ކ. މާލެ
|
24 މެއި 2024 | ހުކުރު 21:36
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް
އީޕީއޭ
ޣައްޒާ ހަނގުރާމަ
އައިސީޖޭއިން ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގްވާމީ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފި
ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވޭ
ބައިނަލްއަގްވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ގޮވާލާފައިވޭ
އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް އަމަލުކުރުމަށް ވަނީ އަންގާފައި

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ގައްޒާގެ ރަފާ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އައިސީޖޭއިން ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

Advertisement

އެގޮތުން އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށާއި ދުޢާއަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުން ކަމުގައި ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް