަކަށް ނުވެއެވެ.

ސިންގަޕޯރ ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) އާއި ނޭޝަނަލް ނިއުރޯސައެންސް އިންސްޓިޓިއުޓް (އެންއެންއައި) އިން 2020 ވަނައަހަރު ކުރި ދިރާސާއަކަށް ބަލަމާ ހިނގާށެވެ. އެ ދިރާސާ ބުނާ ގޮތުގައި މައިބަދަ ލެނބުން ނުވަތަ އެޑޯލަސަންޓް އިޑިއޮޕެތިކް ސްކޯލިއޯސިސް (އޭއައިއެސް) އާ ކުރިމަތިލާން ޖެހެނީ ދަބަސްތައް ބަރުވެގެންނާއި، އިށީނދެ އިނދެވޭ ގޮތުގައި މައްސަލަތަކެއް އުޅޭތީއެއް ނޫނެވެ. މި ހުރިހާ ކަމެއް ގުޅެނީ ސިކުނޑިއާއެވެ.

އޭއައިއެސްގެ ވޭން އުފުލަމުންދާ 16 ބައިވެރިއަކާއި، ޞިއްޙަތު ރަނގަޅު 18 ބައިވެރިއަކު ހިމަނައިގެން ޖުމުލަ 34 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ޝާޢިއުކޮށްފައިވަނީ މި ހިނގާ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، ކްލިނިކަލް ރޭޑިއޯލޮޖީގައެވެ. އޭއައިއެސް ޕޭޝަންޓުންގެ ސިކުނޑީގެ ސްކޭންތަކުން ދިރާސާވެރިންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ، ސިކުނޑީގެ މުލުން ވާތާއި ކަނާތް ފަޅި ގުޅަދޭ ކޯޓިކޯރެޓިކިއުލަރ ރާސްތާގެ މިންތަކުގައި ހަމަހަމަ ކަމެއް ނެތް ކަމެވެ. އަދި ސިކުނޑީގެ ބުޑާއި، މައިބަދަ ގުޅައިދޭ ޕޮންސްގައި ދުޅަކަމެއް ހުންނަ ކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އޭއައިއެސްއަށް ޑައެގްނޯޒް ވެފައި ނުވާ ބައިވެރިންގެ ސްކޭންތަކުގައި މިފަދަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

އޭއައިއެސްއަކީ ކުޑައިރުގެ ފަހުގެ އަހުރުތައް ނުވަތަ ފުރާވަރު ޢުމުރަށް އަޅައިގެން އަންނަ އިރު ބައެއް ކުދިންގެ ހަށިގަނޑުން ފާހަގަވާން ފަށާ އައިބު ކަމެކެވެ. މި އައިބުކަން ފާހަގަ ކުރެވޭނީ އާންމުކޮށް މައިބަދަ ހެދި ބޮޑުވާން ޖެހޭ ގޮތަށް ޚިލާފަށް، މައިބަދައިގައި ލެނބުމެއް ނުވަތަ ނުވަތަ އެއް ފަރާތަކަށް ގުދެއްލާފައި ހުންނަ ފަދަ ގޮތަކަށެވެ. ބައެއް ހާލަތްތަކުގައި ދެކޮނޑާއި، ހިޕް އަދި ވެއިސްޓްގެ ހަމަހަމަ ކަމެއް ނެތުން އަލާމާތްތައްވެސް ފާހަގަ ކުރެވިދާނެއެވެ. ހިޕްއާއި ވެއިސްޓްގެ ތަފާތު، ދިވެހި ބަހުން ކުރު ގޮތަކަށް ކިޔައިދެވޭތޯ ބަލަމާ ހިނގާށެވެ. ވެއިސްޓް މި ކިޔަނީ މަތި ހަށިގަނޑުން ތިރިއަށް އައިސް ހިމަ ވާން ފަށާ ހިސާބަށެވެ. އާންމު ގޮތެއްގައި އެއީ ފޫޅަށް ވުރެ މަތިން، މޭކަށިގަނޑަށް ވުރެ ތިރިއަށް އޮންނަ ހިސާބެވެ. ހިޕް އޭ މިކިޔަނީ ތިރީ ހަށިގަނޑުން، މުޅި މީހާގެ ޖުމުލަ ވަށަމުން ބަލާއިރު އެންމެ ބޮޑުކޮށް ހުންނަ ސަރަހައްދެވެ. ފޫކޮޅު މަސްގަނޑުވެސް ހިމެނޭނީ މި ސަރަހައްދުގައެވެ.

މައިބަދަ ލެނބެން ފެށި ކަމުގައި ވީ ނަމަވެސް، ތަސައްރަފު ފުދި، ބޮޑު މީހެއްގެ ގޮތުގައި ހަޔާތުގެ ދުވަސްތައް ގުނަން ފެށުމާ ހިސާބަށްވެސް ބައެއް ފަހަރު ބަލީގެ އުނދަގުލެއް އުފުލަން ނުޖެހި ހުރެދާނެއެވެ. ނަމަވެސް އޭއައިއެސް ހުންނަ ޕޭޝަންޓުންގެ 5 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ މީހުންނަކީ ބަލި ހާލަތު ގޯށްވެ، ނާރަށް ގެއްލުންވުމާއި، ނޭވާލާން ދަތިވުން ފަދަ އެތައް މައްސަލައަކާ ކުރިމަތިވެ، މައިބަދައިގެ ސީރިއަސް އޮޕަރޭޝަން ކުރަން ޖެހޭ ހާލަތަށް ދާ މީހުންނެވެ. އޭއައިއެސްގެ ތަކުލީފުތައް އުފުލުމުގެ ފުރުޞަތު، ފިރިހެނުންނަށްވުރެ 7 ގުނަ އިތުރަށް އަންހެނުންނަށް އޮންނަ ކަމަށްވެއެވެ.

ސްކޯލިއޯސިސްގައި ސިކުނޑިއާއި ޖިންސުގެ ދައުރަކީ ކޮބާ؟

ދިރާސާގެ އިސް މުސައްނިފެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޕްރޮފެސަރ ލޯ ޔިއު ލޯންގް ވިދާޅުވާ ގޮތުގައި، ކޯޓިކޯރެޓިކިއުލަރ ޕާތުވޭއަކީ ސިކުނޑީގެ ބޭރުން ރޫޖެހިފައި އޮންނަ ފަށަލައެއްގެ ގޮތުގައި ފެންނަން ކޯޓެކްސްއާއި ސިކުނޑީގެ މައި މޫ ގުޅާދޭ ރާސްތާއެވެ. އެއީ ބެލަންސް ކުރުމާއި، ކޮޅަށް ހުންނަ ހުރުމާއި އިށީނދެ އިންނަ ގޮތް ކޮންޓްރޯލް ކުރާ ރާސްތާއެވެ.

އޭއައިއެސް ޕޭޝަންޓުންގެ ކަނާތު ކޯޓިކޯރެޓިކިއުލަރއާއި ވާތު ކޯޓިކޯރެޓިކިއުލަރ ޕާތުވޭގައި 2 ޕަސެންޓާއި 3 ޕަސެންޓާ ދެމެދު ފަރަގެއް ހުރިކަމަށް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން ބެލަންސް ކުރުމުގައި އުނދަގޫތަކަކާ ކުރިމަތިވެ، އެއް ފަރާތަކަށް މައިބަދަ ލެނބުން ފަދަ މައްސަލަތައް ކުރިމަތިވެ، މަސްތަކުގެ ކޮންޓްރޯލް ގެއްލި ދަނީ ކަމަށް ޕްރޮފެސަރ ލޯ ފާހަގަ ކުރެއްވިއެވެ. އޭއައިއެސް ޕޭޝަންޓުންގެ ހަށިގަނޑުގައިވާ ޕޮންސްވެސް ސައިޒްގެ ގޮތުން ބޮޑެވެ. އާންމު މީހެއްގެ ހަށިގަނޑުގައިވާ ޕޮންސްގެ ސައިޒްއަކީ ބޮޑުވައި އިނގިއްޔެއްގެ ބޮޑުމިނެވެ. ނަމަވެސް އޭއައިއެސް ޕޭޝަންޓުންގެ ޕޮންސްގެ ސައިޒު، އެއަށް ވުރެ 8 ޕަސެންޓްއާއި 9 ޕަސެންޓްއާ ދެމެދު މިންވަރަކަށް ބޮޑެވެ.

އޭއައިސްއަށް ހުށަހެޅުމުގައި ޖިންސީ ފަރަގެއް އޮންނަ ޙަޤީޤީ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، އެކަން އެހެން ދިމާ ވަނީ، ދަރިމައިވުމުގެ ކަންކަމަށް އަންހެނެއްގެ ހަށިގަނޑު ބަދަލުވާ ބަދަލުވަށް އަހުލުވެރި ކުރުވަނިވި ގޮތަކަށް ލިގަމެންޓްތަކުގައި ދޫ ކަމެއް ހުންނާތީ ކަމަށް ވުން އެކަށީގެން ވާ ކަމަށް، ދިރާސާގެ އިސް މުސައްނިފެއް ކަމަށް ވާ، އެސޯސިއޭޓް ޕްރޮފެސަރ، ޑރ ރޫބެން ސޯ ވަނީ ވިދާޅުވެފައެވެ. ޢައިލީ ގޮތުން ވާރުތަވާ ޖީންސްއާއި ހޯމޯންގެ ދައުރެއް އޮތް ކަމަށްވެސް ޤަބޫލު ކުރެވެއެވެ. ނަމަވެސް ސާބިތު ހިފޭ ދިރާސާތަކެއް އަދި ހެދިފައެއް ނެތެވެ.

ދުރާލާ އޭއައިއެސް ދެނެގަނެވި، ރައްކާތެރިކަން ހޯދިދާނެތަ؟

އޭއައިއެސްއަކީ އެއް ކޮނޑަށް ބުރަ ބޮޑުވާ ގޮތަށް ބަރު ދަބަސް އެޅުމާއި، ތެދަށް ނުވަތަ ސީދަލަށް އިށީނދެ އިނުމުގެ އާދަ ކަށީގައި ހަރުލާފައި ނުހުރެގެން މެދުވެރިވާ ހާލަތެއް ނޫން ކަމަށް، ޞިއްހީ ދާއިރާގެ ހުރިހާ ފަންތިއެއްގައިވެސް ޤަބޫލު ކުރެއެވެ. އަދި އެއީ ކަނދުރާއާއި މައިބަދައަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވާ ގޮތެއް ނޫން ކަމަށްވެސް ޤަބޫލު ކުރެއެވެ. ކޯޓިކޯރެޓިކިއުލަރ ޕާތުވޭ އޮންނަނީ ސިކުނޑީގައެވެ. ކަނދުރާއާއި މައިބަދައަކު ނޫނެވެ.

އޭއައިއެސްއަކީ ޖެނެޓިކްސްއާއި ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ އިރު، ޅަ ޢުމުރެއްގައިވެސް އެކަން ދެނެ ގަތުމުގެ ފުރުޞަތު ލިބިދާނެ ކަމަށް ޕްރޮފެސަރ ލޯ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެސޯސިއޭޓް ޕްރޮފެސަރ ސޯ ވިދާޅުވާ ގޮތުގައި، ބަލީގެ އާލާމާތްތައް ފެންނަން ފެށުމުގެ ކުރިން އެ ބަލި ހުރިތޯ ބެލުމަށް ހެދޭނެ ޓެސްޓުތަކެއް ނެތެވެ. ފުރާވަރަށް އަޅައިގެން އައުމުގެ ކުރިން ބަލި ދެނެގަތުމަށް ސީދާ ގޮތުން ހެދޭނެ ޓެސްޓެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދުރު ރާސްތާގެ ފަރުވާ

މައިބަދަ ހެދި ބޮޑުވާ ގޮތާއި ސިކުނޑިއާ ދެމެދު އޮތް ގުޅުމާ  ބެހޭ އިތުރު މައުލޫމާތު ދެނެގަތުމަށްޓަކައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ދިރާސާތަކެއް ހަދަން ޖެހެއެވެ. އެފަދަ ދިރާސާއެއް ވެގެން ދާނީ، އޭއައިއެސްއަށް މިހާރު ދެވޭ ފަރުވާއަށް ބަދަލުތަކެއް ގެނުވަނިވި ދިރާސާއަކަށް ކަމުގައިވެސް ވެދާނެއެވެ. އެގޮތުން، ނާރުތަކުގެ ނިޒާމު މަސައްކަތް ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްގެން، މައިބަދަ ލެނބުމުގެ މައްސަލަ ކުޑަ ކުރުމުގެ ފުރުޞަތު ލިބުން ފަދަ ކަންކަން ކުރާނެ މަގު ތަނަވަސްވުން އެކަށީގެން ވާ ކަމަށް ޕްރޮފެސަރ ލޯ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭއައިސްގެ ތަކުލީފުތައް އުފުލަމުންދާ ޕޭޝަންޓުންނަށް މިވަގުތު އޮތް ފަރުވާއަކީ ސްކޯލިއޯސިސްއަށް ޚާއްސަކޮށްގެން ދޭ ފިޒިއޮތެރަޕީގެ ފަރުވާ އެކަންޏެވެ. އެއީވެސް ބަލި ހާލަތު މާ ސީރިއަސް ނޫން ކޭސްތަކުގައެވެ. ސީރިއަސްކަން ހުރި މިންވަރު މެދު މިނެއްގައި ހުންނަ ޕޭޝަންޓުންނަށް ތޯރަކޯލަންބާ ބްރޭސް ބޭނުންވެއެވެ. އަދި އެންމެ ހާލަތު ގޯސް ޕޭޝަންޓުންނަށް ސަރޖަރީ ހަދަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް