ކ. މާލެ
|
19 މެއި 2024 | އާދީއްތަ 01:52
މެޗުގައި ލަނޑު ޖެހުމަށްފަހު ހޮފެންހައިމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ހޮފެންހައިމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ބަޔާނުން ސީޒަން ނިންމާލަން ޖެހުނީ ބައްޔަކުން!
ލީގުގައި ކުޅުނު 34 މެޗުން އެ ޓީމަށް 72 ޕޮއިންޓު ލިބޭއިރު، ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގައި

ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބަޔާން މިއުނިކުން ބައްޔަކާއެކު ސީޒަން ނިންމާލަން ޖެހިއްޖެ އެވެ.

ހޮފެންހައިމްގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަކީ މި ސީޒަންގެ ޖަރުމަނު ލީގު އަދި މުޅި ސީޒަންގައި ވެސް ބަޔާންގެ ފަހު މެޗެވެ. އެ މެޗުން ބަޔާން ބަލިވީ ލަނޑު ޖަހައި ލީޑު ވެސް ހޯދާފައި ވަނިކޮށް، 4-2 އިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މަތީސް ޓެލް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތޯމަސް މުލާ އެވެ. އޭގެ ދެ މިނެޓު ފަހުން ބަޔާންގެ ދެ ވަނަ ލަނޑު ޖަހަައި ލީޑު ފުޅާކޮށްދިނީ އަލްފަންސޯ ޑޭވިސް އެެވެ. އޭނާ އެ ލަނޑު ޖެހީ ޓެލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބަޔާނުން ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ހޮފެންހައިމްގެ ފުރަތަމަ ލަނޑު ޖެހީ މެކްސިމިލިއަން ބެއީ އެވެ. ހޮފެންހައިމުން އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މެޗުގެ ފަހު ހާފުގަ އެވެ. ތިން ލަނޑު ވެސް ޖެހީ އެންޑްރެޖް ކްރަމަރިކް އެވެ. އޭނާ ލަނޑުތައް ޖެހީ މެޗުގެ 68 ވަނަ މިނެޓު، 85 ވަނަ މިނެޓު އަދި 87 ވަނަ މިނެޓުގަ އެވެ.

މިއީ މި ސީޒަންގައި ބަޔާންގެ އަށް ވަނަ ބައްޔެވެ. ލީގުގައި ކުޅުނު 34 މެޗުން އެ ޓީމަށް 72 ޕޮއިންޓު ލިބޭއިރު، ލީގު ނިންމާލަން ޖެހުނީ ތިން ވަނައިގަ އެވެ. ބަޔާން އަތުން ހޯދި މޮޅާއެކު ހޮފެންހައިމުން ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޖާގައެއް ހޯދައިފަ އެވެ. ލީގުގައު ކުޅުނު 34 މެޗުން 46 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް