ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ކޮރަޕްޝަން މައްސަލަތައް ގިނަ އެތަން އިސްލާހުކުރަން ސްޕޭން ސަރުކާރުން ނެގި ހާއްސަ ކޮމިޓީގެ އިސްވެރިއަކަށް ކުރީގެ ގައުމީ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ހަމަޖައްސައިފި އެވެ.
އޭނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕޭން ޓީމުގެ ކޯޗެވެ. އަދި ސްޕޭނުގައި ވަރަށް ގަދަރުވެރި ބޭފުޅެކެވެ.
ޑެލްބޮސްކޭއަށް ކޮމިޓީގެ ޗެއާމަންކަން ދީފައިވާއިރު ސްޕޭން ސަރުކާރުން ބުނެފައިވަނީ އޭނާގެ ވާޖިބަކަށްވާނީ މިނިވަން އިންތިހާބަކަށް ސްޕޭން ފެޑަރޭޝަން ގެންގޮސްދިނުން ކަމަށެވެ. ނަމަވެސް މި ކޮމިޓީއާމެދު ފީފާ އާއި އޭއެފްސީގެ ވިސްނުން ތަފާތެވެ. އެ ދެ ޖަމާއަތުން ބުނެފައިވަނީ ޑެލްބޮސްކޭ ކޮމިޓީ އަކީ ބާރުތަކަކާއި ނިންމުންތަކެއް ނިންމުމުގެ ބާރު ލިބޭ ކޮމިޓީއެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސްޕޭން އެފްއޭ ހިންގަން ކޮމިޓީއެއް ނެގި ނަމަވެސް އެ ގައުމު ސަސްޕެންޑްކުރަން ފީފާ ބޭނުމެއްނުވެ އެވެ. އެއަށްވުރެ ބޮޑަށް ފީފާއިން ވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށެވެ. މިކަމުގެ އެއް ސަބަބަކީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަނީ ސްޕޭނުގައި ކަމަށްވެފައި އެމަސައްކަތަށް ހުއްޓުމެއް އައުމަށް ސަރުކާރާއި ފީފާ ވެސް ބޭނުންނުވާތީ އެވެ. ސަރުކާރުން ބުނެފައިވަނީ ބޭނުންވަނީ ފެޑަރޭޝަނުގެ ކަންކަން ވީހާ އަވަހަށް ހައްލު ކުރުމަށްފަހު ވޯލްޑްކަޕުގެ ތައްޔާރީތަކާއިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން މިކަމުގައި ބުނީ ސްޕޭން ސަރުކާރުގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް ފުޓްބޯޅަ ޖަމިއްޔާތަކަކީ ތިން ވަނަ ފަރާތެއްގެ ބައިވެރިވުމެއްނެތި މިނިވަންކޮށް ހިންގަންޖެހޭ ތަންތަނަށްވާތީވެ މިކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ސްޕޭން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ނިންމުމަކީ ފުޓްބޯޅަ ފެޑަރޭޝަނާ މެދު މިވަގުތު ހިނގަމުންދާ މައްސަލަތަކުގެ ސަބަބުން ސްޕޭނުގެ ކުޅިވަރުގެ ހިމާޔަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސްޕޭނުގެ ކުޅިވަރަށް ޒިންމާވާންޖެހޭ ބަޔަކީ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަމަށެވެ.
ސްޕޭން ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ އެގައުމުގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ފެޑަރޭޝަނާ ދެކޮޅަށް ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ފެންމަތިވަމުންދިޔަ މައްސަލަތަކަށް ބެލުމަށްފަހު އެވެ. މީގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާއި ޖިންސީ ފުރައްސާރަ އާއި އިދާރީ މައްސަލަތައް ހިމެނެ އެވެ.
ކޮރަޕްޝަނުގެ މައްސަލާގައި ސްޕޭނުގެ ފުލުހުން ވަނީ މިދިޔަ މަހު ސްޕޭނު ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޭނުގެ އަންހެން ކުޅުންތެރިއަކަށް ބޮސްދިން މައްސަލަ ޖެހި ކޯޓުގައި އެ މައްސަލަ ބަލަން ފެށުމުންނެވެ. މި ފަދަ މައްސަލަތަކުގައި ފުޓްބޯޅަ ފެޑަރޭޝަނުން މިދިޔަ އަހަރެއްހާ ދުވަހު އެތައް ބަޔަކު ވަނީ ވަކިވެސްކޮށްފަ އެވެ. އަދި މިދިޔަ މަހު ފުލުހުން ވަނީ އެފްއޭގެ އިމާރާތަށް ވެސް ވަދެ ފާސްކޮށްފަ އެވެ.
މީގެ އިތުރުން އިސްތިއުފާދިން ރައީސް ރުބިއަލެސްގެ ބަދަލުގައި ރައީސް ކަމަށް އަންނާނެ ކަމަށް ބެލެވިފައިވާ ފަރާތަށް ވެސް މިހާރު ވަނީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފަ އެވެ.