އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ޔޫރަޕުގެ މުބާރާތެއްގެ އުންމީދު ހޯދައިފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކޯލް ޕާމާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނިކޮލަސް ޖެކްސަން އެވެ. އޭގެ 15 މިނެޓު ފަހުން ޗެލްސީގެ ދެ ވަނަ ލަނޑު ޖެހީ ކޮނާ ގަލަގާ އެވެ. ޗެލްސީގެ ތިން ވަނަ ލަނޑު، 36 ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ޖެހީ ތިއާގޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ލަނޑު ވެސް ޖެހީ ޖެކްސަން އެވެ. އެއީ 48 ވަނަ މިނެޓާއި، 80 ވަނަ މިނެޓުގައި އޭނާ ޖެހި ދެ ލަނޑެވެ.
މޮޅާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 35 މެޗުން 54 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 56 ޕޮއިންޓު ލިބޭއިރު، ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 60 ޕޮއިންޓެވެ.