ޕްރޯސެސް ކޮށްފައި ހުންނަ ކާނާ ބޭނުން ކުރުމަކީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވާކަމެއް ކަމަށް 30 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު ދިރާސާއަކުން ހާމަވެއްޖެއެވެ. އެހެން ނަމަވެސް ދިރާސާގައިވާ ގޮތުން އަލްޓްރާޕްރޮސެސްޑް ކާނާގެ އެކި ބާވަތްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ނުވަތަ ކުރާ ނޭދެވޭ އަސަރު ތަފާތެވެ.
ފުޑް އެންޑް އެގްރިކަލްޗަރަލް އޮގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އަލްޓްރާޕްރޮސެސްޑް ކާނާ އުފެއްދުމުގައި، އާއްމުކޮށް ކާބޯތަކެތި ތައްޔާރު ކުރުމުގައި ބަދިގޭގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ކިތަންމެ އެއްޗެއް ބޭނުން ކުރެއެވެ.
ޗިޕްސް، ޕެކްޓްކޮށްފައި ހުންނަ ސޫޕް، އަދި އައިސްކްރީމް ފަދަ ބާވަތްތައް އުފެއްދުމުގައި އެތަކެތީގައި ފަންގަސް ނުޖަހާނެ ގޮތް ހެދުމަށް ނުވަތަ ބެކްޓީރީއާ އަށަގަތަ ނުދިނުމަށް ނުވަތަ އޭގެ ކުލަ ރީތި ކުރުމަށް ނުވަތަ އެތަކެއްޗަށް ޝައުގުވެރިވާ ގޮތް ހެދުމަށް އެތައް ކެމިކަލެއް ބޭނުން ކޮށްފައި ހުރެއެވެ.
މި ދިރާސާގައި އެމެރިކާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 100،000 މީހުންގެ ފަރާތުން 1986 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަ ދެމެދު އެމީހުންގެ ދިރިއުޅުމުގެ އާދަތަކާއި ސިއްހީ ހާލަތާ ބެހޭ މައުލޫމާތު ކޮންމެ ދެއަހަރަކުން އެއްކޮށްފައިވެއެވެ. ކޮންމެ 4 އަހަރަކުން އެމީހުން ކެއުން ބުއިމުގެ މައުލޫމާތު އެއްކޮށްފައިވެއެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން އެންމެ މަދުން އަލްޓްރާޕްރޯސެސްޑް ކާނާ ބޭނުން ކުރި މީހުން ދުވާލަކު 3 ބާވަތް ކެއުމުގައި ބޭނުންކޮށްފައިވެއެވެ.
އެންމެ ގިނައިން ބޭނުން ކުރި މީހުން ދުވާލަކު 7 ބާވަތް ކެއުމަށް ބޭނުންކޮށްފައިވެއެވެ.
ދިރާސާއިން ހާމަވި ގޮތުގައި ގިނައިން އަލްޓްރާޕްރޯސެސްޑް ކާނާ ބޭނުން ކުރި ފަރާތްތައް މަރުވުމުގެ ރިސްކް 4 އިންސައްތަ މައްޗަށް ދިޔައެވެ.
އަލްޓްރާޕްރޯސެސް ކޮށްފައިވާ ހުރިހާ ބާވަތެއްގެ ކާނާއަކުން ރިސްކް އެއްވަރަށް މައްޗަށް ދާކަމެއް ދިރާސާއަކުން ނުފެނެއެވެ. އެއާ ޚިލާފަށް ޕްރޮސެސް ކޮށްފައި ހުންނަ މަހުގެ ބާވަތްތަކާއި، ހަކުރު އަޅައިގެން ނުވަތަ އާޓިފިޝަލް ސްވީޓްނަރ ބޭނުންކޮށްފައި ހުންނަ ބުއިންތައް ބޭނުން ކުރުމުން، އެތަކެތި ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު އަވަހަށް މަރުވުމުގެ ރިސްކް ބޮޑުވާކަން ފާހަގަ ކުރެވިފައިވެއެވެ.
މިދިރާސާގެ ހޯދުންތަކަކީ މިބާވަތުގެ އެތައް އެހެން ދިރާސާތަކުގެ ހޯދުންތަކާ އެއްގޮތް ހޯދުންތަކެއް ކަން ފާހަގަ ކުރެވެއެވެ.
ދިރާސާގައި ބައިވެރިވި ސައިންސްވެރިންގެ ނަޒަރުގައި ޕްރޮސެސް ކޮށްފައި ހުންނަ ކޮންމެ ބާވަތެއްގެ ކާނާއަކީ ކެއުން ރަނގަޅު އެއްޗެއް ނޫންކަމަށް ބުނެވޭކަށް ނެތެވެ. މިސާލަކަށް ސީރިއަލް އާ ހޯލްގްރެއިން ޕާނަކީވެސް އަލްޓްރާޕްރޯސެސްޑް ކާނާގެ ތެރޭގައި ހިމެނޭ އެއްޗެތި ކަމުގައި ވިޔަސް އޭގައި އެކުލެވޭ ފައިބަރ އާއި ވިޓަމިނާއި މިނެރަލްއަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކެއް ކަމުގައި ބެލެވޭއިރު އެތަކެތި ކެއުމުގައި ނުހިމެނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެއާ ޚިލާފަށް ޕްރޮސެސް ކޮށްފައި ހުންނަ މަހުގެ ބާވަތްތަކާއި، ހަކުރު އަޅައިގެން އުފައްދާ ބުއިންތަކަކީ ބޭނުންކުރުން ކޮންޓްރޯލް ކުރުން ރަނގަޅު ބާވަތްތަކެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ހަށިގަނޑަށް އެންމެ ފައިދާ ބޮޑުގޮތަކީ ކާބޯތަކެތި ބޭނުން ކުރުމުގައި ބެލެންސެއް ހިފެހެއްޓުމެވެ. މިސާލަކަށް މޭވާ ޖޫހުގައި ފައިދާ ހުރި ވިޓަމިންސްއާއި މިނެރަލްސް އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ އިރު މާ ގިނައިން މޭވާ ޖޫސް ބޭނުން ކުރުމުން ހަކުރުގެ ބައި އިތުރުވެ ލިބޭ ފައިދާއަށް ވުރެ އޭގެ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
ދިރާސާ ޝާއިއު ކޮށްފައިވަނީ ބީއެމްޖޭ ޖާނަލްގައި ހުސްވި ހަފްތާގެ ބުދަދުވަހުއެވެ.