ތިލަފުށިން ފުރައިގެން 4 މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދޯނި ހޯދުމުގައި ޑްރޯން ބޭނުން ނުކުރާ ސަބަބު ހާމަކުރަން ގައުމީ ދިފާއީ ބާރުން ދެކޮޅުހަދައިފިއެވެ.
ދޯނި ގެއްލިގެން ހޯދަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެމްއެންޑީއެފުން ހިއްސާކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 12:06 ގައެވެ. އޭގެފަހުން އެ ދޯންޏާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވާއިރު، ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ.
މީގެ އިތުރުން ދޯނި ހޯދަން އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް ބޭނުން ކުރޭތޯ ކުރި ސުވާލަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހޮނިހިރު ދުވަހުގެރޭ ދަންވަަރު އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ހޮނިހިރު ދުވަހު ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ 17 ވަނަ ދުވަހުއެވެ.
އެމްއެންޑީއެފުން ބުނީ މެއި 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 5:20 ހާއިރެވެ. އަދި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ.