ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 13:11
އިސްރާއީލުން ދިން ހަމަލާއެއެއްގައި ސުންނާފަތިވެފައިވާ ރަފަހްގެ ގެއެއް -- ފޮޓޯ: އަނަޑޯލު
އިސްރާއީލުން ދިން ހަމަލާއެއެއްގައި ސުންނާފަތިވެފައިވާ ރަފަހްގެ ގެއެއް -- ފޮޓޯ: އަނަޑޯލު
ރަފަޙްއަށް ހަމަލާދިނުން
ރަފަހުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި 20 މީހުން ޝަހީދުވެއްޖެ
 
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މިލިއަނަކަށްވުރެ ގިނަ މީހުން ރަފަޙް ސިޓީގައި ދިރިއުޅޭ

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ ތިން ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ފަސް ކުޑަކުދިންނާއެކު ފަލަސްތީނުގެ 20 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފިއެވެ.

އިސްރާއީލްގެ ނިރުބަވެރި ސިފައިން ތިންފަހަރެއްގެ މަތިން ރޭ ރަފަހްއަށް ހަމަލާދީފައިވާއިރު، ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ޖެނެއިނާ އަވަށުގެ އަލް ޚަތީބު އާއިލާއަށް ނިސްބަތްވާ ގެއަކަށެވެ.

ޝަބޯރާ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް ޚަވާޖާ އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް ދިން ދެވަނަ ވައިގެ ހަމަލާގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

ސަލާމް އަވަށުގެ އަބޫ ތާހާ އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް ދިން ތިންވަނަ ވައިގެ ހަމަލާގައި ތިން ކުޑަކުދިންނާއެކު ފަލަސްތީނުގެ 10 މީހުން ވެސް ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި ކަމަށް ޣައްޒާގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

އިސްރާއީލުން ރަފާއަށްދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ބައިނަލްއަގްވާމީ ގޮތުން ނުރުހުން ފާޅުކުރި ނަމަވެސް، އެ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވެދާނެކަމަށް އިސްރާއީލުން ވެސް ވަނީ ބުނެފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މިލިއަނަކަށްވުރެ ގިނަ މީހުން ދެކުނުގެ އެ ސިޓީގައި ދިރިއުޅެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާދެމުން އަންނައިރު، އަނިޔާވެރިކަން ހައްދުފަހަނައަޅާގޮސް، އިސްރާއީލުގެ ނިރުބަވެރި ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34,454 މީހުން ޝަހީދުވެފައިވާއިރު، 77,575 މީހަކު ވަނީ ޒަހަމްވެފައެވެ.

އދ. އާއި އެނޫން ވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ގައުމުތަކުން މި ގަތުލުއާއްމު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލަމުން އައި ނަމަވެސް މިހާތަނަށް އިސްރާއީލުން މި ކަންކަމަށް އިޖާބަދީފައެއް ނުވެއެވެ. މި ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ ގަރާރެއް ދާދި ފަހުން އދ. ގެ ސަލާމަތާއި ބެހޭ މަޖިލީހުން ވެސް ފާސްކޮށްފައިވާއިރު، މި ގަރާރަށް ވެސް ޔަހޫދީން ބޯލަބާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް