ކ. މާލެ
|
17 މެއި 2024 | ހުކުރު 15:36
ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
ރާއްޖެއެމްވީ
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
 
ފުވައްމުލަކުގައި ޖެނެރޭޓިން ކެޕޭސިޓީގައި މިވަގުތު މައްސަލަ އެއް ދިމާނުވާ ކަމަށް ވިދާޅުވި
 
އައްޑޫގައި ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށްދޭނެ ކެޕޭސިޓީ މިވަގުތު ނެތްކަމަށް ވިދާޅުވި

އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހައްލެއް ހޯދައިދެވޭނެ ކަމަށް ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ އާއި ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވުމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. އަދި ފުވައްމުލައް ސިޓީގައި ވެސް މީގެ ކުރިން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

މުއާޒް ވިދާޅުވީ ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް އަވަހަށް ލިބޭ ވަަރަށް ވުރެ އެތަނުގައި ހުރި ޖެނަރޭޓަތަކުގެ ހާލަތު ދަށް ކަމަށެވެ. އެއީ ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއް ޖެނެރޭޓަރ ރަނގަޅު ކުރާ އިރަށް އަނެއް ޖެނަރޭޓަރުގައި މައްސަލަ ދިމާވަމުންދާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އައްޑޫގައި ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށްދޭނެ ކެޕޭސިޓީ މިވަގުތު ނެތްކަމަށް މުއާޒު ވިދާޅުވިއެވެ. އެގޮތުން 1200 މެގަވޯޓް މިހާރުވެސް ބޭނުންކުރަމުންދާ ކަމަށާއި އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނީ އައު ޕަވަރ ޕްލާންޓް އަޅާ ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިވަގުތަށް ބޭނުންވާ ހައްލު ހޯދައިދިނުމަށް އައްޑޫއަށް ޖެނަރޭޓަރުތައް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަހެއްހާ ދުވަސް ތެރޭގައި އައްޑޫ އަށް އިތުރު ޖެނަރޭޓަރުތައް ފޮނުވާނެ ކަަމަށް މުއާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ހުރި ޖެނަރޭޓަރުގެ ކެޕޭސިޓީގައި މިވަގުތު މައްސަލަ އެއް ދިމާނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒް މިފަދައިން ވިދާޅުވެފައި ވާއިރު ކުޅުދުއްފުށި ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވެ، އެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ. އެކަމާއި ގުޅިގެން ބުރާސްފަތި ދުވަހު ކުޅުދުއްފުށި ފެނަކަ ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ބްރާންޗުގައި ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 1 މެގަވޮޓްގެ އިންޖީނެއްގައި މައްސަލަ ޖެހިފައިވާތީ މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. މީގެ އިތުރުން ފެނަކައިން ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު މިވަގުތު ވީހާވެސް މަދު ކުރުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް