ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 07:23
ޗެލްސީ އަށް ކުޅެމުން އަންނަ ތިއާގޯ ސިލްވާ
ޗެލްސީ އަށް ކުޅެމުން އަންނަ ތިއާގޯ ސިލްވާ
ރޮއިޓާސް
ޗެލްސީ
ސިލްވާ ޗެލްސީ ދޫކޮށްލަނީ، އެނބުރި އައުމުގެ އުންމީދުގައި
 
އޭނާގެ ވިސްނުން ހުރީ، ޓެކްނިކަލް ޓީމުގައި ހިމެނިގެން ކޮންމެ ވެސް ދުވަހަކުން ޗެލްސީ އަށް ޚިދުމަތް ކުރުމަށް

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފި އެވެ.

ސިލްވާ އެކަން ރަސްމީކޮށް ހާމަކުރުމުގެ ކުރިން، ބައެއް މީޑިއާ ތަކުގައި އޮތީ އެ ވާހަަކަ ރިޕޯޓުކޮށްފަ އެވެ. އެކަން އިއުލާން ކުރަމުން އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ބުނީ، ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ، އަބަދަށް އަލް ވަދާއު ކިޔާނީ ދެން އެނބުރި އަންނަ ބޭނުން ނުވާ މީހުން ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ ވެސް ދުވަހަކުން އެނބުރި ޗެލްސީ އަށް އާދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސިލްވާގެ ވިސްނުން ހުރީ ޗެލްސީ އަށް ޚިދުމަތް ކުރުމަށް އައުމަށެވެ. އެހެން ނަމަވެސް، އެއީ ކުޅުންތެރިޔެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ވިސްނުން ހުރީ، ޓެކްނިކަލް ޓީމުގައި ހިމެނިގެން ކޮންމެ ވެސް ދުވަހަކުން ޗެލްސީ އަށް ޚިދުމަތް ކުރުމަށެވެ.

ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީން ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސިލްވާ އަށް އައު އެއްބަސްވުމެއް ވެސް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުން ސިލްވާ ޤަބޫލު ނުކުރީ ވެސް، ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ބޭނުންވާތީ އެވެ.

ސިލްވާ، ޗެލްސީ ދޫކޮށްލަން ނިންމާފައިވާއިރު ބްރެޒިލްގެ ފްލުމިނެންސޭ އިން އޭނާ ހޯދަން ޝައުޤުވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކުލަބުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ ކަމަށާއި، އެ ކުލަބުން އޮތީ އޭނާ އަށް ހުށަހެޅުން ހުށަހަޅަން ތައްޔާރަށް ކަމަަށް ވެސް ބުނެފައިވެ އެވެ.

ޗެލްސީގައި މިވީ ހަތަރު ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް، 151 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ. މީގެ އިތުރުން އެފްއޭ ކަޕް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވަނީ ދެ ފަހަރު ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް