ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 12:52
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ފަސް ލަނޑުގެ މޮޅާއެކު ބަޔާނުން ލީޑު ފުޅާ ކޮށްފި
މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 17 މެޗުން ބަޔާނަށް ލިބެނީ 42 ޕޮއިންޓެވެ.

ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަނައިގައި އެ ޓީމު ހިފަހައްޓަމުން އައި ލީޑު ފުޅާ ކޮށްފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެރޯއީ ސާނޭ އެވެ. އޭނާ އެ ލަނޑު ޖެހީ ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތް މިނެޓު ފަހުން ރަފައެލް ގުރައިރޯ ޖެހި ލަނޑާ އެކު، ބަޔާނުން ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ތިން ވަނަ ލަނޑަކީ، 26 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހެރީ ކޭން ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ސާނޭ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ސާނޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މަތިއަސް ޓެލް އެވެ. މެޗުގައި ބަޔާންގެ ފަސް ވަނަ ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީ އެވެ.

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 17 މެޗުން ބަޔާނަށް ލިބެނީ 42 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ލިބެނީ 38 ޕޮއިންޓެވެ.

- ކޮމެންޓް