މިސަރުކާރުން ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ ކަމަށާއި، ޓީޗަރުންނަށް އަހަރީ ޗުއްޓީގެ ބޭނުން ވެސް ރަނގަޅު ގޮތުގައި ނުހިފޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސްކަން ހާމަވުމާއި ގުޅިގެން ރާއްޖެއެމްވީއަށް އިހްސާން ވިދާޅުވީ ހުރިހާ ގެއްލުމެއް ލިބެނީ ޓީޗަރުންނާއި، ދަރިވަރުންނަށް ކަމަށެވެ.
އިހްސާން ވިދާޅުވީ އޯލެވަލްއަށް ދަރިވަރުން ތައްޔާރު ކުރުމުގައި ގްރޭޑް 10، އަދި ގްރޭޑް 9 ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް މިގެނައި ބަދަލާއެކު އެކުދިންނަށް ރަނގަޅު ގޮތުގައި ސިލަބަސް ކަވަރު ކުރުމަށް ފުރުސަތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ގްރޭޑް 10ގެ ދަރިވަރުންގެ މޮކް އެގްޒާމަށްފަހު އައިޓަމް އެނާލިސިސް ހަދާނެ ކަމަށާއި، އެނާލިސިސް ހެދުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، މާއްދާތައް ޓީޗަރުންނަށް އެނގޭނެ ކަމަށެވެ. އަދި އޯލަވަލް ފެށުމާއި ހަމައަށް އެކުދިންނަށް އިތުރަށް އެހީތެރިކަން ޓީޗަރުން ފޯރުކޮށްދެމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.
ނަމަވެސް މިގެނައި ބަދަލާއެކު ފުރަތަމަ ޓާމްގެ އިމްތިހާން ބޭއްވުމަށްފަހު، މޮކް އެގްޒާމް ބާއްވާ އައިޓަމް އެނާލިސިސް ހެދުމަށް ވަގުތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަގުތާއެކު ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތު ހޯދައިދިނުމަށް ފުރަތަމަ ޓާމްގެ އިމްތިހާން ނުބާއްވާ މޮކް އިމްތިހާން ހަދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ މިހާރު ގްރޭޑް 8ގައި ތިބި ދަރިވަރުން، 2025ގެ އޮކްޓޫބަރު ނޮވެންބަރުގައި އޯލެވެލް ހަދާއިރުގައި އެކުދިން އެ ތިބެނީ ގްރޭޑް 10 ގައި ކަމަށެވެ. އެ އެކުދިން ގްރޭޑް 10ގެ ކިޔެވުން ފަށާނީ 2025 ވަނަ އަހަރުގެ ފެބްރުއަރީގައި ކަމަށް އިހުސާން ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ މޭއި/ޖޫންގައި ގްރޭޑް 10ގެ އިތުރު ބެޗެއްގެ ދަރިވަރުން އޯލެވެލް ހަދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެއަހަރުގެ މެއި-ޖޫންގައި އަދި އިތުރު ގްރޭޑް 10 ގެ ކުދިން އޯލެވެލް އިމްތިހާނު ހަދާނެ ކަމަށާއި އެއީ މިހާރު ގްރޭޑް 9 ގައި ތިބި ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުންގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ އޯލެވަލްގެ ނަތީޖާ މާބޮޑު އަސަރެއް ނުފެނުނު ނަމަވެސް ދަރިވަރުންގެ ޑިސިޕްލިންއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ޒަމާނުއްސުރެ ދަރިވަރުންނަށް ކިޔަވައިދެމުންދަނީ އިސްލާމީ ތަރުބިއްޔަތާއެކު، ގިނަ އިތުރު ހަރަކާތްތަކާއެކު ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ގައިގައި ރަނގަޅު ޑިސިޕްލިންއެއް ހުންނަ ކަމަށެވެ. އަދި އިތުރު ހަރަކާތުގެ ތެރެއިން ލިޑަރޝިޕް ބިލްޑް ކުރެވޭ ކަމަށް އިހްސާން ވިދާޅުވިއެވެ.
ނަމަވެސް މިގެނައި ބަދަލާއެކު އެހުރިހާ ކަމަކުން ދަރިވަރުން މަހުރޫމްވެ ހަމައެކަނި އޯލެވަލް އިމްތިހާނަށް އެ ދަރިވަރުން ތައްުޔާރުކުރަން މަޖުބޫރުވާ ކަމަށް އިހްސާން ވިދާޅުވިއެވެ.