އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ލީގުގައި ޖެހި ޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.
ފޮރެސްޓުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮންމެ ޓީމަކުން ވެސް އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ފަހު ހާފުގަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޗެލްސީންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މިކައިލޯ މުޑްރިކް އެވެ. އޭނާ އެ ލަނޑު ޖެހީ ކޯމް ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ފޮރެސްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިލީ ބޮލީ އެވެ.
ދެ ވަނަ ހާފުގައި ފުރަަތަމަ ލަނޑު ޖެހީ ފޮރެސްޓުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ކަލޫމް ހުޑްސަން އޮޑޯއީ ޖެހި ލަނޑާއެކު، ފޮރެސްޓުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލީޑު ދެމި އޮތީ އެންމެ ހަ މިނެޓަށެވެ. މެޗުގެ 80 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ލަނޑު ޖަހައި، ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ނިކޮލަސް ޖެކްސަން ލަނޑު ޖަހައި، މެޗުން ޗެލްސީ މޮޅުކޮށްދިނެވެ.
މޮޅާއެކު ޗެލްސީ އޮތީ ހަތް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުން 57 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ލިބެނީ 57 ޕޮއިންޓެވެ. ނިއުކާސަލް އިން ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ. މޮޅާއެކު ޗެލްސީން ވަނީ ޔޫރަޕުގެ މުބާރާތެއްގެ އުންމީދު ދަމަހައްޓައިފަ އެވެ.