ކ. މާލެ
|
3 މެއި 2024 | ހުކުރު 18:49
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަޝްވާ ފަހީމް
ގައިންގަޔަށް އަރާބަލިތައް އިތުރުވުން
ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ
އަރަދަފުސްރޯގާ ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު އިތުރު
ޗިކުންގުންޔާ، ޑެންގީގެ އިތުރުން ފާނަބަސަދަ ވެސް ދަނީ ފެންނަމުން
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ދަތުރުކުރާ މިންވަރު އިތުރު

ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ސަނާ ސަލީމް ވިދާޅުވީ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ކުޑަކުދިންނާއި ބޮޑެތި މީހުން ދަތުރުފަތުރުކުރުން އިތުރުވާއިރު، މިދުވަސްވަރު ގަައިންގަޔަށް އަރާ ބަލިތައް ވެސް އިތުރުވާމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

Advertisement

މިދުވަސްވަރު ފެންނަމުންދާ ބަލިތަކާއި ރޯގާތަކަށް އިޝާރާތް ކުރައްވައި ސަނާ ވިދާޅުވީ ޗިކުންގުންޔާއާއި ޑެންގީގެ އިތުރުން ފާނަބަސަދަ ވެސް ފެންނަމުންދާ ކަމަށެވެ. އަދި އަރަދަފުސްރޯގާ ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑު ޗުއްޓީގެ ދުވަސްވަރާއި ދިމާކޮށް އަޅުގަނޑުމެންނަށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވޭ. ހަމައެކަނި ޑެންގީ ޗިކުންގުންޔާ އެއް ނޫން. މިދުވަސްވަރު ކޮންމެވެސް ވަރަކަށް ޗިކަންޕޮކްސް ވެސް އެބައުޅޭ. އަދި ރޯގާ ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު ވެސް މިއަހަރު ފެށުނުއިރު ވެސް ކޮންމެވެސް ވަރަކަށް އެބައިތުރުވޭ. ދަތުރުފަތުރުގައި އުޅޭއިރު، ޑެންގީ ޗިކުންގުންޔާގެ އިތުރުން އެހެން ބަލިތަކަށް ރައްކާތެރިވުމުގެ އިތުރުން އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމު. އަދި އޭގެ އިތުރުން ކޮވިޑްގެ ތެރޭގައި ގިނައިން މިކުރި ކަންކަން. އަތް ދޮވުމާއި މާސްކް އެޅުމާއި ސެނަޓައިޒަރ ބޭނުންކުރުމާއި މިކަހަލަ ކަންތައް ދަތުރުގެ ތެރޭގައި ކުރުން ވަރަށް މުހިންމު
ސަނާ ސަލީމް / އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ

ޑެންގީއާއި ޗިކުންގުންޔާއަށް އިޝާރާތް ކުރައްވައި ސަނާ ވިދާޅުވީ މިދެ ބަލި ވެސް ޖެހެނީ އީޑީސް މަދިރިން ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަދިރި އުޅޭއިރު، އެކަމަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަންފަދަ އެއްޗެހި ގައިގައި ހާކައި ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ސަނާ ވިދާޅުވީ ރޯގާ ޖެހި ހުންއަންނަ ނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބަލިޖެހިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށްފަހު، ގިނައިން އަރާމުކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށާއި ހާއްސަކޮށް އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް