ކ. މާލެ
|
22 މެއި 2024 | ބުދަ 22:04
"ދަނޑުވެރި މަންފާ" ނަމުގައި އެހީގެ ސްކީމެއް ހުޅުވާލާކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
"ދަނޑުވެރި މަންފާ" ނަމުގައި އެހީގެ ސްކީމެއް ހުޅުވާލާކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
"ދަނޑުވެރި މަންފާ" އެހީގެ ސްކީމް
"ދަނޑުވެރި މަންފާ" ނަމުގައި އެހީގެ ސްކީމެއް އަންނަ މަހު ހުޅުވާލަނީ
މި ޕްރޮގްރާމް ކުރިޔަށްދާނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށް
މިއީ 15،188،700 ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މެޗިން ގްރާންޓް ޕްރޮގްރާމެއް ކުރިޔަށްގެންދިޔުމަށް ނިންމައިފިއެވެ.

އެމިނިސްޓްރީން ބުނީ މިއީ 15،188،700 (ފަނަރަ މިލިއަން އެއްސަތޭކަ އައްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް ކަމަށެވެ. މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި އެގްރިކަލްޗަރ މިނިސްޓްރީން ވަނީ އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައެވެ.

"ދަނޑުވެރި މަންފާ"ގެ ނަމުގައި ކުރިއަށްގެންދާ މިޕްރޮގްރާމް ޢަމާޒުކޮށްފައިވަނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ. މި ގްރާންޓް އެކި ފިޔަވަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަފަހި މި ހުޅުވާލެވެނީ ހަމައެކަނި ޕްރޮޑަކްޝަނަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް މިހާރުވެސް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް އެބަދެއެވެ. އަދި ސްކީމްގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީ ޕޯޓަލްއިން 25 ޖޫން 2024 އިން ފެށިގެންނެވެ. އިޢުލާން ކުރާތާ އެއްމަސްދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމާއި ދެމެދު ދެވިފައިވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ދަނޑުވެރިންނަށް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުމަށް ފުރުޞަތު ދިނުމުގެގޮތުންނެވެ. 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް، އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް