ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 15:31
އެންމެ ގިނަ ބަޔަކު ކާނާ ވިހަވުމަށް މެދުވެރިވާ އެއް ބާވަތަކީ ސީފުޑްގެ ބާވަތްތައް، ވަކިން ހާއްސަކޮށް، ފެނުގައި ދިރި، އާލާ ވާ، ތޮށިލީ ދިރުންތައް ނުވަތަ ޝެލްފިޝްގެ ސަބަބުން
އެންމެ ގިނަ ބަޔަކު ކާނާ ވިހަވުމަށް މެދުވެރިވާ އެއް ބާވަތަކީ ސީފުޑްގެ ބާވަތްތައް، ވަކިން ހާއްސަކޮށް، ފެނުގައި ދިރި، އާލާ ވާ، ތޮށިލީ ދިރުންތައް ނުވަތަ ޝެލްފިޝްގެ ސަބަބުން
ސީއެންއޭ ލައިފްސްޓައިލް
ކާނާ ތައްޔާރުކުރުން
ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!
ފުޑް ޕޮއިޒަނިންގް ނުވަތަ، ކާނާ ވިހަވުމުގެ ނުރައްކަލުން ސަލާމަތްވެ ހުރުން ގުޅިފައި އޮންނަނީ، ކާބޯތަކެތި ތައްޔާރުކޮށް، ކައްކާ، ރައްކާ ކުރުމުގައި، އެ ކަން ކުރަން އޮންނަ ރަނގަޅު ގޮތަކަށް އެކަން ކުރުމަށް
ކާނާ ވިހަވުމުގެ ހާލަތު އިތުރަށް ގޯސްވެ، އެންޓިބައޮޓިކްސް ފަށަން ބަލާއިރު، ބައެއް ބާވަތުގެ އެންޓިބައޮޓިކްސްއަށް ވުރެ، ވިހައިގެ ބާރު މާ ގަދަވާތަން އަންނަ ކަމަށްވެސް ޑރ ވާސޫ ވަނީ ފާހަގަ ކުރައްވާފައި

ސުފުރާ މައްޗަށް ނަގާފައި ހުރި މާ މީރު ފްރައިޑްރައިސްއެއް ކެއި ފަހުން ފާޚާނާއިން ސަލާމަތްނުވެވިގެން އުޅެން ޖެހުނު މީހުން އަހަރެމެންގެ ތެރޭގައި ތިބޭނެކަން ޔަޤީނެވެ. އެކަން އެހެން ދިމާންވާން ޖެހުނު ސަބަބުވެސް އެބަ އޮތެވެ. ކުރިއަށް ދަމާ ހިނގާށެވެ.

އަހަރެމެންގެ އާދަކާދައަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ސަބަބުން، މިއަދު އަހަރެމެންނަކީ ވަކި ކަހަލަ ކެއުންތަކަކަށް ލޯބިކުރާ ބައެކެވެ. ހުޅަނގާއި އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ކޭންތަކަކީވެސް އަހަރެމެންނާ ދޯޅަ އެއްޗެއްސަށް ވާން ފަށައިފިއެވެ. ރޯ ނުފިލުވާ ހުންނަ މަސް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ސުޝީ ޕޯޝަންއަކަށް އޯޑަރުކޮށްލާއިރު، "ސައިޑް ޑިޝް"އެއްގެ ގޮތުގައި އެތައް ވައްތަރެއްގެ ޕެރަސައިޓްތަކަށް ދަޢުވަތު ދެވޭ ކަމާ މެދު ވިސްނާލެވުނު ހެއްޔެވެ؟ ރަނގަޅަށް ހަރުވެލާ، ރޯފިލަންދެން ފިހެނުލާ އޮތް ބިސްގަނޑުގެ މައްޗަށް އަސޭމިރުހާއި ލޮނާއި، ދެންވެސް ރަހަ ހެޔޮވަރު ކުރާ ހުރިހާ ބާވަތެއް އަޅައިގެން ކާލާއިރު، ސެލްމޮނެއްލާގެ މަތިން ހަނދާން ހުރި ހެއްޔެވެ؟ ތެލީގައި ބާކީ ހުރި ބަތްކޮޅު އުކާލުމަކީ މިއަދު މަދު މީހަކު ނޫނީ ނުކުރާ ކަމެކެވެ. ހެވަކަށް ކަމަށް ހިތާ، ބާކީ ބަތްކޮޅު ފުރިޖަށްލުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބޭނުން ކުރަނީ، މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަންވެސް ނޭނގޭ ޙާލުގައި ނޫން ހެއްޔެވެ؟

ސިންގަޕޫރުގެ ނޭޝަނަލް ސެންޓަރ ފޮރ އިންފެކްޝަސް ޑިޒީޒަސް، ޑރ ޝޯވްން ވާސޫ ފާހަގަ ކުރެއްވި ގޮތުގައި، ފުޑް ޕޮއިޒަނިންގް ނުވަތަ، ކާނާ ވިހަވުމުގެ ނުރައްކަލުން ސަލާމަތްވެ ހުރުން ގުޅިފައި އޮންނަނީ، ކާބޯތަކެތި ތައްޔާރުކޮށް، ކައްކާ، ރައްކާ ކުރުމުގައި، އެ ކަން ކުރަން އޮންނަ ރަނގަޅު ގޮތަކަށް އެކަން ކުރުމާއެވެ. ކާނާ ވިހަވުމުގެ ހާލަތު އިތުރަށް ގޯސްވެ، އެންޓިބައޮޓިކްސް ފަށަން ބަލާއިރު، ބައެއް ބާވަތުގެ އެންޓިބައޮޓިކްސްއަށް ވުރެ، ވިހައިގެ ބާރު މާ ގަދަވާތަން އަންނަ ކަމަށްވެސް ޑރ ވާސޫ ވަނީ ފާހަގަ ކުރައްވާފައެވެ. ދަނޑުވެރިކަމުގެ ސިނާޢަތުގައި އެންޓިބައޮޓިކްސްގެ ނަހަމަ ބޭނުން ކުރުމުން ދިއުމަކީ، އަހަރެމެން އިންސާނުންނަށް އެ ތަކުލީފުތަކާ ކުރިމަތި ކުރުވާ އެއް ސަބަބު ކަމަށް ޑރ ވާސޫ ވިދާޅުވިއެވެ.

އެންމެ ގިނަ ބަޔަކު ކާނާ ވިހަވުމަށް މެދުވެރިވާ އެއް ބާވަތަކީ ސީފުޑްގެ ބާވަތްތަކެވެ. ވަކިން ހާއްސަކޮށް، ފެނުގައި ދިރި، އާލާ ވާ، ތޮށިލީ ދިރުންތައް ނުވަތަ ޝެލްފިޝްގެ ސަބަބުންނެވެ. އަހަރެމެން ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ "ޒަމާނީ" ބަދަލާއެކު، އޮއިސްޓަރ (އިތާ)، ޑިނގާ އަދި އިހި ފަދަ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް މޮޅު ކަމެކެވެ. ތިމާގެ ފެންވަރާއި ޝަޚްސުގެ ތަސްވީރަކަށް އެ ހަދައެވެ. ނަމަވެސް، ކާނާ ވިހަވެ، ފާޚާނާއިން ނުނުކުމެވި، ނޫނީ، ހޮސްޕިޓަލުގެ އެނދުމަތިން ނުތެދުވެވި އޮންނަން ޖެހޭ ޙާލަތަށް ކަންކަން ގޯސްވާ ގޮތްވެސްވެއެވެ.

ސަމާލުކަން ދޭންވީ ކަމަކީ، ކައިބޮއި މި ހެދެނީ ކޮން އެއްޗެއްކަން ތިމާއަށް ރަނގަޅަށް އެނގިފައި އޮތުމެވެ. އެ އެއްޗެއްގެ މަސްދަރުވެސް އެނގުން މުހިންމެވެ. ކިތަންމެ މޮޅު މީހަކު ކެއްކި ކަމުގައި ވީ ނަމަވެސް، ތަށީގައި އޮތް އިތާ ފަޅިއަކީ، ކޮންތާކުން ކާކު ނެގި އެއްޗެއްކަން އެނގުން މުހިންމެވެ. ބައެއް މީހުންނަކީ ހުސްވަގުތު ފުރާލުމަށް، ނުވަތަ މަޖަލަށް ސީފުޑްގެ ބާވަތްތައް ނަގަން ފީނާ މީހުންނެވެ. އެ ގޮތަށް ނަގާ ސާމާނު، ބޮޑު އަގުގައި ވިއްކާލަނީ، އެއީ ކެއުމަށް އެންމެ އެކަށީގެންވާ އެއްޗެއްތޯވެސް ބެލުމަކާ ނުލައެވެ. ގަންނަ މީހާވެސް އެކަމަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ކަން މިހެން އޮތް އިރު، ސީފުޑްގެ ބާވަތްތައް ގަންނަނީ، ކަމާ ބެހޭ ފަރާތްތަކުން އެކަމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކޮށްފައި އޮންނަ، އިތުބާރު ހިފޭ މަސްދަރަކުން ކަން ކަށަވަރު ކުރުން މުހިންމެވެ.

ދެން އޮތީ ރޯމަހުގެ ވާހަކައެވެ. ބައެއް ކަހަލަ ކެއުންތައް، އެ ކޭންތަކުގެ ގޮތުގައި ސަރވް ކުރެވެނީ އެއްވެސް ވަރަކަށް ރޯ ނުފިލުވާ ހުންނަ މަސް ބޭނުންކޮށްގެންނެވެ. ނަމަވެސް މިފަދަ ގޮތްގޮތަށް ސަރވް ކުރާ މަހުގެ އެކި ބާވަތްތަކުން އިންސާނާގެ ހަށިގަނޑަށް، ނުރައްކާ ފަނިފަކުސަ ދަތުރުކުރެއެވެ. ރޯމަސް ކަނޑާ، ތައްޔާރު ކުރުމުގެ މަރުޙަލާގެ ތެރޭގައި ސާފު ތާހިރު ކަމަކަށް ހިނދުކޮޅަކުވެސް ސަމާލުކަން ނުދެވި އޮވެއްޖެނަމަ، އެ ރޯމަހު ޑިޝްގައި ޖަރާސީމު ނޫން އެއްޗެއް ނެތޭ ބުނުންވެސް ހެޔޮވާނެއެވެ.

ކޮންމެހެންވެސް ރޯމަހުގެ ޑިޝްއެއް ބޭނުން ނަމަ، އެ ޑިޝްއެއް ތައްޔާރު ކުރަން ބޭނުން ކޮށްފައި ވަނީ، ރޮލާ ކެއުމަށް އިންސާނުންނަށް ރައްކާތެރި ބާވަތެއްގެ މަހެއްތޯ ކަށަވަރު ކުރަން ވާނެއެވެ. ކަނޑުމަހާއި ފަރުމަސް ކަނޑާ، ފަހަށް ރައްކާ ކުރާ ގޮތްވެސް މުހިންމެވެ. މަސް ފިނިކުރަން ލާ ބައެއްގެ ފިނިހޫނުމިން ހުންނަންޖެހޭނީ، 00 ޑިގްރީއާއި 04 ޑިގްރީ ސެލްސިއަސްއާ ދެމެދު މިންވަރެއްގައެވެ. ކިރިޔާވެސް ޝައްކެއް އުޅޭނަމަ، އެންމެ ރަނގަޅު ގޮތަކީ، ރޮލާ ކެއުމުގެ ބަދަލުގައި، އެ މަހެއް ކައްކާލައިގެން ބޭނުން ކުރުމެވެ.

ބިހުގެ ވާހަކަ ދައްކަމާ ހިނގާށެވެ. މުޅިން ރޯ ނުފިލުވާ ހުންނަ ބިހުގެ ބާވަތްތަކަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް މީރު އެއްޗެކެވެ. އެއް ފުށް ކިރިޔާ ރޯ ފިލުވާފައި ހުންނަ 'ސަނީސައިޑް އަޕް' ބިސްގަނޑާއި، ހޫނުފެންގަނޑަށް ބިސް ތަޅާ، ހާއްސަ އުކުޅަކުން ގިރާލައިގެން ތައްޔާރު ކުރާ 'ޕޯޗްޑް އެގްޒް' ކާލާއިރު، ދެން ވެދާނެ ގޮތަކާ މެދު ވިސްނާލެވެނީ މަދު މީހަކަށެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް، ކާނާ ވިހަވުމުގެ ގިނަ ކޭސްތައް ގޮސް އެންމެ ފަހުން ގުޅިފައި އޮންނަނީ ބިހަކާއެވެ.

ކެއުމަށް ބޭނުން ކުރާ ބިހަކީ، އިތުބާރު ހިފޭ ބަޔަކު އިމްޕޯޓްކުރާ، ފެންވަރު ރަނގަޅު ބާވަތެއްކަން ކަށަވަރު ކުރަން ވާނެއެވެ. ދޭސީ ބިހަކަސް، ބޭރުން ގެންނަ ބިހަކަސް، ވެލި ހޭކިފައި ހުންނަ ބިހާއި، ކިރިޔާވެސް ތަޅައިގެން ދިއުމުގެ އަސަރެއް ހުރި ބިސް އެއްވެސް ގޮތަކަށް ބޭނުން ނުކުރާށެވެ. އަމިއްލަ ކޮށިން ބިސް ނަގާ ނަމަވެސް، މިކަންކަމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެ ބިސްތައް ނެގި ހާލި ހުންނަ ސަރަޙައްދުތަކަކީ ބަޔޯސެކިއުރިޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުރި ތަނެއްކަންވެސް ކަށަވަރު ކުރަންވާނެއެވެ. އަދި ޤަވައިދުން ކުކުޅުތައް ޓެސްޓުކޮށް، އެއްވެސް ބައްޔެއް ނެތްކަންވެސް ޔަޤީން ކުރަން ވާނެއެވެ. ތުއްތު ކުދިންނާއި، ޢުމުރުން ދޮށީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދާއިމީ އެކިއެކި ބަލިތަކުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ، ރޮލާ ހުންނަ ކާބޯތަކެތީގެ ބާވަތްތައް ބޭނުން ނުކުރުމެވެ.

ބާކީ ހުރި ބަތްކޮޅާ ހިސާބަށް ޖެހިލަމާ ހިނގާށެވެ. ކިތަންމެ މިނައިގެން ކެއްކި ކަމުގައި ވީ ނަމަވެސް، ކަން ދިމާވާ ގޮތަކުން، ދުވަސް ނިމި ދާ އިރު ބާކީ ބަތްކޮޅެއް ހުންނަ ގޮތްވެއެވެ. ނޫނީ އަވަދިނެތި އުޅެންޖެހިފައި އޮތުމުގެ ސަބަބުން، ހަފުތާއަށް ވާ ވަރަށް ބަތް ކައްކާ، ތަށިތަށީގައި ބަންދުކޮށް ފިނިކުރަން ލުމުގެ ޘަޤާފަތްވެސް މިހާރު އަހަރެމެންގެ ތެރޭގައި ވަނީ ވައިގައި ހިފާފައެވެ. އިސްރާފު ނުކުރުމަށާއި، ވަގުތު ސަލާމަތް ކުރުން ފަދަ ނިޔަތްނިޔަތުގައި އަހަރެމެންނަށް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް ގިނަ މީހުންނަށް އޮންނަނީ ނޭނގިއެވެ.

ކައްކާފައި ހުންނަ ބަތަކީ، ކާނާ ވިހަވުމާ ކުރިމަތި ކުރުވާ ބެކްޓީރިއާއެއް ކަމަށްވާ ބެސިލަސް ކީރިއަސްގެ "ހޫނު ދާންމައްޗެވެ". ބަތުގެ ވާހަކަ ދެއްކުނެއް ކަމަކު، ޕާސްތާއާއި ނޫޑްލްސް ފަދަ ބާވަތްތަކަށްވެސް، މިކަން އޮތީ ހަމަ މި ފަދައިންނެވެ. އާންމު ތަނެއްގައި ހުންނަ ފިނިހޫނުމިނުގައި ބަހައްޓާފައި ހުންނަ ބަތް ތައްޓެއްގައި ބެސިލަސް ކީރިއަސްގެ އާބާދީ އިތުރުވާން ފަށައެވެ. މެންދުރަށް ކައްކާ، ސުފުރާ މައްޗަށް ނަގާފައި ހުންނަ ބަތް ދޮލަނގު ހުސް ނުވެގެން ފުރިޖަށް ލާ އިރު، އެއަށް ވާނެ ހުރިހާ ގޮތެއް ހުންނާނީ ވެފައެވެ. ދެވަނަ ދުވަހަކަށް އަލިވިލި، އެއްކަލަ ފިނިކުރި ބަތް، ތެއްޔަކަށް އަޅާ ހޫނުކޮށްލާ ހިސާބުން އަނެއްކާވެސް ބެސިލަސް ކީރިއަސްއަށް އެ ލިބުނީ އާބާދީ އިތުރުކޮށްލާނެ ފުރުޞަތެކެވެ. އަލުން ހޫނުކޮށްގެން ބޭނުން ކުރި ކަމުގައި ވީ ނަމަވެސް، ބެކްޓީރިއާގެ ސަބަބުން އެ ބަތަށް ލިބިފައި ހުރި ގެއްލުމާއި، އެ ބަތް ކެއުމުގެ ސަބަބުން ތިބާގެ ހަށިގަނޑަށް ލިބޭ ގެއްލުމުން ކުޑަ މިންވަރެސް އުނި ނުވާނެ ކަމަށް ޑރ ވާސޫ ވިދާޅުވެއެވެ.

"ބާކީ" ނުވަތަ، އިތުރު ވާ ބަތްކޮޅު ރައްކާ ކުރެވޭނެ ގޮތްތައްވެސް އެބަހުއްޓެވެ. ފިނިކުރަން ފުރިޖަކަށް ލާނަމަ، ފިނިހޫނުމިން ހުންނަން ވާނީ 4 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށް ވުރެ ދަށުގައެވެ. ހޫނުކޮށް ބަހައްޓަން ބޭނުން ނަމަ، 60 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށް ވުރެ މަތީގައެވެ. ރައިސްކުކަރުގައި އިން، "ކީޕް ވޯމް" އޭ ކިޔާ ފިތް ނުވަތަ ގޮބުގެ ބޭނުން ހިފާށެވެ. ފުރިޖަށް ފިނިކުރަން ލާ ބަތަކީ، އެއްވެސް އެއްޗަކާ އެއްކޮށްފައި ނުވާ ބަތަކަށް ވާންޖެހެއެވެ. އެއްވެސް ބާވަތެއްގެ ސޯސްކޮޅެއްވެސް އޭގައި ހުރެގެން ނުވާނެއެވެ. އަދި އިތުރު އެއްޗެއްގައި ޖެހި، އެ އެއްޗެއްގެ ތަޣައްޔަރުކަންވެސް އަރާފައި ހުރެގެން ނުވާނެއެވެ. އެންމެ ރައްކާތެރި މިންގަނޑުތަކަށް ސަމާލުކަން ދީގެން، ފިނިކޮށް ނުވަތަ ހޫނުކޮށް ހުންނާނެހެން ބަތް ރައްކާ ކުރި ކަމުގައި ވީ ނަމަވެސް، އަލުން ބޭނުން ކުރަން ވާނީ، 75 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށް ނުވާނެ ގިންޏެއްގައި ހޫނު ކުރުމަށް ފަހުގައެވެ.

ސީފުޑްގެ ބާވަތްތަކާއި، ބިހާއި، މަހާއި، ބަތާއި ޕާސްތާ ފަދަ ބާވަތްތަކުގެ ވާހަކަ ދައްކާއިރު، ތަރުކާރީގެ ވާހަކަ ނުދައްކާ ނިންމާލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ތަރުކާރީގެ ބާވަތްތަކަކީވެސް ރަނގަޅަށް ދޮވެ ސާފުކޮށްގެން، ކައްކަން ޖެހޭ އެއްޗެއް ވިއްޔާ ކައްކައިގެން ބޭނުން ކުރަން ޖެހޭ ބާވަތެކެވެ. ތަރުކާރީ ސާފު ކުރުމުގައި، ބިމަށް ފައިބާ ބާވަތްތައް، ނުވަތަ ވެލިގަނޑުގައި ފެތުރިގެން ހެދޭ ބާވަތްތަކާއި، ވެލީގައި ޖެހިފައި ހުންނަ ތަރުކާރީއާއި ފަތްކާނާގެ ބާވަތްތައް ވީހާވެސް ރަނގަޅަކަށް ދޮވެ ސާފުކުރަން ޖެހޭނެއެވެ. ވެލީގެ އެއްވެސް އަސަރެއް، އެ އެއްޗެއްގައި ހުރެގެން ނުވާނެއެވެ.

ކެއިންބުއިމުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ބޭނުން ކުރަން ސަމާލުކަން ދޭ ފަދައިން، އެ ބޭނުން ކުރާ ބާވަތްތަކަކީ  އެންމެ ރައްކާތެރި މިންގަނޑުތަކަށް ފެތޭ ބާވަތްތަކެއްކަންވެސް ކަށަވަރު ކުރުން އިންތިހާއަށް މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް