އިންޑިއާއިން އެއްވެސް އިރެއްގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބަން ބޭނުން ނުވާ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ހާހުންތިބިކަމަށް ބުނެ މި ސަރުކާރު ވެރިކަަމަށް އައިސް އެ އެންމެން ބޭރުކުރާނެކަމަށް ދެއްކި ވާހަކައިގެ ހަގީގަތް ހާމަވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 100ށް ވެސް ނާރައެވެ. އިންޑިއާ ސިފައިން ތަފާތު އެކި ފަހަރު މަތިން އަނބުރާ އިންޑިއާއެކު ވެެފައިވާ އެއްބަސްވުމެއްގެ ދަށުން ފޮނުވާލާފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބީ ހެލިކޮޕްޓަރާއި މަތިންދާބޯޓު އޮޕަރޭޓްކުރަން 76 ސިފައިން ކަމަށެވެ.
އިންޑިއާ ސިފައިން ފޮނުވާލާފައިވާކަމަށް ސަރުކާރުން ބުނެ އެކަމުގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފޮނުވާލި 76 ސިފައިންގެ ބަދަލުގައި އައިސްފައިވަނީ 76 މަދަނީ މީހުން ކަމަށެވެ. އެގޮތުން ކޮންމެ ސިފައިންގެ މީހެއްގެ ބަދަލުގައި މަދަނީ މީހެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ ގެނެސްފައިވަނީ ބޭނުންވާ އަދަދަށް މީހުން ކަމަށާއި، އިންޑިއާއިން މާގިނަ ސިފައިން ރާއްޖޭގައި ބައިތިއްބަން އުޅެފައި ނެތް ކަަމަށާއި، ސިފައިން ބައިތިއްބާފައި ތިބީ އޮޕަރޭޝަންތަކަށް ބޭނުންވާ ވަރަށް ސިފައިން ކަމަށެވެ.
އަދި އިންޑިއާގައި އެދިގެން ރާއްޖެ ގެނެސްފައިވާ މަދަނީ މީހުން ތިބޭނީ ސ. ގަމާއި، ހދ. ހަނިމާދޫ އަދި ލ. ކައްދޫގައި ކަމަށެވެ.