ކ. މާލެ
|
17 މެއި 2024 | ހުކުރު 06:49
އޭސީސީ
އޭސީސީ
ރާއްޖެއެމްވީ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުން
ދައުލަތަށް ލިބެންޖެހޭ ފައިސާހޯދަން އިދާރާތަކުން މަސައްްކަތް ނުކުރޭ: އޭސީސީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށް އޭސީސީން އެންގި
2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށް އޭސީސީން ބުނޭ

ދައުލަތަށް ލިބެންޖެހޭ ފައިސާހޯދަން އިދާރާތަކުން މަސައްްކަތެއް ކުރަމުން ނުދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން އާއްމު ކުރި ބަޔާނެއްގައި ވަނީ 2023 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ.

އޭސީސީން ބުނީ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްޞަ ނިޒާމެއް ކޮމިޝަނުގައި ޤާއިމްކޮށްފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރެއިން އިދާރާތަކުން ޢަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ޤާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ނޫންކަމަށް ވީނަމަވެސް، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަޙުޤީޤަށް ފާހަގަކުރެވިއްޖެނަމަ އެފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް އޭސީސީން އަންގާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

2023 ވަނަ އަހަރު ކޮމިޝަނުން ތަހުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އަށް ލިބެންޖެހޭ 40,475,200.00ރ ހޯދުމަށް އަންގާފައިވެއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަށް ލިބެންޖެހޭ (އެމް.ޓީ.ސީ.ސީ) 8,481,000.00ރ ހޯދުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށް އޭސީސީން އެންގިއެވެ.

މީގެއިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށް އޭސީސީން ބުނެއެވެ.

- ކޮމެންޓް