ކ. މާލެ
|
19 މެއި 2024 | އާދީއްތަ 09:13
މެޗުގައި ލަނޑުޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑުޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޕްރެމިއާ ލީގް
އާސެނަލްއަށް ތައްޓެއް ނުލިބޭނެ: ރޮނާލްޑޯ
އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ކަށަވަރުވާނީ މިރޭގެ މެޗުތަކަށް ފަހު

އާސެނަލް އަށް މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ތަށީ ނުލިބޭނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އާސެނަލްއާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް މިހެން ބުނި އިރު އިނގިރޭސި ލީގުގެ ތަށި އާސެނަލް ހޯދާފާނެ ކަމަށް ބަލައި ޕްރެމިއާ ލީގުގެ އޮފިޝަލުން ތައްޓާއި މެޑަލްތަކާއެކު މިރޭ އެކުލަބުގެ ސްޓޭޑިއަމުގައި ތިބޭނެ އެވެ. އަދި ތަށި ދިނުމުގެ ރަސްމިއްޔާތުގެ ރިހާސަލް ވެސް އިއްޔެ ދަނޑުގައިވަނީ ބާއްވައިފަ އެވެ. ނަމަވެސް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ތަށި ދިނުމުގެ ރަސްމިއްޔާތު ފަށާނީ އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހު މެޗުތައް މިރޭ ނިމޭ ގޮތަކުންނެވެ.

ސީޒަނުގެ ފަހު މެޗަށް މިރޭ އާސެނަލް ނުކުންނައިރު އެ ޓީމަށް ތަށި ނުލިބޭތާ 20 އަހަރުވެއްޖެ އެވެ. އާސެނަލް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބުކުރީ 2004 ވަނަ އަހަރު އެވެ. ނަމަވެސް ސީޒަނުގެ ފަހު މެޗުގައި މިރޭ އެވަޓަންއާ ދެކޮޅަށް އާސެނަލް ނުކުންނާނީ މޮޅުވެގެން ތަށި ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު މިކަން ހަގީގަތަކަށްވާނީ ދެ ޕޮއިންޓްގެ ތަފާތުން އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ ވެސްޓްހޭމް އަތުން ބަލިވެގެންނެވެ. ސިޓީ އަށް އެއްވަނަ ލިބިފައިވަނީ 88 ޕޮއިންޓާއެކުގަ އެވެ. އާސެނަލް ދެ ވަނާގައިވަނީ 86 ޕޮއިންޓާއެކުގަ އެވެ.

ނަމަވެސް ރޮނާލްޑޯ ބުނީ "އާސެނަލް އަށް ތަށީ ނުހޯދޭނެ. އެމީހުންނަށް އެކަމެއްނުވާނެ،" ކަމަށެވެ. ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ޕޯޗުގަލްގެ ކެޕްޓަން މިހެން ބުނީ ސައޫދީ އަރަބިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި އާސެނަލްގެ ސަޕޯޓަރަކު ޕްރިމިއާ ލީގާ ބެހޭ ގޮތުން ސުވާލުކުރުމުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބްރެޒިލަށް ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ފޯވަޑް ރޮނާލްޑޯ ނަޒާރިއޯގެ ވެސް ބުނީ ތަށި ހޯދާނީ މެންޗެސްޓާ ސިޓީ ކަމަށެވެ.

އާސެނަލްގެ ކުޅުންތެރިން ލަނޑެއް ޖަހާފައި އުފާ ފާޅު ކުރަނީ - ރޮއިޓާސް
ސިޓީ ވަރަށް ތަފާތު. އަހަރެންގެ ކުރީގެ ޓީމް މޭޓް އަދި ރަހުމަތްތެރިޔާ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ ދައްކަނީ ތަފާތު މޮޅު ކުޅުމެއް. (ފޯވަޑް) ހާލަންޑް ކޮންމެ ވަގުތެއްގައި ވެސް ގޯލެއް ޖަހާފާނެ
ރޮނާލްޑޯ

ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ސިޓީގައި މަސައްކަތް ކުރުމަށްފަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވި މިކޭލް އާޓެޓާގެ ޓީމަކީ ވަރަށް ވާދަވެރި ޓީމެއް ކަމަށާއި މިފަހަރު ނޫނަސް އާސެނަލް ޕްރެމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް އޭނާ ޔަގީންކުރާ ކަމަށެވެ.

ޕްރެމިއާ ލީގު ސިޓީ އަށް ލިބިއްޖެނަމަ މިކާމިޔާބީ އަކީ ހާއްސަ ކާމިޔާބީއަކަށްވާނެ އެވެ. އެއީ ޖެހިޖެހިގެން ހަަރު ފަހަރުު ތަށި ހޯދާ ފުރަތަމަ ޓީމަކަށް ސިޓީ އަދި ކޯޗަކަށް ގާޑިއޯލާ ވެގެންދާނެތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް