ކ. މާލެ
|
6 މެއި 2024 | ހޯމަ 18:32
ގައްޒާގެ މައްސަލައިގައި ސަރުކާރު އަދިވެސް ހަނު
ގައްޒާގެ މައްސަލައިގައި ސަރުކާރު އަދިވެސް ހަނު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސަރުކާރަށް 6 މަސް: އަދިވެސް ސްޓޭންޑެެއް ނުނެގި އިޒްރޭލު ޕާސްޕޯޓް މަނާނުކުރެވި ފަހަތު ފަޔަށް ބަރުވެފައި
 
މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުން
 
ސަރުކާރުން ބުނަނީ ސްޓޭންޑް ނުނެގޭ ކަމަށް
 
ޕާސްޕޯޓް މަނާކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސާފު ޖަވާބެއް މިހާތަނަށް ވެސް ނެތް

ނިރުބަވެރި އިޒްރޭލުން ގައްޒާއަށް އަރައި، ގައްޒާގެ ނިކަމެތި އާންމުން މަރަމުންދާއިރު ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އެ ގައުމަކުން ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. ބައެއް ގައުމުތަކުން ވަނީ ގުޅުން ކަނޑާލާފައެވެ. ބައެއް ގައުމުތަކުން ވަނީ ވިޔަފާރި ހުއްޓާލާފައެވެ. އަދި އަނެއްބައި ގައުމުތަކުން ވަނީ އިޒްރޭލުގެ ރައްޔިތުންނަށް އެ ޤައުމަކަށް ނުވަދެވޭ ގޮތް ހަދާފައެވެ.

ނަމަވެސް 100 އިންސައްތަ މި މުސްލިމް ގައުމަށް ކުރެވެނީ ކޮންކަމަކާ މެދު ސުވާލު ކުރެވެން ޖެހެއެވެ. ނިމިގެންދިޔަ ސަރުކާރުތަކުން އިޒްރޭލާއެކު ގުޅުން ކަނޑާލުން ފިޔަވައި ދެން އަލަށް ކުރެވުނު އެއްވެސްކަމެއް ނެތެވެ. އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މިހާރު އޮތް ސަރުކާރަށް ގޮވާލާ ހިމޭން އިހްތިޖާޖެއް ވެސް ވަނީ ބާއްވާފައެވެ. ޕެޓިޝަން ހަދާ ހުށަހެޅިއްޖެއެވެ. މަޖިލީހަށް ވެސް މައްސަލަ ހުށަހެޅިއްޖެއެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓް މަނާކޮށް އިޒްރޭލު ރައްޔިތުން އެތެރެވުން ހުއްޓުވުމަށް މިހާރު އޮތް ސަރުކާރަށް ވަނީ ނުކުޅެދިފައެވެ.

ސަބަބުތަކެއް ވެސް ހުރުމުން ކަމަށްވެދާނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހެޅިފައެވެ. ޕާސްޕޯޓް މަނާކުރުމަށް ޕެޓިޝަން ވެސް ވަނީ ހުށަހެޅިފައެވެ.

ނަމަވެސް ސަރުކާރަށް 6 މަސް ވެގެން ދިޔައިރުވެސް ނިރުބަވެރި އިޒްރޭލުން ގައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ހާލާއި ގުޅޭގޮތުން އެއްވެސް އާރެއް ބާރެއް ނެތް ދެ މަޖިލީހެއްގައި ވާހަކަދެއްކުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ. ދިވެހިން ބޭނުންވަނީ ރާއްޖެއިން މިކަމުގައި ނަމޫނާ ދެއްކުމަށެވެ. ނަމަވެސް އިޒްރޭލާ އެންމެ ގާތް އެމެރިކާ، ޖަރުމަނު ފަދަ ބޮޑެތި ގައުމުތަކުން ކޮންޓްރޯލް ކުރާ އދ. އާއި، ގައްޒާގެ މައްސަލައިގައި ހަނު ތިބި އަރަބިން ހިމެނޭ ޖަމިއްޔާއެއްގައި މި ވާހަކަ ދެއްކުން ފިޔަވައި އެއްވެސް އިތުރުކަމެއް މި ސަރުކާރުން ނުކުރެއެވެ.

ސަރުކާރުން މި މައްސަލައިގައި ދައްކަނީ ބަހަނާއެވެ. އަދުގެ ސަރުކާރަށް 6 މަސް ވެގެން ދިޔަ އިރު އަދި ގައްޒާ ހަނގުރާމައަށް 7 މަސްވެގެން ދިޔައިރު، އަދިވެސް ސްޓޭންޑެއް ނުނެގި ސަރުކާރު މި މައްސަލައިގައި ވަނީ ފެއިލްވެފައެވެ. އަދިވެސް ބުނަމުންދަނީ އިޒްރޭލު ޕަސްޕޯޓް މަނާކުރާނެކަމާއި، އެއީ ސަރުކާރުގެ ސްޓޭންޑް ކަމަށެވެ. އަދި އެކަން ކުރާނެކަމަށް ސަރުކާރަށް ބުނަން ނުކެރި މަޖިލިސް ބޮލަށް އެކަން އަނެއްކާ ވެސް ވަނީ ޖަހާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލާ މާ ދުރުދުރުން، ކަމާއި ނުގުޅޭގޮތަށް ދެއްވި ޖަވާބުގައި ތަރުޖަމާނު ހީނާ ވިދާޅުވީ ފަލަސްތީނަކީ ދިވެހިންގެ ވަރަށް ގާތް އަހުންނާއި އުހުތުންތަކެއް ތިބި ގައުމެއް ކަމަށެވެ. އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަންކުރުމަކީ އެއީ އަބަދުވެސް ދިވެހިރާއްޖެއިން ނަގަމުން އަންނަ ސްޓޭންޑް ކަމަށާއި، މި ސަރުކާރުން ވަރަށް ބޮޑަށް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. ހީނާ ވިދާޅުވީ ބައިނަލްއަގުވާމީ ދެ ޕްލެޓްފޯމެއްގައި ދެ ވަޒީރުން ދެއްކެވި ވާހަކަފުޅަކީ އެކަމުގެ ވަރަށް ވަރުގަދަ ހެތްކެއް ކަމަށެވެ.

އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައާއި އެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އައު ރައްޔިތުންގެ މަޖިލިސް ހުވާކުރަން ވާއިރަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ދިރާސާކޮށް، އިންޑެޕްތްކޮށް މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ފަލަސްތީނުގެ ހައްގުގައި ނަގަންޖެހުނު ކޮންމެ ސްޓޭންޑެއް ނަގާނެ ކަމަށެވެ. އަދި ނަގާ ކޮންމެ ސްޓޭންޑަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ނަގާނެ ސްޓޭންޑެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ޕާސްޕޯޓު ބޭންކުރުމާއި ގުޅޭގޮތުން އަނެއްކާވެސް ސުވާލުކުރުމުން ހީނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކަކީ އަދި ނަގަންޖެހޭ ސްޓޭންޑްތަކަކީ ކޮބައިތޯ، އެކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކަމާއިބެހޭ ފަރާތްތަކާ އެކީގައި މަޝްވަރާކުރަމުންދާ ކަމަށެވެ. އެހެންކަމުން އައު މަޖިލިސް ހުވާ ކުރަންވާއިރަށް އެހިސާބަށް ދެވޭނެކަމަށް ހީނާ ވިދާޅުވިއެވެ.

އައު މަޖިލިސް ހުވާކުރަންދެން ދިވެހި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކަމެއް ނުކޮށްދޭނަމޭ ބުނެވޭނީ މިވަރަށެވެ. އަދި ޕާސްޕޯޓް މަނާކުރުމާއި ގުޅޭގޮތުން މިހާތަނަށް ވެސް ސަރުކާރުން ސީދާ ސާފު ޖަވާބެއް ދީފައި ނެތެވެ. މި ސަރުކާރުން ޕޯޑިއަމްތަކުގައި ދައްކަނީ ހުސް ފޮނި ވާހަކަތަކެވެ. ފަޅަނީ ބޮޑެތި ކަރާތަކެވެ.

ނިކަން ކެރިގެން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުމަށް އޮތް ހުރަހަކީ ކޮބައިތޯއެވެ. އެ މައްސަލައިގައި މަޖިލީހަށް މި ސަރުކާރުން އެއްވެސް މައްސަލައެއް ނުފޮނުވައެވެ. މައްސަލައެއް ނުވައްދައެވެ. ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި އެކަން ކުރަން އުޅުނު ނަމަ އެކަން ކުރެވުނީހެވެ. މިހެން ބުނަން ޖެހެނީ އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހުށަހެޅުނު ކަންކަން މިހާތަނަށްވެސް 19 ވަނަ މަޖިލީހުން އިސްކަމެއްދީގެން އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވާތީއެވެ. އަދި ގައްޒާގެ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް މި ސަރުކާރު މިވަނީ ފެއިލްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް