ޗެލްސީގެ ކޯޗުކަން ދޫކޮށްލި މައުސީރިއޯ ޕޯޗެޓީނޯ ގެންދިއުމަަށް އިނގިރޭސި އެފްއޭ އާއި މެންޗެސްޓާ ޔުނައިޓެޑުން ކަޅި އަޅަން ފަށަައިފި އެވެ.
ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިނގިރޭސި ކޯޗުކަމުން ސައުތު ގޭޓް ވަކިވާން ނިންމައިފިނަމަ ގައުމީ ޓީމު ހަވާލުކުރަން މިވަގުތު އިނގިރޭސި އެފްއޭގެ އެއްވަނަ ހޮވުމަކީ ޕޮޗެޓީނޯ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާ މި ސީޒަނުގެ މެދުތެރެއިން ހަވާލުވި ވެރިންނަށް ވެސް އޭނާ ވަނީ ކަމުގޮސްފަ އެވެ.
ޓޮޓެންހަމުގައި ފަސް އަހަރު ހޭދަކޮށް އެކުލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޕޮޗެޓީނޯ އަށް އިނގިރޭސި އެފްއޭ އާއި މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވި މައިގަނޑު ސަބަބަކީ އާދައިގެ ޓީމަކާއެކު މި ސީޒަނުގައި ޗެލްސީގައި އޭނާ ނެރުނު ރަނގަޅު ނަތީޖާތަކެވެ. ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ދަށްވި ނަމަވެސް އޭނާ ވަނީ މަޑުމަޑުން ނަތީޖާ ރަނގަޅު ކުރަމުން އައިސް ޓޭބަލުގެ ހަ ވަނަ މަގާމު ހޯދައި ކޮންފަރެންސް ލީގަށް ކޮލިފައިވެފަ އެވެ. އެއް ސީޒަނަށް ފަހު އޭނާ ކޯޗުކަން ދޫކޮށްލީ ޗެލްސީގެ ވެރިންގެ ޕްރެޝަރު ބޮޑުވުމާއި އިނގިރޭސި މީޑިއާތަކުން ދައްކާ ވާހަކަތަކާހުރެ އެވެ.
އިނގިރޭސި ކޯޗު ގެރެތް ސައުތުގޭޓްގެ ކުރިމަގާމެދު ސުވާލު އުފެދުނީ ޔޫރޯގެ ނަތީޖާ ނުކުންނަގޮތަކުން މެނުވީ އޭނާ ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ބުނުމުންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އެކުލަބުގެ ކޯޗުކަން އޭނާ އަށް ހުށަހަޅާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޭޓް ބޭނުންވަނީ ޔޫރޯގައި ގައުމީ ޓީމަށް ތަށި ނުލިބިއްޖެނަމަ އަންނަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވާށެވެ.