އަންނަ ސީޒަނަށް މޮޅު ފޯވަޑަކު ލިބިއްޖެނަމަ މެންޗެސްޓާ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އޭނާ މިހެން ބުނީ މި ސީޒަނުގައި ޔުނައިޓެޑުން ޖަހާފައިވާ ގޯލުގެ އަދަދު މަދުވުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުންނެވެ. ޔުނައިޓެޑުން މި ސީޒަނުގައި ޖަހާފައިވަނީ 57 ގޯލެވެ. މިއީ ޕްރެމިއާ ލީގުގައި އެންމެ މަދުން ގޯލު ޖެހި 11 ޓީމުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.
ދުނިޔޭގެ ފެންވަރުގެ ފޯވަޑަކު ހޯދުމާމެދު ހިޔާލަކަށް އެހުމުން ޓެންހަގް ބުނީ އަންނަ ސީޒަނަށް އެކަން ކުރެވިއްޖެނަމަ ޓީމަށް ވަރަށް ފައިދާވާނެ ކަމަށެވެ.
އެއީ ވަރަށް ފައިދާވާނެ ކަމެއް. މިހާރު ވެސް ގޯލު ޖަހާފައިވާ އަދަދު ގޯހެއްނޫން. އެކަމަކު ވަރަށް ބޮޑަށް ކުރިއަރާނެ އެކަން ކުރެވިއްޖެނަމަ. ޖުމުލަކޮށް އަހަރެން ބޭނުން ކޮންމެ މަގާމަކަށް ވެސް މޮޅަށް ކުޅޭނެ އިތުރު އެއް ކުޅުންތެރިއަކު ހުންނަންޓެން ހާގް
އޭނާ ބުނީ ކޮންމެ މަގާމަކަށް ދެ ކުޅުންތެރިން ތިބުމުން އޭގެ ފައިދާ ފެނިގެންދާނީ ދިގު ސީޒަނެއްގެ ނިމުން ގާތްވާއިރު ކަމަށެވެ.
ޔުނައިޓެޑްގެ މި ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އެޓްލާންޓާއިން 72 މިލިއަން ޕައުންޑަށް ގެނައި ޑެންމާކް ފޯވަޑް ރަސްމުސް ހުޖްލުންޑެވެ. އެކާވީސް އަހަރުގެ ފޯވަޑް ވަނީ 34 މެޗުން 13 ގޯލު ޖަހާފަ އެވެ. އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ޖަހާފައިވަނީ 38 މެޗުން އަށް ގޯލެވެ.
ކޯޗު ބުނީ ރަޝްފޯޑް ޖަހާ ގޯލު އަދަދުގެ މެދުވެގެން އެކަމާ ކަންބޮޑުނުވާ ކަމަށާއި މިދިޔަ ސީޒަނުގައި އޭނާ 30 ގޯލު ޖެހި ކަމަށެވެ.