ކ. މާލެ
|
20 މެއި 2024 | ހޯމަ 07:21
ބަޔާންގެ ޑައިރެކްޓަރު އެބާލް
ބަޔާންގެ ޑައިރެކްޓަރު އެބާލް
ރޮއިޓާސް
ބަޔާން މިއުނިކް
ޓުޗެލް އާއެކު ގިނަ މަޝްވަރާތަކެއް ކުރިން: އެބާލް
މަޝްވަރާތަކުން އަލި މަގެއް ނުފެނުން ކަމަށް އެބާލް ވިދާޅުވި

ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދެމުން އައި ތޯމަސް ޓުޗެލް އާއެކު އެތައް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް، ބަޔާންގެ ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވެއްޖެ އެވެ.

ބަޔާންގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހު، ބަޔާން ދޫކޮށްލަން އެންމެ ފުރަތަމަ ޓުޗެލް ނިންމީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް ދަށްވެ، ކުލަބަށް ނާކާމިޔާބު ސީޒަނަކާ ކުރިމަތިލާން ޖެހުމުންނެވެ.

ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ފަހު ބަޔާންގެ އިސްވެރިން ވަނީ ޓުޗެލް ކުލަބުގައި ބަހައްޓަން ފެންނަ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން ޓުޗެލްގެ އެއްބަސްވުން އިތުރު ކުރުމަށް ވެސް ކުލަބުގެ ވެރިން އެއްބަސްވި އެވެ. އެއަށްފަހު ޓުޗެލާއި، އޭނާގެ އެޖެންޓާއެކު މަޝްވަރާތައް ފެށި އެވެ.

ނަމަވެސް މަޝްވަރާތަކުން އެއްވެސް އަލި މަގެއް ނުފެނުނު ކަމަށާއި، ބަޔާން ދޫކޮށްލަން ނިންމި ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެބާލް ވިދާޅުވީ، ޓުޗެލް އާއެކު ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދިޔައީ ދެ ފުށް ފެންނާނެހެން، ވަރަށް ބޮޑަށް ހުޅުވާލެވިގެން ކަމުގައި ވެސް އެބާލް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަމުން އަލި މަގެއް ނުފެނި، ވާހަކަތައް މިހާރު ނިމިއްޖެ ކަމަށާއި، އެ މައުޟޫ ވެސް ނިމިއްޖެ ކަމުގައި އެބާލް ވިދާޅުވި އެވެ.

އިތުރަށް އެބާލް ވިދާޅުވީ މަޝްވަރާ ކުރެވުނު އެންމެ ކަމެއް ނުވަތަ އެންމެ ނުކުތާއަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިމާވެފައިވާ ހުރިހާ ކަމެއް ނުވަތަ ހުރިހާ ނުކުތާއަކަށް މަޝްވަރާކޮށް، ވާހަކަ ދެެކެވުނު ކަމަށް އެބާލް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ޓުޗެލް ބަޔާން ދޫކޮށްލަން ނިންމީ ދެ ފަރާތް އެއްބަސްވީ ގޮތުގެ މަތީންނެވެ.

އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 61 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 37 މެޗުންނެވެ. 16 މެޗުން ބަލިވެފައިވާއިރު، 8 މެޗު ވަނީ އެއްވަރުވެފަ އެވެ. މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ބަޔާނުން ވަނީ ޓުޗެލްއާއެކު ކާމިޔާބު ކޮށްފަ އެވެ. އޭނާ ޓީމާ ހަވާލުވީ ވެސް ސީޒަންގެ ވަކި ހިސާބަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް