ކ. މާލެ
|
12 މެއި 2024 | އާދީއްތަ 13:22
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ރާއްޖެއެމްވީ
ޖިނާއީ ކުށުގެ ޒިންމާ
ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ވަނީ ފަށާފައި: އިހުސާން
ޤާނޫނީ ގޮތުން އެކުދިންނަށް ހިންގަންޖެހޭ ރިހެބިލިޓޭޝަން ފުރިހަމައަށް ކުރިއަށް ގެންދާނެ
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި މިހާރު ކުށުގެ ޒިންމާ ނަގަން އޮންނަ އުމުރަކީ 15 އަހަރު

ކުޑަކުދިން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ފަށާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ކުށުގެ ޒިންމާ ނަގަން މިހާރު އޮންނަ އުމުރަކީ 15 އަހަރެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަ ކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެކަމުގެ ބޭނުމަކީ ކުޑަކުދިން ކުށުގެ މާހައުލުން ނަގައި ރިހެބިިލިޓޭޓްކޮށް، އެކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށާއި، ޤާނޫނީ ގޮތުން އެކުދިންނަށް ހިންގަންޖެހޭ ރިހެބިލިޓޭޝަން ފުރިހަމައަށް ކުރިއަށް ގެންދިއުންކަމަށް އިހުސާން ވިދާޅުވިއެެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިނިސްޓްރީން ވެސް ކުދިން ރިހެބްލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޚިދުމަތް ދޭން ގަސްތުކުރަނީ ރަށެއްގެ ސިފައިގައި ކަމަށާއި އެރަަށަށް ކުދިން ގެންގޮސް ކުދިން ތަރުބިއްޔަތު ކުރާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އެގޮތުން އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި، އަސާސީ ތައުލީމު އަދި ދީނީ އިލްމާއި ހުނަރު ތަރައްޤީކުރުން ވެސް އުނގަންނައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެކަމަށް ޚާއްސަކުރާ ރަށަށް ކިޔަން ނިންމާފައިވަނީ "ހޯޕް އައިލެންޑް" ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިހްސާން ވިދާޅުވީ މިކުދިން ލޯންގްޓާމް ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށް ކަމަށެވެ. 18 އަހަރުވުމަށް ފަހު އެ ކުދިންނަކީ ސިފައިގެން ނުވަތަ ފުލުހުންގެ ޚިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި އެއަށްފަހު ފަސް ވަރަކަށް އަހަރު ޚިދުމަތުގައި ތިބެފައި ދެން އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިގޮތަށް މިކަން ކުރެވިއްޖެނަމަ ގޭންތަކާއި ގުޅޭ ކުދިންނާއި، މާރާމާރީގައި ބައިވެރިވާ ކުދިންގެ އަދަދާއި، އަޅާނުލައި މަގުމަތީގައި ގިނަވާ ކުދިންގެ އަދަދު މަދުވެ، މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މަސައްކަތް ކުރަނީ ކުދިންނަށް އަދަބު ދޭން ނޫން ކަަމަށާއި، މަސައްކަތް ކުރަނީ އެ ކުދިން ރިހެބްލިޓޭޓްކޮށް ރަނގަޅުކޮށް މުޖުތަމައު އަށް ނެރުމަށް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް