ކ. މާލެ
|
17 މެއި 2024 | ހުކުރު 13:20
އަލްޓްރާ ޕްރޮސެސްޑް ކާނާގެ ބައެއް ބާވަތްތައް
އަލްޓްރާ ޕްރޮސެސްޑް ކާނާގެ ބައެއް ބާވަތްތައް
ތައްޔާރީ ކާބޯތަކެތި
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
މި ހިނގާ 2024 ވަނަ އަހަރު އާންމުކޮށްފައި ވާ އެކި ދިރާސާތަކަށް ބަލާއިރު، ޞިއްހީ ގޮތުން އުފެދޭ ތަފާތު 32 މައްސަލައަކާއި ޔޫޕީއެފްސް ވަނީ ގުޅުވާފައި

ވަގުތު ކުޑަތަން ވެފައި އޮތް އަދުގެ ދުނިޔޭގައި އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ކެއިންބުއިމުގެ އާދަކާދައަށެވެ. މި ބަދަލާއެކު، ހަށިގަނޑަށްވެސް ބަދަލުތައް އަންނަން ފެށިއެވެ. ސިފައަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދައިން، ޞިއްޙީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތި ކުރުވަން ފެށިއެވެ. ވަކިން ހާއްސަކޮށް، އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލަ ނުވަތަ އޮބީސިޓީގެ ކޭސްތައް އިތުރު ވާން ފެށީ ކަންބޮޑުވާ މިންވަރަށެވެ. 

މި ބަދަލުގެ ސަބަބު ދެނެގަތުމަށް ދިރާސާ ކުރި އެކަކީ ޔުނިވަރސިޓީ އޮފް ސައުޕޯލޯގެ ނިއުޓްރިޝަނަލް އެޕިޑެމިއޮލިޖިސްޓް، ޑރ ކާލޯސް މޮންޓޭއިރޯއެވެ. ޑރ މޮންޓެއިރޯއާއި އޭނާގެ ޓީމުން ބްރެޒީލްގައި ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާއަށް ބަލަމާ ހިނގާށެވެ. ދިރާސާއިން ދެއްކި ގޮތުގައި އާންމު ގޮތެއްގައި ގޭބިސީތަކަށް ގަންނަމުން ދިޔަ ހަކުރާއި، ލޮނާއި، ކައްކާ ތެލާއި، ހަނޑުލާއި، ބީންސް ފަދަ ބާވަތްތައް ގަންނަ މިންވަރު ވަނީ ދަށްވެފައެވެ. އޭގެ ބަދަލުގައި، ތައްޔާރީ ލުއިބުއިންތަކާއި، ސޮސެޖާއި، އިންސްޓަންޓް ނޫޑްލްސްއާއި، ތައްޔާރީ ޕާނާއި، ބިސްކޯދު ފަދަ ސާމާނު ގަންނަ މިންވަރު އިންތިހާއަށް އިތުރުވިކަން ދިރާސާއިން ވަނީ ހާމަވެފައެވެ. 

މި ދެކެވެނީ 1990ގެ އަހަރުތަކުގެ ވާހަކައެވެ. ކާބޯތަކެތި ގިންތި ކުރެވޭ ބައިތަކުގެ ލިސްޓަށް ޑރ މޮންޓޭއިރޯއާއި އޭނާގެ ޓީމުން 2 ވަނަ ދަރަޖައެއް އިތުރުކޮށް، ސައެންސްގެ ރަދީފަށް ލަފުޒު ކޯންޏެއް އިތުރު ކުރިއެވެ. އެއީ އަލްޓްރާޕްރޮސެސްޑް ފުޑްސް ނުވަތަ ޔޫޕީއެފްސްއެވެ. އޭގެ ފަހުން އެކި ސައެންސްވެރިން ވަނީ ޞިއްޙީ އެކި މައްސަލަތަކާއި ޔޫޕީއެފްސް ގުޅުވާފައެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި، ހަކަރު ބަލި، ގޮހުރުގެ ބަލިތަކާއި ޑިޕްރެޝަންގެ އިތުރުން، ދިރިހުންނާނެ ކަމަށް ލަފާ ކުރާ އެވަރޭޖު ޢުމުރަށް ވުރެ ޅަ ޢުމުރެއްގައި ހިނގާ މަރުގެ ހާދިޘާތައްވެސް ހިމނެއެވެ. 

އަލްޓްރާޕްރޮސެސްޑް ފުޑްސް ނުވަތަ އިންތިހާ ތައްޔާރީ ކާނާގެ އުފެއްދުންތަކާ މެދު ކަންބޮޑުވުންތަކެއް އުފެދިފައި އޮތް ނަމަވެސް، އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު، ކުޑަކުދިންނާއި ފުރާވަރު ޢުމުރުގެ ކުދިންގެ ހަށިގަނޑަށް އެތެރެވާ ކެލަރީޒް 67 ޕަސެންޓް ހިއްސާ ކުރަނީ އަލްޓްރާޕްރޮސެސްޑް ފުޑްސްގެ ބާވަތްތަކެވެ.

އަލްޓްރާޕްރޮސެސްޑް ފުޑްސް އަކީ ކޮބާ؟

ކާބޯތަކެތި ތައްޔާރުކޮށް އުފައްދާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ކާބޯތަކެތި ގިންތި ކުރުމުގެ ނިޒާމެއް އެކުލަވާލުމަށްޓަކައި ޑރ މޮންޓޭއިރޯއާއި އޭނާގެ ޓީމުން ވަނީ 'ނޯވާ'ގެ ނަމުގައި ކްލެސިފިކޭޝަން ނިޒާމެއް އެކުލަވާލާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ރޮނގުން ދިރާސާކުރާ ފަރާތްތަކުން މިއަދުވެސް ބޭނުން ކުރަމުން ދަނީ އެ ނިޒާމެވެ. ނޯވާ ނިޒާމްގެ ދަށުން މައިގަނޑު 4 ގިންތިއަށް ކާބޯތަކެތި ބައި ކުރެވެއެވެ.

  1. އަންޕްރޮސެސްޑް ނުވަތަ ކުޑަކޮށް ޕްރޮސެސްޑް: މި ގިންތީގައި ހިމެނެނީ ގަނޑުކޮށްފައި ހުންނަ މޭވާއާއި ތަރުކާރީ، އެއްގަމު މަހާއި، ކަނޑުމަހާއި، ބިސް، ކިރު، ޕްލެއިން ޔޯގަޓް، ހަނޑޫ، ޕާސްތާ، ކޯން މީލް، ފުށް، ކޮފީ، ސައި، ހަވާދުގެ ގޮތުގައި ބޭނުން ކުރާ ބާވަތްތަކާއި ފަތްޕިލާވެލީގެ ބާވަތްތަކެވެ.
  2. ޕްރޮސެސްޑް ކަލިނަރީ އިންގްރީޑިއަންޓްސް: މި ގިންތީގައި ހިމެނެނީ ކައްކަން ބޭނުން ކުރާ ތެޔޮ (ކުކިންގް އޮއިލް)، ބަޓަރު، ހަކުރު، މާމުއި، ވިނެގަރ އަދި ލޮނު ފަދަ ބާވަތްތަކެވެ.
  3. ޕްރޮސެސްޑް ފުޑްސް (ތައްޔާރީ ކާނާ): މި ގިންތީގައި ހިމެނެނީ 1 ވަނަ ގިންތިއާއި 2 ވަނަ ގިންތީގައި ހިމެނޭ ބާވަތްތައް އެއްކޮށްގެން، ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތަށް، ފުޅިއާއި ދަޅުދަޅުގައި ބަންދު ކުރުމާއި، ފިހުން ފަދަ ކަންކަން ކޮށްގެން އެއަށް ބަދަލުތަކެއް ގެނެސްފައިވާ ބާވަތްތަކެވެ. ފިހާރަތަކުން އާންމުކޮށް ގަންނަން ލިބެން ހުންނަ ޕާނާއި، ޗީޒް އަދި ދަޅުކާނާގެ ގޮތުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީއާއި މަސްދަޅު ފަދަ ބާވަތްތައް ފެތެނީ މި ގިންތިއަށެވެ. މި ގިންތީގައި ހިމެނޭ އުފެއްދުންތަކަކީ، ގިނަ ދުވަހަށް ހަލާކު ނުވެ ހުންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެވެސް ވަރަކަށް ޕްރިޒަރވެޓީވްސް އަޅާފައިވާ އުފެއްދުންތަކެވެ.
  4. އަލްޓްރާޕްރޮސެސްޑް ފުޑްސް (އިންތިހާ ތައްޔާރީ ކާނާ): މި ގިންތީގައި ހިމެނެނީ ފިހާރަތަކުން އާންމު މީހަކަށް ލިބެން ނުހުންނަ ގިނަ ބާވަތްތަކެއް ހިމަނައިގެން، ސިނާޢީ ފެންވަރުގައި އެފަދަ އުކުޅުތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން ހައި-ފްރުކްޓޯޒް ކޯން ސިރަޕް، ހައިޑްރޮޖެނޭޓަޑް އޮއިލްސް، ސޯއީ އައިސޮލޭޓް ފަދަ މާއްދާތައް ބޭނުންކޮށްފައި ހުރެއެވެ. އަދި މަސްނޫއީ ގޮތުން ރަހަލެއްވުމާއި، ކުލަ ޖެއްސުމުގެ އިތުރަށް، ބަލާ ބެލުމުންވެސް ކާހިތް ޖައްސަވާ، އަނގަޔަށް މީރު ވާނެހާ ގޮތެއް ހެދުމަށް ބޭނުން ކުރާ އެމަލްސިފަޔަރޒް ބޭނުން ކޮށްފައި ހުރެއެވެ.

ތައްޔާރީ ލުއިބުއިންތަކާއި، އެނަރޖީ ޑްރިންކްސް، ޗިޕްސް، މެޓާ، ރަހަލައްވާފައިވާ ޔޯގަޓް، މަޖިރީން، ނަގެޓްސް، ހޮޓްޑޯގް، ސޮސެޖު، ލަންޗްމީޓް، ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ޕާސްތާއާއި ޗީޒް، ތުއްތު ކުދިންނަށް ދޭ ފޯމިއުލާ ކިރާއި، ގަސްގަހާގެހިން އުފައްދާ ކިރާއި، އެއްގަމު މަހުގެ ބަދަލުގައި ބޭނުން ކުރާ ބާވަތްތަކާއި، ސީރިއަލްގެ ބާވަތްތައް ހިމެނެނީ މި ގިންތީގައެވެ. 

ޚުލާސާ ގޮތެއްގައި ބުނާ ނަމަ، އާންމުކޮށް ކައްކާ އުޅޭ ތަނެއްގެ ހަރުގަނޑުން ނުފެންނާނެ އެތައް އުފެއްދުމެއް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެތީގެ ގިނަ ބާވަތްތައް ފެތޭނީ މި ގިންތިއަށެވެ. 

ޔޫޕީއެފްސް ނުރައްކަލެއް އެބަ އޮތްތައް؟

އިންތިހާ ތައްޔާރީ ކާބޯތަކެއްޗަކީ ބޭނުންތެރި އެއްޗެއްތޯ ނުވަތަ ނޫންތޯ ބަލާއިރު، މިއީ  ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ހިސާބަކަށް ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މައްސަލައެކެވެ. 

ހޯލް ގްރޭން ބްރޭޑްތަކާއި، ފްލޭވަރޑް ޔޯގަޓް އަދި އިންފެންޓް ފޯމިއުލާ ފަދަ ބައެއް ޔޫޕީއެފްތަކުން، އެ ބޭނުން ކުރާ މީހަކަށް ފައިދާ ކުރަނިވި ނިއުޓްރިއެންޓްސް ލިބިދޭ ކަމީ، މި ޚިލާފު އުފެދުމުގެ ސަބަބު ކަމަށް، ޔުނިވަރސިޓީ އޮފް ރޯޑް އައިލަންޑްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ނިއުޓްރިޝަން، ޑރ މާޔާ ވަޑިވެލޫ ބުނެއެވެ. 

މި ހިނގާ 2024 ވަނަ އަހަރު އާންމުކޮށްފައި ވާ އެކި ދިރާސާތަކަށް ބަލާއިރު، ޞިއްހީ ގޮތުން އުފެދޭ ތަފާތު 32 މައްސަލައަކާއި ޔޫޕީއެފްސް ވަނީ ގުޅުވާފައެވެ. އެންމެ ސާބިތު ހެކިތައް ލިބެނީ ހިތުގެ ބައްޔާ ގުޅޭ މަރުތަކާއި، ޓައިޕް-ޓޫ ޑައެބީޓީޒް، އަދި ނަފްސާނީ ބަލީގައި އެންމެ އާންމުކޮށް ފެންނަ އެންޒައިޓީއާއި ޑިޕްރެޝަންގެ ކޭސްތަކުން ކަން ސައެންސްވެރިން ފާހަގަ ކުރެއެވެ. 2024 ވަނަ އަހަރުގެ މުރާޖާ އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 10 މިލިއަނެއްހާ މީހުންގެ ކިބައިން، އެތައް އަހަރެއް ވަންދެން މައުލޫމާތު އެއްކޮށްގެންނެވެ. އެއީ ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށްގެން އެއްކުރި މައުލޫމާތެވެ. 

ކަން މިހެން އޮތުމީ ޚިލާފު އުފައްދަނިވި ކަމެކެވެ. ސިންގަޕޫރުގެ ޑިޕަރޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގައި މީގެ ކުރިން މަސައްކަތް ކޮށްފައި ވާ ނިއުޓްރިޝަން ސައެންޓިސްޓް އަދި އެޕިޑެމިއޮލޮޖިސްޓް، ޑރ ލޯރެން އޯކޮނޮރ ގެ ވާހަކަތަކަށް ބަލަމާ ހިނގާށެވެ. ޑރ އޯކޮނޮރ ފާހަގަ ކުރި ގޮތުގައި ޔޫޕީއެފްސްއާއި ދާއިމީ ބަލިތަކާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އެބަ އޮތެވެ. ނަމަވެސް، މީހެއްގެ ޞިއްޙީ ޙާލަތު އިންތިހާއަށް ދަށްވުމާއި ޔޫޕީއެފްސްއާއި ސީދާ ގޮތުން ގުޅުވެން ނެތް ކަމަށްވެސް އޭނާ ބުންޏެވެ. ޔޫޕީއެފްސްގައި ހިމެނޭ ބައެއް ބާވަތްތަކުން އިންތިހާއަށް ނުރައްކާ އޮތް އިރު، ހޯލްގްރެއިން ޕާން ފަދަ ބާވަތްތަކުން ހަކުރު ބަލި ކޮންޓްރޯލް ކުރުމާ ގުޅުވާފައި އޮންނަ އޮތުމަކީވެސް ޚިލާފު އުފައްދަނިވި ކަމެއް ކަން ޑރ އޯކޮނޮރ ފާހަގަ ކުރިއެވެ.، 

ދިރިއުޅުމަށް އައި ބޮޑު ބަދަލުތަކާއެކު ކޮންމެ މީހަކުމެހެން އުޅެންޖެހިފައި އޮތީ ވަގުތު ކުޑަތަންވެފައި ވާ ގޮތެއްގައެވެ. 1 ލާރި 2 ލާރިއަށް ހަދަން މަޖުބޫރެވެ. އިހުގައި ނަމަ، ލަގޮނޑީގައި ނާށިލަފާފައޭ ބުންޏަސް ހެޔޮވާ ދަރަޖައަށެވެ. މިފަދަ ހާލެއްގައި ތިއްބާ، އިންތިހާ ތައްޔާރީ ކާނާގެ އުފެއްދުންތައް އަތްފޯރާ ހިސާބަށް އައުންވީ ގިނަ ބަޔަކަށް ސިފަ ކުރެވޭ ގޮތުގައި އެމީހުންގެ ނަޞީބެވެ. ބަނޑަހަގޭ ކަބަޑުގައި ހުރި ފައިދާހުރި އުފެއްދުންތައް ހުސްވަމުން ދާ ވަރަކަށް، ބަދަލުގައި އެ ޖާގައަށް ގެންނަނީ، އިންތިހާ ތައްޔާރީ ކާނާގެ ބާވަތެކެވެ. އެ ހޯދަން ކުރަން ޖެހޭ މަސައްކަތާއި، ތައްޔާރު ކޮށް، ބޭނުން ކުރަން އުޅެންޖެހޭ ގޮތާއި، ޖީބަށް އެވާ ލުޔެއްގެ ސަބަބުން ގިނަ ބަޔަކަށް އެ މިޞްރާބުން ދެވެނީއެވެ. ގިނަ ފަހަރަށް އެ ނޫން ގޮތެއްވެސް ނޯންނަނީއެވެ. 

އަހަރެމެންގެ ކެއިންބުއިމުގެ އާދަތަކަށް ބޮޑު ބަދަލުތަކެއް އަންނަމުން ދާއިރު، 2014 ވަނަ އަހަރުގެ ތެރޭގައި ޑރ މޮންޓޭއިރޯ ވަނީ، ބްރެޒީލްއަށް ހާއްސަކޮށްގެން ޑައެޓްރީ ގައިޑްލައިންއެއް ލިޔުމަށް އެހީތެރވެދީފައެވެ. އެގޮތުން ޔޫޕީއެފްސްއާ ދުރުވުމަށް އޭނާ ވަނީ ގޮވާލާފައެވެ. އެންމެ ރަނގަޅު ގޮތަކީ، އެ މީހަކު ކާން ބޭނުންވާ އެއްޗެއް، ގޭގައި ތައްޔާރު ކޮށްލައިގެން ބޭނުން ކުރުމެވެ. ނަމަވެސް މި ގޮތަށް ކާބޯތަކެތި ތައްޔާރު ކުރުމުގައި، ތައްޔާރީ ކާބޯތަކެތީގެ ބާވަތްތައް ބޭނުން ކުރާ މިންވަރު އިންތިހާއަށް މަދު ކުރަން ޖެހެއެވެ. ތައްޔާރީ ކާނާގެ ބާވަތްތައް ވިއްކާ މަޝްހޫރު ރެސްޓޯރަންޓަކުން ކަމުގައި ވިއަސް، އަމިއްލަ ގޭގައި ކަމުގައި ވިޔަސް، އިންތިހާ ތައްޔާރީ ކާނާގެ އުފެއްދުންތައް ވާނީ ހަމަ އެއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް