ކ. މާލެ
|
21 މެއި 2024 | އަންގާރަ 12:49
ބާންލީގެ ކޯޗު ކޮމްޕެނީ
ބާންލީގެ ކޯޗު ކޮމްޕެނީ
ރޮއިޓާސް
ބަޔާން މިއުނިކް
ބަޔާންގެ ކޯޗަކަށް ކޮމްޕެނީ ގެންނަން މަޝްވަރާ ކުރަނީ
ބަޔާނާ މަޝްވަރާ ކުރުމަށް ކޮމްޕެނީ ވެސް ޝައުޤުވެރިވޭ، އޭނާ ހުރީ އިތުރު މަޝްވަރާތަކަށް ތައްޔާރަށް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް ބެލްޖިއަމްގެ ވިންސެންޓް ކޮމްްޕެނީ ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ބަޔާންގެ ކޯޗުކަމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް ވަނީ، މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ނިންމައިފަ އެވެ. ނަމަވެސް ބަޔާނުން ވަނީ އޭނާ ކުލަބުގައި ބަހައްޓަން މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކުން ގޮތެއް ނުނިމި، މިހާރު ޓުޗެލް ވަނީ ބަޔާން ދޫކޮށްލަން ނިންމި ނިންމުމަށް ބަަދަލެއް ނާންނާނެ ކަމަށް ބުނެފަ އެވެ. ބަޔާނުން ވެސް ވަނީ އެގޮތަށް ބުނެފަ އެވެ. އަދި އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުން ވަނީ ހާމަކޮށްފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބަޔާނުން އަންނަނީ އުމުރުން 38 އަހަރުގެ ކޮމްްޕެނީއާ ވާހަކަ ދައްކަމުންނެވެ. މިވަގުތު ކޮމްޕެނީ ހުރީ އިނގިރޭސި ޕްްރިމިއާ ލީގުގެ ބާންލީގެ ކޯޗުކަމުގެ މަގާމުގަަ އެވެ. އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. ބާންލީއާ ހަވާލުވެ އޭނާ ވަނީ، އެ ކުލަބު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓު ކޮށްދީފަ އެވެ. އެހެން ނަމަވެސް އެ ޓީމުން ލީގު ނިންމާލަން ޖެހުނީ 19 ވަނައިގައި، ރެލިގޭޓު ވެގެންނެވެ.

ބަޔާނުން ވަނީ ކޮމްޕެނީ އަށް ހުށަހެޅުމެއް ހުށަހަޅައި، ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބަޔާންގެ ބޯޑުން އަންނަނީ ކޮމްޕެނީއާ މަޝްވަރާ ކުރަމުން ކަމަށާއި، ކަންކަމާ ގުޅޭ ގޮތުން އޭނާއާ މަޝްވަރާތައް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބަޔާނާ މަޝްވަރާ ކުރުމަށް ކޮމްޕެނީ ވެސް ޝައުޤުވެރިވާ ކަމަށާއި، އޭނާ ހުރީ އިތުރު މަޝްވަރާތަކަށް ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެފައިވާ ކޮމްޕެނީ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު އެވެ. ބެލްޖިއަމްގެ ކުލަބަކަށް އިރުޝާދު ދިނުމަށްފަހު، ދެން އޭނާ ހަވާލުވީ ބާންލީއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް