ކ. މާލެ
|
31 މެއި 2024 | ހުކުރު 12:27
ޓްރަމްޕްގެ މައްޗަށް ހުރިހާ ކުށެއް ސާބިތު ވީ ނަމަވެސް، އެމެރިކާގެ ޤާނޫނީ ނިޒާމު އޮންނަ ގޮތުން، އެއީ ރިޔާސީ އިންތިޚާބުގައި އަލުން ވާދަ ކުރެއްވުމަށް ޓްރަމްޕްއަށް އޮތް ހުރަހަކަށްނުވޭ
ޓްރަމްޕްގެ މައްޗަށް ހުރިހާ ކުށެއް ސާބިތު ވީ ނަމަވެސް، އެމެރިކާގެ ޤާނޫނީ ނިޒާމު އޮންނަ ގޮތުން، އެއީ ރިޔާސީ އިންތިޚާބުގައި އަލުން ވާދަ ކުރެއްވުމަށް ޓްރަމްޕްއަށް އޮތް ހުރަހަކަށްނުވޭ
ރޮއިޓާސް
ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވުން
ޓްރަމްޕްގެ މައްޗަށް ހުށަހެޅި ޖިނާއީ ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި
ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލެއްވި ކަމުގެ ތުހުމަތުގައި ޓްރަމްޕްއާ ދެކޮޅަށް އުފުލި 34 ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ވާ ކަމަށް، މެންހެޓަންގެ ޖޫރީއިން ވަނީ ކަނޑައަޅާފަ
މިއީ އެމެރިކާގެ ތާރީޚުގައިވެސް، އެ ޤައުމުގައި ވެރިކަން ކުރެއްވި ލީޑަރެއްގެ މައްޗަށް އުފުލުނު ޖިނާޢީ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރު
އެ ޝަރިޢަތަކީ ވަކި ފަރާތެއްގެ ބާރުން އަނބުރާލާފައިވާ، ލަދުވެތި ޝަރިޢަތެއް ކަމަށް ޓްރަމްޕް ވިދާޅުވި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް ސިޔާސީ ޝަޚްސުންގެ ތެރެއިން އެންމެ ތަފާތު އެއް ލީޑަރެވެ. ވިޔަފާރިވެރި މަހުޖަނެއްގެ ގޮތުގައި ޓީވީ ޝޯވތަކުން ސެލެބުރިޓީއެއްގެ ގޮތުގައި އެތައް ބައެއްގެ މަޤުބޫލުކަން ހޯއްދެވުމަށް ފަހު، އެންމެ ފަހުން އެމެރިކާގެ ރިޔާސީ ގޮނޑިވެސް ކާމިޔާބު ކުރައްވާ، ދައުރު ނިމެންދެން ވެރިކަންވެސް ކުރެއްވިއެވެ. ނަމަވެސް، ވެރިކަމުގެ އެންމެ ފަހު މަސްތައް ޓްރަމްޕް ގުނުއްވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެތައް ހައިޖަނަކާއި ހަމަނުޖެހުންތަކުގެ ތެރޭގައެވެ. ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާ، ދެވަނަ ދައުރު ނާކާމިޔާބުވެވަޑައިގެންނެވި ގޮތަށް، އަދިވެސް ޓްރަމްޕަށް ހިންދެމިލައްވާނެ ހިނދުކޮޅެއް ނުލިބި އުޅުއްވަނިކޮށް، އަނެއްކާވެސް މި އޮތީ ރިހޭ ފައިންޕުޅުމައްޗަށް ފޮއެ ވެއްޓިފައެވެ.

މިއީ އެމެރިކާގެ ރިޔާސީ ވެރިކަމުގެ ޙަޔާތަށް ތާރީޚީ ދުވަހެކެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް، އެ ޤައުމުގައި ވެރިކަން ކުރެއްވި ލީޑަރެއްގެ މައްޗަށް އުފުލުނު ޖިނާޢީ ދަޢުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލެއްވި ކަމުގެ ތުހުމަތުގައި ޓްރަމްޕްއާ ދެކޮޅަށް އުފުލި 34 ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ވާ ކަމަށް، މެންހެޓަންގެ ޖޫރީއިން ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ ޝަރުޢީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ޖޫރީންނަކީ، ޝަރުޢީ ކަންކަމުގައި ނުފޫޒު ގަދަ ބައެކެވެ. ޓްރަމްޕްގެ މައްޗަށް 34 ދަޢުވާގެ ކުށްވެސް ސާބިތު ވާ ކަމަށް ޖޫރީއިން ނިންމި އިރު، މިއީ އެމެރިކާގެ ތާރީޚުގައިވެސް މީގެ ކުރިން އެ ގައުމުގެ ރައީސްއަކާ ދެކޮޅަށް ނިންމިފައި އޮތް ކަމެއް ނޫނެވެ.

ޓްރަމްޕްއަކީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭބޭފުޅުންގެ ތެރެއިން ޖިނާޢީ ކުށެއް ސާބިތުވި ކަމަށް ޖޫރީއިން ކަނޑައެޅި ފުރަތަމަ ލީޑަރު އެކަންޏެއް ނޫނެވެ. މިއީ، އައު ރިޔާސީ އިންތިޚާބުގެ ފޯރި އެންމެ ގަދަވަމުން އަންނަ ދުވަސްވަރެއްގައި، އެމެރިކާގެ އެންމެ ވަރުގަދަ އެއް ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓެއްގެ މައްޗަށްވެސް ކުށް ސާބިތު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި، އަދުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް ޓްރަމްޕް ކުރި ހޯއްދަވައިފިނަމަ، އޭނާ ވެ ވަޑައިގަންނަވާނީ، ތާރީޚުގައިވެސް ޖިނާޢީ ކުށެއް ސާބިތުވެފައި ވަނިކޮށް އިންތިޚާބެއް ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސްއަށްވެސްމެއެވެ.

ޓްރަމްޕްގެ ސިއްރުތަކެއް އެގޮތުގައި ދެމި އޮންނާނެ ކަން ކަށަވަރު ކުރެއްވުމަށްޓަކައި މާލީ ނުފޫޒުގެ ބޭނުން ކުރެއްވި ކަމުގެ ކުށުގެ ތުހުމަތުގައި ޓްރަމްޕްއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޝަރިޢަތުގެ އަޑުއެހުންތަކަށް ފަހު، ޓްރަމްޕްގެ މައްޗަށް އުފުލި ހުރިހާ ދަޢުވާއެއްވެސް އޭނާއާ ދެކޮޅަށް ސާބިތު ވާ ކަމަށް ޖޫރީއިން ނިންމީ 2 ދުވަސް މަތިން ކުރިއަށް ގެންދިޔަ 12 ގަޑީއިރުގެ މަޝްވަރާތަކަށް ފަހުގައެވެ.

ޖޫރީގައި ހިމެނޭ 12 މެންބަރުންނަކީ ނިއުޔޯކްއަށް ނިސްބަތްވާ، އާންމު ރައްޔިތުންނެވެ. ޖޫރީގެ ނިންމުމުގައި ހުރި ޙަޤީޤީ ބުރަދަނެއް ވަޒަން ކުރެވޭނީ ނޮވެމްބަރު މަހުގެ އިންތިޚާބުގައި އެމެރިކާގެ އާންމުން ނިންމާ ނިންމުމުގެ ނަތީޖާ އަންނަ ގޮތަކުންނެވެ. ޖޫރީއިންގެ ނިންމުމުގައި ޓްރަމްޕްގެ މައްޗަށް ހުރިހާ ކުށެއް ސާބިތުވާ ކަމަށް ކަނޑައެޅި ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ޤާނޫނީ ނިޒާމު އޮންނަ ގޮތުން، އެއީ ރިޔާސީ އިންތިޚާބުގައި އަލުން ވާދަ ކުރެއްވުމަށް ޓްރަމްޕްއަށް އޮތް ހުރަހަކަށްވެސް ނުވެއެވެ.

ޝަރިޢަތުގެ މާލަމުން ނުކުމެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، ކުރިއަށް ދިޔަ ޝަރީޢަތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ ޝަރިޢަތަކީ ވަކި ފަރާތެއްގެ ބާރުން އަނބުރާލާފައިވާ، ލަދުވެތި ޝަރިޢަތެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޙަޤީޤީ ޙުކުމަކަށް ވާނީ، ނޮވެމްބަރ 5 ވަނަ ދުވަހު އާންމުން ނިންމާ ނިންމުން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޝަރިޢަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރާއި މައްސަލަ ހުށަހެޅުއްވި ޕްރޮސެކިއުޓަރަށްވެސް ޓްރަމްޕް ވަނީ ބަހުގެ ޢަމަލާތަކެއް ދެއްވާފައެވެ. އަދި އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށާ، އޭނާ އަކީ ވަރަށް "މައުސޫމު" ބޭފުޅެއް ކަމަށާ، އިންސާފު ހޯއްދަވަން ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް - އޭއެފްޕީ

ޓްރަމްޕްއާ ދެކޮޅަށް ދަޢުވާ އުފުލިކަން މިދިޔަ އަހަރު އިޢުލާން ކުރެއްވީ، ވެރިކަން ކުރާ ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ މެންހެޓަންގެ ޑިސްޓްރިކްޓް އެޓަރނީ، އެލްވިން ބްރޭގްއެވެ. އެއީ އެމެރިކާގައި ރައީސްކަން ކުރެއްވި ލީޑަރަކާ ދެކޮޅަށް އެފަދަ ގޮތަކަށް ދަޢުވާ އުފުލުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕްއާ ދެކޮޅަށް ދަޢުވާ އުފުލީ، އޭނާގެ ކުރީގެ ޤާނޫނީ ވަކީލް މައިކަލް ކޯއޭންއަށް ދެއްވި ފައިސާތަކެއްގެ އަސްލު އޮޅުވާލެއްވި ކަމުގެ ކުށުގައެވެ. އެ ފައިސާއަކީ 2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބު ކުރިން، ފާހިޝް މަންޒަރުތައް ދައްކުވާދޭ ފިލްމުތަކުގައި އުޅޭ ސްޓޯމީ ޑެނިއަލްސްއާ ޓްރަމްޕްއާ ދެމެދު ހިންގި ކަމަށް ބުނާ ގުޅުމެއްގެ ވާހަކަ ސިއްރު ކުރުމުގެ މާލީ ބަދަލެއްގެ ގޮތުގައި ސްޓޯމީ ޑެނިއަލްއަސްއަށް، ވަކީލު ކޯއޭން ދިން 130000 އެމެރިކާ ޑޮލަރުގެ ބަދަލު ކަމަށްވެއެވެ. ޓްރަމްޕް ވަނީ ސްޓޯމީ ޑެނިއަލްސްއާ ދެމެދު ގުޅުމެއް ހިންގި ކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ.

އެމެރިކާގައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިސްޓްރިކްޓް އެޓަރނީ ބްރޭގް ވަނީ ޓްރަމްޕްއާ ދެކޮޅަށް ޖޫރީއިން ނިންމި ނިންމުމަކީ ތާރީޚީ ނިންމުމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ޓްރަމްޕްއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޝަރިޢަތަކީ، ކޯޓުގައި ހިނގާ އެހެން މައްސަލަތަކާ ތަފާތު ކުރުމެއް ނެތި، ހަމަ އެ އުސޫލުހުން ހިންގި ޝަރިޢަތެއްކަންވެސް ބްރޭގް ވަނީ ފާހަގަ ކުރައްވާފައެވެ. ގޮތް ނިންމާނީ ލިބިފައިވާ ހެކިތަކާއި ޤާނޫނަށް ރިޢާޔަތްކޮށްގެން އެކަނި ކަމަށް، ޖޫރީގެ 12 މެންބަރުންވެސް ހުވާ ކުރެއްވިކަން ބްރޭގް ފާހަގަ ކުރެއްވިއެވެ. ޓްރަމްޕްއާ ދެކޮޅަށް އުފުލި 34 ދަޢުވާގެ ކުށް ސާބިތު ވާ ކަމަށް، ޖޫރީއިން ކަނޑައެޅީ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

7 ހަފުތާއަށް ދެމިގެންދިޔަ ޝަރިޢަތުގެ މަޖިލީހަށް، ޑިސްޓްރިކްޓް އެޓަރނީ ވަނީ ހެކީންގެ ގޮތުގައި 20 ހެއްކެއް ހާޒިރު ކުރައްވާފައެވެ. އެ ހުރިހާ ހެކީންނަކީވެސް ޓްރަމްޕްއާ މެދު އާންމުން ދެކޭ ގޮތަށް، އިންތިޚާބުގެ ކުރިން ނޭދެވޭ ކިލަނބު ކަމެއް އަތުވެދާނެ ކަމަށްޓަކައި، ސްޓޯރމީ ޑެނިއަލްސް "ހައްޕު ކިޔުއްވުމަށްޓަކައި" ފައިސާ ދެމުން ދިޔަ ގޮތް، ޖޫރީ މެންބަރުންނަށް ތަސްވީރު ކޮށްދިން ހެކީންނެވެ. ޑެނިއަލްސްއާއި ޓްރަމްޕްގެ ނަހަމަ ގުޅުމުގެ ވާހަކަތަކުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ނޭދެވޭ އަސަރު ފޯރާނެ ކަމީ، ޓްރަމްޕް އިންތިހާއަށް ޖެހިލުންވެވަޑައިގެންނެވި ކަމެއް ކަމަށް ވެއެވެ. އެކަން ސާބިތުވާ އެންމެ ބޮޑު ސަބަބަކީ، އިންތިޚާބަށް އިންތިހާއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ފައިސާ ދީފައި ވުމެވެ.

ޓްރަމްޕް ކުރީގެ ވަކީލު، ކޯއޭންއަކީ ޕްރެސެކިއުޓަރުން ހުށަހެޅުއްވި އެންމެ ވަރުގަދަ ހެއްކެވެ. ކޯއޭން ވަނީ، އިންސްޓޯލްމަންޓް އުސޫލުން މަހެއްގެ މައްޗަށް 35000 ޑޮލަރުގެ މާލީ ބަދަލު ދެމުން ދިއުމަށް ޓްރަމްޕް ދެއްވި އިރުޝާދުތައް، ޝަރިޢަތުގެ މަޖިލީހަށް ތަފްސީލު ކޮށްދެއްވާފައެވެ.

މި މައްސަލާގައި ޓްރަމްޕްގެ މައްޗަށް ޙުކުމް އިއްވާނީ ޖުލައި 11، 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް، ފަނޑިޔާރު ހުއާން މަރޝަން ވަނީ ނިންމަވާފައެވެ. އެއީ މިލުވާކީގައި، ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން ފަށާ ވަގުތާ ވަރަށް ގާތް ތާރީޚެކެވެ.

ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ވާ ކަމަށް ޖޫރީއިން ނިންމުމާއެކު އެމެރިކާގެ އަދުގެ ރައީސް ބައިޑަން ވަނީ، ވާދަވެރި ސިޔާސީ ކެންޑިޑޭޓް ބަލި ކުރެއްވުމަށް ޓްރަމްޕްއަށް އޮތް ހަމަ އެކަނި ބާރަކީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަމަށް ވިދާޅުވެ، ގޮންޖައްސަވާފައެވެ. 2 ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ބައިޑަންއަށްވެސް މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ ހައްސާސް އިންތިޚާބެކެވެ.

ޓްރަމްޕްއާ ދެކޮޅަށް ޖޫރީއިން ބަސް އިއްވުމާ އެކު އެމެރިކާގެ ސިޔާސީ މައިދާނުގައި ވަނީ ޚިޔާލު ތަފާތުވުންތަކުގެ އަޑުފަށްގަނޑު ގަދަވެފައެވެ. އެގޮތުން، މިއީ އެމެރިކާގެ ތާރީޚު ލަދުގަންނަން ޖެހޭ ދުވަހެއް ކަމަށާ، ޓްރަމްޕްއާ ދެކޮޅަށް ކުރާ ދަޢުވާތަކަކީ، ސިޔާސީ މަޤްޞަދެއްގައި ކުރާ ދަޢުވާތަކެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޤާނޫނީ ހައިސިއްޔަތު އޮތް ކަމެއް ނޫން ކަމަށް ޓްރަމްޕަށް ތާއީދު ކުރާ މީހުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް