ކ. މާލެ
|
17 މެއި 2024 | ހުކުރު 12:58
ޒަކާތް ބަލައިގަތުމުގެ މަރުހަލާގެ ތެރެއިން
ޒަކާތް ބަލައިގަތުމުގެ މަރުހަލާގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
މުދަލުގެ ޒަކާތް ދިނުން
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދައްކާ ނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެކަން ހުތުބާގައި ފާހަގަކޮށްފައިވޭ
ހުތުބާގައި ބުނެފައި ވަނީ ﷲ އެކަލާނގެ އަޅުތަކުން ހަލްގުކުރައްވާފައި ވަނީ ސިފަޔާއި، ތަބީޢަތާއި، ރިޒުގުތަކުގައި ތަފާތުކޮށް ކަމަށް
ޒަކާތް ދިނުމުގެ ދުންޔަވީ މަންފާތަކަށް ހުތުބާގައި ވަނީ ބަލާލާފައި

ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މުދަލު ޒަކާތްދިނުމާއި މެދު ހުކުރު ހުތުބާގައި ބުނެފައި ވަނީ މާތް ﷲ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާއިން ހޭދަކުރުމަކީ ސުވަރުގެއަށް ވާސިލްވުމުގެ މަގެއް ކަމަށެވެ. ޒަކާތް ދިނުމުގެ ދުންޔަވީ މަންފާތަކަށް ހުތުބާގައި ވަނީ ބަލާލާފައެވެ. ޒަކާތަކީ ހަމައެކަނި ފިތުރު ޒަކާތް ކަމަށް ބައެއް މީހުން ހީކުރާ ކަމަށާއި މުދަލު ޒަކާތް ނުދައްކާ މީހުން ތިބޭ ކަމަށް ހުތުބާގައިވެއެވެ. ނަމަވެސް ރުކުނެއް ކަމުގައި ކަނޑައަޅާފައިވަނީ މުދަލު ޒަކާތްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ފިތުރު ޒަކާތް ވާޖިބުވި ނަމަވެސް އެއީ އިސްލާމް ދީނުގެ ރުކުނެއް ނޫންކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މުދަލު ޒަކާތުގެ ނިސާބު ހަމަވާ މިންވަރަކީ ތިމާ އަތުގައި ފައިސާ ހުރެ އެއަށް ހަނދުމަހުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތުގެ މިންވަރަކީ އެ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައެވެ. ޒަކާތާއި ބެހޭ ޙުކުމްތައް ދަސްކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދައްކާ ނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ހަސަދަވެރިކަމާއި، ރުޅިވެރިކަން މީސްތަކުންގެ މެދުން ފިލުމަށް އެކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައި ވަނީ ﷲ އެކަލާނގެ އަޅުތަކުން ހަލްގުކުރައްވާފައި ވަނީ ސިފަޔާއި، ތަބީޢަތާއި، ރިޒުގުތަކުގައި ތަފާތުކޮށް ކަމަށެވެ. އަދި ރިޒުގު ހޯދުމާއި ދެއްވުމުގައި ވެސް އިންސާނުން ތަފާތުކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އިންސާނުންނަށް އަގު ނުކުރެވޭ ވަރުގެ ނިޢުމަތްތައް ލިބިފައިވާ ކަމަށާއި މުދާވެރިކަމާއި ތަނަވަސްކަމަކީ މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ހުތުބާގައި އިތުރަށް ބުނެފައި ވަނީ މުދަލުން ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، ﷲގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. ޒަކާތްދިނުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފައެއް ކަމަށް ވެސް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މުދަލު ޒަކާތަށް ޒަކާތުގެ ނަމުން ނަން ދެވުނީ ޒަކާތް ދިނުމުގެ ސަބަބުން ޒަކާތްދޭ މީހާ ޙަރާމް ކަންކަމުން ތާހިރުކޮށްދޭތީ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެެ. އެކަމުގެ ސަބަބުން މުދާ އިތުރުވެ މުދަލަށް ބަރަކާތްލައްވާ ކަަމަށް ހުތުބާގައި ވެއެވެ.

މުދަލަށް ލޯބިކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނުންގެ ފިތުރަތުގައިވާ ކަމެއް ކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައިފި ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށެވެ. މުދަލަކީ އެއްވެސް ހާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ﷲގެ މަގުގައި ހޭދަކުރުމާއި މުޖުތަމައުއަށް ފައިދާ ހުރި ކަންތައްތަކުގައި މާލީ ގޮތުން ބައިވެރިވުމާއި ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދާ ދިނުން ފަދަ ކަންކަން ކުރަން ޖެހޭކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމަށާއި ޒަކާތް ވާޖިބުވާ ކޮންމެ މީހަކު ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ހުތުބާގައިވެއެވެ. އެހެންކަމުން މުދަލު ޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ ގޮތުން އަދާކުރަން ޖެހޭ އެ ވާޖިބު އަދާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

- ކޮމެންޓް