ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގާބިލް އިލްމީ ބޭފުޅުންނަށް ފަހި ފުރުސަތުތައް ދެއްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިސްމަގާމުތަކަށް އައްޔަން ކުރައްވާނީ ތައުލީމީ ގާބިލްބޭފުޅުން ކަމަށް އޭރު ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ވެސް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއައްސަސާތަކާއި މިނިސްޓްރީތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ސަބަބުން މުއައްސަސާތަކުގެ އަގުވެއްޓި ގިނަ ބައެއްގެ ފުރައްސާރަ އާއި މަލާމާތް ދަނީ ލިބެމުންނެވެ. މިހެން ކަންއޮތްއިރު، މިނިސްޓްރީތަކާއި މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ވެސް އެބޭފުޅުންގެ ވަނަވަރަށް ބެލުމެއް ނެތި ކަމަށް ވެސް ސަރުކާރުން މިވަނީ އެއްބަސްވެފައެވެ.
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއު އަށް މި ސަރުކާރުގެ މަތީ މަގާމެއް ވަނީ ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއު އައްޔަންކުރެއްވީ އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަކަށެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެ، އެވާހަކަ މީޑިއާގައި ތިލަވުމުން އޭނާ ވަނީ ވަޒީފާއިން ވަކިވެސް ކޮށްފައެވެ. މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ ޝިފާއު އެ މަގާމަށް ހަމަޖެއްސިއިރު، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ހުރީ ނުލިބި ކަމަށެވެ. އެ ދައުވާތަކުގެ ތަފްސީލް ލިބުމާ އެކު މިމަހުގެ 23ވީ ބުރާސްފަތި ދުވަހު އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ މަގާމްތަކަށް އައްޔަންކުރާ ބޭފުޅުންގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް ކުރިއަށް އޮތް ތަނުގައި ބަލާނެ ކަމަށެވެ.
ނަމަވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ސީދާ ރައީސް މުއިއްޒު ބެއްލެވުމުގެ ދަށުންނެވެ. ސިޔާސީ މަގާމްތަކަށް އައްޔަންކުރާ ބޭފުޅުންގެ ވަނަވަރު ސީދާ ރައީސް އޮފީހުގެ ޚާއްސަ ކޮމިޓީއަކުން ބަލައި، ނަންތައް ރައީސަށް ފޮނުވާއިރު، މިއީ ހަމަ ނޭނގި ހިނގާ ދިޔަކަމެތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އަދި މި ސަރުކާރުގެ ގާބިލްކަމާމެދު ސުވާލު އުފައްދާނެ ވަރަށް ގިނަ ރައްޔިތުން ތިބޭނެ ކަމާމެދު ޝައްކަތް ވެސް ނެތެވެ. ނުވަތަ މިމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އަނެއްކާ ވެސް ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލަން އޭނާ މަގާމުން ވަކި ކުރެއްވީ ނޫންތޯ ވެސް ސުވާލު އުފެދެއެވެ.
އެއީ ރާއްޖޭގައި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ފެންމަތިވަމުންދާއިރު، ޝިފާއުގެ މި މައްސަލައަކީ ވެސް މުޅި ގައުމުގެ ސަމާލުކަން ލިބިފައިވާ މައްސަލައަކަށް ވާތީއެވެ. "ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އޭނާ މިދިޔަ 28 އޭޕްރިލް 2023 ގައި ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު އިތުރު ނުކުރުމުން، ދޫކޮށްލާފައި ހުއްޓާ ރާއްޖޭން ފިލައިގެން ދިއުމާއެކު އިންޓަރޕޯލް މެދުވެރިކޮށް އޭނާ ހޯދަން ރެޑް ނޯޓިސް ވެސް ނެރެން ޖެހުނެވެ. ސަރުކާރުގެ މަތީ މަގާމެއް ޝިފާއު އަށް ރައީސް މުއިއްޒު ދެއްވީ މަކަރާއި ހީލަތް ހެދުމާއި، މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭ ގޮތުން ޝިފާއުގެ މައްޗަށް 23 ދައުވާ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނިކޮށެވެ.
ރާއްޖޭގެ ފަލަސުރުހީތަކުން ޖާގަ ހޯދާފައިވާ މިފަދަ މައްސަލައެއްގައި ހިމޭނޭ މީހަކަށް ސަރުކާރުން އިސްމަގާމެއް ދިނީ 'އޮޅިގެން' ނުވަތަ އެ މައުލޫމާތު ނުލިބިވާތީ ކަމަށް ބުނުމުން އެކަން ގަބޫލުކުރާނީ މަދުބައެއް ކަމާމެދު ޝައްކަތްނެތެވެ. ސިޔާސީ މަގާމުތައް މަދުކޮށް، އިލްމީ ގާބިލް ބޭފުޅުންނަށް އިސް މަގާމުތައް ދޭނެ ކަމަށް ބުނެ އައި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ތައުލީމެއް ނެތް މީހުންނަށް މަގާމުތައް ދޭތަނެވެ. އަދި މިކަމާ މެދު ސުވާލު އުފައްދާ މަންޒަރާއި، ކުށްވެރިންނަށް މަގާމުތައް ދިނުމުން ފާޑުކިޔައި ނުރުހުން ފާޅުކުރަމުންދާ މަންޒަރެވެ.