ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 17:01
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
އެޑިކްޝަން ރިސޯސް
މަގޭ ރިޕޯޓް
ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
މިއީ އަވަހަށް އޯވަރޑޯޒްގެ މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހަޅާ ކެމިކަލް ޑްރަގެއް
ބައިނަލްއަގުވާމީ ބާޒާރުގައި ދައުރުވާ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް އިދާރާތަކުން ނުދައްކާ
މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުން ވަނީ ޗައިނާ ވައިޓް ބޭނުންކުރާ ކަމަށް ބުނެފައި

ދާދި ފަހުން ހޯމް މިނިސްޓްރީން ވަނީ ޗައިނާ ވައިޓް ނަމަކަށް ކިޔާ ނުރައްކާތެރި ޑްރަގަކާއި ގުޅިގެން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ރާއްޖެއިން މި ބާވަތުގެ ޑްރަގު ފެނުކަމެއް ނުވަތަ ނޫންކަމެއް ހާމައެއް ނުކުރެއެވެ. ހޯމް މިނިސްޓްރީގެ މި ބަޔާނާއި ގުޅިގެން، އޭގައިވަ އިބާރާތް އޮތް ގޮތުން ގިނަ ބަޔަކު އަންނަނީ އެކަމަށް މަލާމާތްވެސް ކުރަމުންނެވެ.

މާ ސީރިއަސް ނޫން ގޮތަކަށް ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާންމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް" ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ ދައުރުކުރަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އަދި މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ، ނުރައްކާތެރި އެއްޗަކަށްވާތީއާއި މި ބާވަތުގެ މަސްތުވާތަކެއްޗަކީ، އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށެވެ. އެހެންކަމުން، މިކަން އާންމުންގެ ސަމާލުކަމަށް ގެންނަ ކަމަށް ހޯމް މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، ހޯމް މިނިސްޓްރީއާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާއި ގުޅުންހުރި މުއައްސަސާތަކާިއ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުން މި ޑްރަގް ރާއްޖޭގައި ދައުރުވަމުންދާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެ ބޭނުންކުރާއިރު ސަމާލުވުމަށް ބުނާ މޭރުމަކުން މާނަކުރެވެއެވެ. ނަމަވެސް ރާއްޖޭގައި މި ޑްރަގް ފެތުރި ޒުވާނުންތަކެއް ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. މިކަމާއި ގުޅޭ ވާހަކަތަކެއް ނުދައްކާ، ރައްކާވުމަށް ކުރެވޭ މަސައްކަތެއް ނޭނގި މި ވަބާ މިވަނީ ދިވެހިރާއްޖޭގެ އަސްކަނިން އެތެރެވެފައެވެ. މިއީ ސީރިއަސް މައްސަލައެކެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ގޮތަކަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޗައިނާ ވައިޓް ރާއްޖޭގައި ބޭނުންކޮށް، އެ މަސްތުވާތަކެތީގެ ސަބަބުން ބައެއް މީހުންގެ ފުރާނައަށް ނުރައްކާވެ ވަނީ އެޑްމިޓްކޮށްގެން އަވަސްފަރުވާވެސް ދޭންޖެހިފައެވެ. އެންމެ ނުރައްކާތެރި ހާލަތަކަށް ބަލާއިރު، ޒުވާނުންތަކެއް މި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ވަނީ ދުނިޔެ ދޫކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަދި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަލީ އަދީބު ވިދާޅުވަނީ މީހުންނާއި އިންޓަރވިއުކޮށް މަގުމައްޗަށް ނުކުމެ ހޯދި މައުލޫމާތުތަކުން އެނގުނީ ޗައިނާ ވައިޓް ރާއްޖޭގައި ބޭނުންކުރަމުންދާ ކަމެވެ. ޗައިނާ ވައިޓަކީ ފެންޓަނިލްގެ ވައްތަރެއް ކަމަށާއި، އެއީ ސިންތެޓިކް އޯޕިއެޓްއެއް ކަމަށެވެ. އަދީބު ވިދާޅުވަނީ ޔޫރަޕާއި އެމެރިކާ ހިސާބުގައި އޯޕިއެޓް ކްރައިސިސްއެއްގައި މީހުން މަރުވާ އެއް ޑްރަގަކީ ފެންޓަނިލް ކަމަށެވެ.

އަދީބު ވިދާޅުވާ ގޮތުން ޗައިނާ ވައިޓް ބޭނުންކުރެވޭ ވަރެއް އެއްގޮތަކަށްވެސް ނޭނގޭނެއެވެ. ކިތައްމެ ކުޑަ އެތިކޮޅަކުންވެސް މީހަކު މަރުވެދާނެ ކަމަށާއި، އޭގެ ޕޮޓެންސީ އާދައިގެ ޑްރަގަށްވުރެ މާ ބޮޑު ކަމަށެވެ. އަދި މިއީ ސީދާ ކެމިކަލް ބޭނުންކޮށްގެން ލެބޯޓަރީއެއްގައި އުފައްދާފައިވާ އޯޕިއެޓްއެއް ކަމަށް އަދީބު ވިދާޅުވެއެވެ.

ޗައިނާ ވައިޓް ގިނައީ އިންޖެކްޓް ކުރާލެއް މިހާރު. އަޅުގަނޑުމެންނާއި ވާހަކަ ދައްކާ މަސްތުވާތަކެތި ބޭނުންކުރާ ކުދިން ބުނަނީ ތިމަންނަމެން ގިނައިން އިންޖެކްޓޭ ކުރަނީ. މަސްތުވާއެއްޗެއް އިންޖެކްޓް ކުރުމަކީ މުޖްތަމައުގެ ތެރޭގައި އެހެން ބައްޔެއް ފެތުރިގެންދާނެ ފުރުސަތު ބޮޑުކަމެއް. ހެޕަޓައިޓަސް ކަހަލަ އެޗްއައިވީ ކަހަލަ އެއްޗެއް ފެތުރޭނީ.
އަލީ އަދީބު

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ބޭނުންކޮށްގެން ބައެއް މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ ބައެއް މީހުންގެ ހަށިގަނޑުން ޗައިނާ ވައިޓް ބޭނުންކުރުމުން ޖެހޭ އިންފެކްޝަންތަކެއް ފެނިފައިވާ ކަމަށާއި، އެމީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވައި ޑރ.މުހައްމަދު އަލީ ވިދާޅުވީ، ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޒުވާން އާބާދީ ހަލާކުވެގެންދާނެ ކަމަށެވެ.

ޗައިނާ ވައިޓް އަކީ ފެންޓަނައިލް އަށް ކިޔާ މަގުމަތީ ނަމެއް ނަމަވެސް ފެންޓަނައިލް އާއި އެކު ލޭސްކޮށްފައިވާ ހެރޮއިން އަށް ވެސް އިޝާރާތް ކުރެވިދާނެއެވެ. ފެންޓަނައިލް އަކީ އިންތިހާއަށް ވަރުގަދަ އަދި ނުރައްކާތެރި ސިންތެޓިކް އޮޕިއޯއިޑެއް ކަމުން ހާއްސަކޮށް ހެރޮއިން އާއި އެއްކޮށްގެން ބޭނުންކޮށްފިނަމަ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ފެންޓަނައިލް އަކީ 1960 ގެ އަހަރުތަކުގައި ބޭހުގެ ބާޒާރަށް ތައާރަފްކުރި އެއްޗެކެވެ. މިހާރު މިއީ ދިގުދެމިގެންދާ ބޮޑެތި ރިހުންތައް މެނޭޖްކުރުމަށް ޑޮކްޓަރުގެ ލަފާގެ މަތިން ލިބޭ ތަދުކެނޑުމުގެ ބޭހެއްގެ ގޮތުގައި ލިބެން ހުންނަ އެއްޗެކެވެ.

ސިއްރު ލެބޯޓްރީތަކުގައި ވެސް ގަވާއިދާ ހިލާފަށް ފެންޓަނައިލް އެނަލޮގް އުފައްދާފައިވާއިރު، އޭގެ ތެރެއިން މަދުވެގެން ދިހަ ވަރޝަނެއް ވަނީ ފެނިފައެވެ. އެނަލޮގްސް އަކީ އެހެން ބޭހާއި އެއްގޮތް ސްޓްރަކްޗަރއެއް ހުންނަ ބޭސްތަކެކެވެ.

ގަވާއިދާ ހިލާފަށް ފެންޓަނައިލް އުފެއްދުމުގެ ސަބަބުން ފެންޓަނައިލް އާއި ހެރޮއިން އާއި އެއްކޮށްގެން ބޭނުންކުރުމުގެ ސަބަބުން އޯވަރޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ސިންތެޓިކް އޮޕިއޯއިޑްސް ގެ ސަބަބުން އޯވަޑޯޒް ވެގެން މަރުވާ މީހުންގެ ނިސްބަތް 2018 ވަނަ އަހަރު 10 އިތުރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް