ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަމަށާއި މަޖިލިސް އިންތިޚާބުން ލިބުނު މެސެޖަކީ އެއީ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒް ވަނީ 19 ވަނަ މަޖިލީހުގައި ވަރަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދީފައިވާ މެންބަރުން ވެސް އިތުރު ދައުރަކަށް ނުހޮވޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ދެވަނަ ދައުރަކަަށް ނުހޮވުނީ މެންބަރުންގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން އެކަނި ކަމަށް ނުބެލެވޭ ކަަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ މިކަމާއި ގުޅޭ ރަނގަޅު ދިރާސާ އެއް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނައީ ވަރަށް ގިނަ ބައެއްގެ އެދުމާއި އެކުގައި ކަމަށާއި ޤާނޫނު އަސާސީ އާއި އެކު ތިން ބާރު ވަކިވުމަކީ އެއީ މުހިންމު ބަދަލެއް ކަަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ނިޔާޒް ވަނީ ފެހި ޤާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުން އިންތިޚާބުވަމުން އައިގޮތާ މެދު ވާހަކަދައްކަވާފައެވެ. އެގޮތުން 2009 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން އޭރުގެ ސަރުކާރަށް ދިމާވި ދަތިތައް އާއްމުންނަށް ފެންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން އައި 2014، 2019 އަދި 2024ގެ މަޖިލިސް އިންތިޚާބުގައި ފެނުނީ ސަރުކާރަށް މެޖޯރިޓީ ދިނުމުގެ ވިސްނުން އާއްމުންގެ ހިޔާރުކުރިތަން ކަމަށް އޭނާ ވިދާޅުވިއެވެ.
ފެންނަން މިއޮތީ ސަރުކާރަށް އެއްބާރުލުން ދިނުމަށް މެންބަރުން ހޮވިތަން. އަޅުގަނޑަށް ލިބޭ މެސެޖަކީ ރައްޔިތުން ވިސްނާ ވިސްނުމަކީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންނޭ. އެއީ މެދުވެރިއަކު ވެގެން ކުރާ ކަމެއް ނޫނޭ. މެދުވެރިއެއް ގޮތަށް މެންބަރެއް ހޮވަނީ ރައްޔިތުންނަށް އެހީވުމަށް ސަރުކާރާއި ގުޅުވާދޭ ފާލަމެއް ގޮތުގައި. އެހެން ނޫންނަމަ މިދިޔަ މަޖިލީހުގައި ވަރަށް ފުރިހަމައަށް އަދާކުރި މެންބަރުން ނުހޮވުނު. އެއީ ސަރުކާރަށް ތާއީދު ނުކުރާތީ. ސަރުކާރު މެންބަރަކަށް ނުވާތީ.އަލީ ނިޔާޒް
ނިޔާޒް ވަނީ މެންބަރުންގެ ދައުރާއި މެދު ރައްޔިތުން ދެކޭ ގޮތް ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ ތެރޭގައި ނުރަނގަޅު ބައެއްކަންކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ. މެންބަރުންނަކީ 24 ގަޑިއިރު އާއްމުންގެ ޚިދުމަތުގައި ތިބޭ ބައެއް ކަމަށާއި މެންބަރުންގެ ކިބައިން އާއްމުން އެދޭ ކަންކަމަށް ބަލާއިރު މަޖިލީހުގައި ވަކާލާތުކުރުމާއި، މަޖިލިސް މެދުވެރިކޮށް ވުޒާރާތަކާއި އިދާރާތައް ޖަވާބުދާރީކުރުވުމާ ގުޅޭ ކަންކަމަށް އެދެނީ މަދުންކަން ނިޔާޒް ފާހަގަކުރެއްވިއެވެ.