ކ. މާލެ
|
3 މެއި 2024 | ހުކުރު 19:08
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި
މާލޭގެ މަގަކަށް ގެއަކުން ނެރެ އަޅާފައި ހުރި ކުނި
ރާއްޖެއެމްވީ
މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ
ކުނިއަޅާ މީހުން ދެނެގަތުމަށް ކުރިއަށް އޮތްތަނުގައި މޯބައިލް ކެމެރާތަކެއް ހަރުކުރަނީ
ގިނައިން ކުނި އަޅަމުން އަންނަނީ ބިދޭސީންކަމަށް ފާހަގަކުރެވިފައިވާކަމަށް އާޒިމް ވިދާޅުވި

މާލެ ސިޓީގެ އެކި ތަންތަނަށް ކުނި އަޅާ މީހުން ދެނެގަތުމަށް ކުރިޔަށް އޮތްތަނުގައި މޯބައިލް ކެމެރާތަކެއް އެކި ސަރަހައްދުތަކުގައި ހަރުކުރަމުން ގެންދަވާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އަދި އާންމުކޮށް ކުނި ޖަމާކުރާ ސަރަހައްދުތައް ސިޓީ ކައުންސިލުން އަންނަނީ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި އާންމުކުރަމުންނެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އާންމުކޮށް ކުނި އަޅާ މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި ގިނައިން ކުނި އަޅަމުން އަންނަނީ ބިދޭސީންކަމަށެވެ. އަދި އެގޮތަށް ކުނި އަޅާ މީހުން ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެކި ތަންތަނަށް ކުނި އަޅާ މީހުން ހޯދުމަށް ކޮންމެ ގޯޅި ކަންމައްޗެއްގައި ވެށިފާރަވެރިއެއް އަދި ފުލުހެއް ނުބެހެއްޓޭނެކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެކި ތަންތަނުގައި މޯބައިލް ކެމެރާތަކެއް ހަރުކުރަމުން ގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މޮބައިލް ކެމެރާތަކެއް ހަރުކުރެވިގެންދާނެ. އެކި ދުވަހު އެކި ތަންތަނުގައި ކެމެރާތައް ހަރުކުރެވިފައި ހުންނާނީ. އެކަމަށް ދިރާސާކުރެވި އަޅުގަނޑަށް ލަފާ ލިބިފައިވަނީ
އާދަމް އާޒިމް / މާލެ ސިޓީގެ މޭޔަރު

އާޒިމް އިތުރަށް ވިދާޅުވީ މާލެ ސިޓީގެ އެކިތަންތަނުގެ ތެރެއިން ކުނި އަޅާފައި ހުންނަ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަކަމަށެވެ.

- ކޮމެންޓް