ކ. މާލެ
|
15 ޑިސެންބަރ 2024 | އާދީއްތަ 16:28
ސްކޫލް ދަރިވަރުން ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން
ސްކޫލް ދަރިވަރުން ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން
igmh
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތައް އިތުރުން
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
އަރިދަފުސް ރޯގާ ޖެހިގެން ނޮވެންބަރު މަހު 40504 ކޭސް ރިޕޯޓުކޮށްފައިވޭ
ބޭރަށް ހިންގުން ޖެހިގެން ނޮވެންބަރު މަހު 3635 ކޭސް ރިޕޯޓުކޮށްފައިވޭ
މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ 476 ސާމްޕަލެއް ޕޮޒިޓިވްވެފައިވޭ

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތައް ކަމަށްވާ އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ އޮކްޓޫބަހު މަހާ އަޅާބަލާއިރު، ނޮވެންބަރު މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން އޮކްޓޫބަރު މަހު 29515 ކޭސް ރިޕޯޓުކޮށްފައިވާއިރު، ނޮވެންބަރު މަހު ރިޕޯޓުކޮށްފައިވަނީ 40504 ކޭސްއެވެ. އަދި ބޭރަށް ހިންގުން ޖެހިގެން އޮކްޓޫބަރު މަހު 3162 ކޭސް، ނޮވެންބަރު މަހު 3635 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިއަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، ނޮވެންބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 2375 ސާމްޕަލްގެ ތެރެއިން 476 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ނޮވެންބަރު މަހުގެ ތެރޭގައި 164 މީހުން ޓެސްޓު ކުރެވުނު ކަމަށާއި، 42 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުނިކުމެ އަވަހަށް ފަރުވާ ހޯދަން ޖެހޭ ކަަމަށެވެ.

- ކޮމެންޓް