ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 07:21
ބާންލީ އަށް އިރުޝާދު ދެމުން އަންނަ ވިންސެންޓް ކޮމްްޕެނީ
ބާންލީ އަށް އިރުޝާދު ދެމުން އަންނަ ވިންސެންޓް ކޮމްްޕެނީ
ރޮއިޓާސް
ބަޔާން މިއުނިކް
ކޮމްޕެނީއާ މަޝްވަރާ ކުރަނީ ބަޔާނުން އެކަނި!
ބަޔާނުން ތަފްސީލީ ގޮތެއްގައި ކޮޕްޕެނީއާ މަޝްވަރާ ކޮށްފައި، މިހާރު އޮތީ ބަޔާންގެ އެތެރޭގައި ނިންމަން ޖެހޭ ނިންމުންތަކެއް

ބާންލީ އަށް އިރުޝާދު ދެމުން އަންނަ ވިންސެންޓް ކޮމްްޕެނީ ހޯދުމަށް މަޝްވަރާކުރަމުން ދަނީ ޖަރުމަނުގެ ބަޔާން މިއުނިކުން އެކަނި ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ބަޔާންގެ އިތުރުން އެހެން ކުލަބުތަކަކުން ވެސް ވަނީ ކޮމްޕެނީއާ މަޝްވަރާ ކުރަން ފަށައިފަ އެވެ. އެހެން ނަމަވެސް، ކޮމްޕެނީގެ ގާތް ފަރާތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިވަގުތު އޭނާއާ މަޝްވަރާކުރަމުން ދަނީ ބަޔާން އެކަންޏެވެ.

އެގޮތުން ބަޔާންގެ ފަރާތުން ދެ ފަހަރެއްގެ މަތިން ކޮމްޕެނީއާ ވާހަކަ ދައްކާފައިވާ ކަމަށާއި، މަޝްވަރާތައް ކުރިއަށް ދިޔައީ ސީދާ ކޮމްޕެނީއާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ބަޔާނުން ތަފްސީލީ ގޮތެއްގައި ކޮޕްޕެނީއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، މިހާރު އޮތީ ބަޔާންގެ އެތެރޭގައި ނިންމަން ޖެހޭ ނިންމުންތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަޔާންގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ތޯމަސް ޓުޗެލް މަގާމުން ވަކިވާން ނިންމުމުންނެވެ. އެއާއެކު ބަޔާނުން އަންނަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބާންލީގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވި ބެލްޖިއަމަށް ނިސްބަތްވާ ކޮމްޕެނީ ވަނީ، ބާންލީ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓު ކޮށްދީފަ އެވެ. އެހެން ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ބާންލީ އިން މި ސީޒަން ނިންމާލީ ލީގު ތާވަލްގެ 19 ވަނައިގައި، ރެލިގޭޓު ވެގެން އެވެ.

ޖަރުމަނުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކޮމްޕެނީއާ މެދު ބަޔާންގެ އިސްވެރިން އަންނަނީ ވާހަކަ ދައްކައި، މަޝްވަރާ ކުރަމުންނެވެ. އަދި ކޮމްޕެނީ ފިޔަވައި، މިވަގުތު ބަޔާނުން އެހެން އެއްވެސް މީހަކާ މަޝްވަރާ ކުރަމުން ނުދާ ކަމުގައި ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން، ބަޔާންގެ އިސްވެރިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

މެންޗެސްޓަރ ސިޓީގެ ކެޕްޓަންކަން ކޮށްފައިވާ ކޮމްޕެނީ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު އެވެ. ބެލްޖިއަމްގެ ކުލަބަކަށް އިރުޝާދު ދިނުމަށްފަހު، ދެން އޭނާ ހަވާލުވީ ބާންލީއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް