ކ. މާލެ
|
14 މެއި 2024 | އަންގާރަ 12:57
އެޕްރީލް 2024 ގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދޭ
އެޕްރީލް 2024 ގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދޭ
ރާއްޖެއެމްވީ
މީރާގެ ތަފާސްހިސާބު
ފަތުރުވެރިކަމުން ލިބުނު އާމްދަނީއާއެކު އެޕްރީލް މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގަނެފި
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.6 އިތުރު އަދަދެއް
އެޕްރީލް 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

އެޕްރީލް 2024 ގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.6 އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %4.8 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އަދި މާރިޗު 2023 އާއި އަޅައިބަލާއިރު މާރިޗު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.9 އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އެޕްރީލް 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.

Advertisement

އަދި މީގެ އިތުރުން، މާރިޗު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8.3 އިތުރުވުމާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަދި، ފާއިތުވެގޮސްފައިވާ ޓީ.ޖީ.އެސް.ޓީގެ ސުންގަޑިތަކަށް ނުދައްކާހުރި ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދައްކައިފައިވާތީ، އެޕްރީލް މަހު ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

އެޕްރީލް 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 1.45 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 148.81 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 108.76 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެޕްރީލް 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް