ކަނޑުގެ ދިރާސާތައް ހާދާ ޗައިނާގެ ބޯޓު އަނެއްކާވެސް ރާއްޖެއައިސްފަ ފުރައިގެން ދިޔައިރު، ރާއްޖޭގެ އުތުރުން ބޮޑު ސަރަހައްދެއްގެ ކަނޑުގެ މައުލޫމާތު އެއްކޮށްފައިވާކަން ހާމަވެއްޖެއެވެ.
ކަނޑު އަޑީގެ މައުލޫމާތު ނުވަތަ ހައިޑްރޯގްރަޕީގެ މަސައްކަތް ކުރާ ޗައިނާގެ ބޯޓު ދެވަނަ ފަހަރަށް ރާއްޖެ އައިސްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
ކަނޑުގެ ދިރާސާ ކުރާ ޒަމާނީ ބޯޓު ޝިއެން ޔެން ހޮން-3 ބަނދަރުކޮށްފައި އޮތީ މާލެ ކައިރިން ތިލަފުއްޓާ ދިމާލުގައެވެ. ކަނޑު އުޅަނދު ފަހަރު ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާގޮތުން މި ބޯޓު ތިލަފުށީ ކައިރީގައި ބަނދަރުކޮށްފައިވަނި ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. އަދި ތިލަފުށީ ބޭރުގައި ބޯޓު ބޭއްވުމުގެ ކުރިން ތިލަފުއްޓަށް ބަނދަރުކޮށްފައިވެއެވެ.
މި ވެބްސައިޓުން ދައްކާގޮތުން ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު ވަނީ ތިލަފުއްޓަށް ވެސް ބަނދަރުކޮށްފައެވެ. އެގޮތުން ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕެޓްރޯލިއަން ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބަނދަރުގައި ބަނދަރުވެސް ކޮށްފައެވެ.
ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު މިފަހަރު ރާއްޖެ އައި ސަބަބެއް ސަރުކާރުން ހާމަކޮށްފައިވެސް ނުވެއެވެ. އަދި ބޯޓު އައުމުގެ ކުރިން ހުއްދަ ދިންކަމެއް ނުވަތަ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި އެ އުޅަނދާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅުމުން ފޯނެއް ނުންގަންގަވައެވެ.
މި ބޯޓު އެންމެ ފަހުން ރާއްޖެ އައިސްފައިވަނި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ޗައިނާގެ މި އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހިރާއްޖެއިން ޖެނުއަރީ މަހުގެ ތެރޭގައި އެއިރު ދީފައިވާއިރު، އެކަމާއި ގުޅޭގޮތުން އޭރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދިނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު ފެބްރުއަރީ މަހު މާލެ ކައިރީގައި ބަނދަރުކުރުމުގެ ކުރިން ވަނީ ތިން ހަފްތާ ވަންދެން އިންޑިޔާ، ރާއްޖެ އަދި ލަންކާގެ އީއީޒެޑްގެ ބޭރު ސަރަހައްދުގައި ސަރވޭ ކުރިޔަށްގެންގޮސްފައެވެ.
އަދި މި މަހު މި ބޯޓު ރާއްޖޭގައި ބަނދަރުކުރުމުގެ ކުރިން ރާއްޖޭގެ އުތުރުން އީއީޒެޑްގެ ބޭރުން ލަންކާ ކައިރިން ފަށައިގެން ބޮޑު ސަރަހައްދެއްގައި ހަރަކާތްތެރިވެ ކަނޑުގެ ގިނަ މައުލޫމާތުތަކެއް ވަނީ އެއްކޮށްފައެވެ.
މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.