ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:39
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ސިއްހީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
 
ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން އެމީހުންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން އެހީތެރިކަން ބޭނުންވޭ
 
ސިއްހީ މުޅިނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމުން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ
 
ސިއްހީ ޚިދުމަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ ގިނަ ގޮންޖެހުންތަކާއެކު

ސިއްހީ ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތުގެ އަގުވައްޓާލައި، ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތަކާއި މެދު އިތުބާރު ގެއްލޭގޮތަށް ވާހަކަފަތުރައި، ފޮޓޯ އާންމުކުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އިން ކުށްވެރިކޮށްފި އެވެ.

އެ އެސޯޝިއޭޝަނުން ބުނީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ޚާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތުގެ އަގުވެއްޓި ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމު ކުރުން ފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި މިފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފަތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ޚިދުމަތަށް ބޭނުންވެފައިވާ އާއްމު ރައްޔިތުންނަށްކަން ފާހަގަކޮށް މެޑިކަލް އެސޯސިއޭޝަންއިން ބުނީ، މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި ރަނގަޅު ޕްރޮފެޝަނަލް ޚިދުމަތްތެރިން ޚިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާއި ދިމާވާ ކަމަށް އެ އެސޯޝިއޭޝަނުން ބުނެއެވެ.

މެޑިކަލް އެސޯސިއޭޝަންއިން ބުނީ ސިއްހީ ފަރުވާ ގުޅުންހުރި ކަންކަމުގައި ރަަނގަޅު މައުލޫމާތު އެނގިހުރެ ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން އެމީހުންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް ވަނީ އެދިފައެވެ.

ސިއްހީ ދާއިރާއިން ދޭ ޚިދުމަތްތަކާއި މެދު އިތުބާރު ގެއްލޭގޮތަށް ވާހަކަފަތުރައި، ފޮޓޯ އާންމުކުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ކުށްވެރިކޮށްފައިވާއިރު، މިފަހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ވިހޭ ތުއްތު ކުއްޖަކާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަކަށް އަމަލުކުރި ކަމަށް ބުނެ، އެ ކުއްޖާގެ އާއިލާގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޑޮކްޓަރުންގެ ފޮޓޯ އާއްމުކޮށް އެ މީހުންގެ ޒިންމާ އަދާކުރަން ހުރަސްއެޅޭ ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް